ހަބަރު

"މި ފޯރަމަކީ ދުނިޔެއާ ގުޅުވައިލާ ފާލަމެއް"

މާދަމާ ފަށާ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" އަކީ ރާއްޖެ ތަރައްގީ ކުރުމުގައި ހިއްސާވާން ބޭނުންވާ ފަރާތްތަކާއެކު މި ސަރުކާރުން އާރާސްތުކޮށްދީފައިވާ ބަދަހި ގުޅުމުގައި އެޅިގެންދާނެ ފާލަމެއް ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ދުވަހުގެ ފޯރަމާގުޅޭ ގޮތުން މައުލޫމާތު ދިނުމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ފޯރަމްގައި 35 ގައުމަކާއި، 27 ޖަމިއްޔާއަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ބޭއްވި ޕާޓްނާޝިޕް ފޯރަމް ތަކުގެ ތެރެއިން ބޭރުގެ ބައިވެރިވުން އެންމެ ގިނަ އަދި ތާރީހީ ފޯރަމަކަށް ވެގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާތްގަނޑަކަށް 10 އަހަރު ފަހުން ރާއްޖޭގައި ބާއްވާ ޕާޓްނަޝިޕް ފޯރަމްގެ ބައިވެރިންނަށް ސަރުކާރުން ވިސްނާފައިވާ ބިނާކުރަނިވި އަދި ދެމެހެއްޓެނެވި ތަރައްގީ މަޝްރޫއުތަކުގެ މައުލޫމާތުތަކާއި ތަސައްވަރު ހިއްސާކުރެވިގެންދާނެ ކަމަށެވެ.

"މި ފޯރަމަކީ ފެށުމެއް. ދެ ދުވަހުގެ ފޯރަމް ނިމުނީމަ މިކަން ނިމުނީއެއް ނޫން. ބޭރުގެ ފަރާތްތަކާއެކު އަޅުގަނޑުމެން މި ގާއިމުކުރަނީ ޕާޓްނަޝިޕްތަކެއް ނޫނީ ގުޅުންތަކެއް. މިއީ މި ސަރުކާރުން ގާއިމުކޮށްފައިވާ ބަދަހި ގުޅުމަށް އެޅޭ ފާލަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ފޯރަމްގެ ތެރެއިން، ތަރައްގީގެ މަޝްރޫއުތަކަށް ގިނަ އެހީތަކެއް ލިބިގެންދާނެކަމަށް އުއްމީދު ބޮޑުކަމަށް ވެސް ޝާހިދު ހާމަކުރެއްވި އެވެ. އެގޮތުން، މިހާރުވެސް އެކި ގައުމުތަކާއެކު އެއްބަސްވުންތަކަކާ ހަމައަށް އާދެވިފައިވާކަމަށާއި، ފޯރަމްގެ ތެރެއިން އެ އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސޮއި ކުރަން ނިންމާފައިވާ އެއްބަސްވުންތައް

  • ޖަޕާން - އިގުތިސޯދީ އަދި އިޖުތިމާއީ ދާއިރާއަށް 500 މިލިއަން ޔެން
  • އެމެރިކާ - ދޭން ނިންމާފައިވާ އެހީ 11 މިލިއަން ޑޮލަރަށް އިތުރުކުރުން
  • އީޔޫ - ގްރީންހައުސް އެމިޝަން ކުޑަކުރުމަށް ފަސް މިލިއަން ޔޫރޯ
  • އޭޑީބީ - 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް
  • ޖޯޖިއާ - ޓޫރިޒަމާގުޅޭ އެއްބަސްވުމެއް

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އެހެން ފަހަރުތަކާއި ހިލާފަށް މާދަމާ ފެށޭ ދެ ދުވަހުގެ ފޯރަމް ތަފާތުވާނެ ކަމަށެވެ. އެގޮތުން، ސަރުކާރުގެ މެނިފެސްޓޯގެ އިތުރުން ގައުމީ ތަރައްގީގެ މާސްޓާ ޕްލޭންގެ ދަށުން ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ތަސައްވަރުގައި ކަނޑައެޅިފައިވާ މަޝްރޫއުތައް މިހާރުވެސް ފޯރަމްގެ ބައިވެރިންނާ ހިއްސާކުރެވިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާއާ، ކަރުދާސްތައް ވެސް ކަނޑައަޅާ ނިންމާފައިވާކަމަށް އަމީރު ވިދާޅުވި އެވެ.

އެ މަޝްރޫއުތަކާއި ގުޅޭގޮތުން އަމީރު ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއްދީފައިވަނީ އިޖުތިމާއި އަދި އިގުތިސޯދީ ގޮތުން ގައުމަށް ފައިދާ ކުރާނެ މަޝްރޫއުތަކަށް ކަމަށެވެ. އެގޮތުން، ސިއްހީ ދާއިރާއާއި، ފެނާއި ނަރުދަމާގެ އިތުރުން ތައުލީމުގެ ދާއިރާ ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާނެކަމަށް އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން، މާލޭ ހާބަރު ތިލަފުއްޓަށް ބަދަލުކުރުން ފަދަ ބިޔަ މަޝްރޫއުތަކަށް ބޭރުގެ އެހީތެރިކަން ހޯދަންވެސް އެ ފޯރަމްގެ ތެރެއިން ހުށަހެޅިގެންދާނެކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"ރާއްޖެއަށް އެހީވާން ގިނަ ގައުމުތަކުން ބޭނުންވޭ. އެކަމަކު އެމީހުން މި ބުނަނީ ކޮބާހޭ މަޝްރޫއުތައް. ކޮބާހޭ ޕްރޮޕޯސަލްތައް. އެހެންވީމަ، އަޅުގަނޑުމެންގެ ތަރައްގީގެ ވިސްނުމުގެ ތެރެއިން ހުރި މަޝްރޫތަކަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް އެ ފޯރަމްގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ހުށަހެޅިގެންދާނެ،" އަމީރު ތަފްސީލްކޮށްދެއްވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ، މަޝްރޫއުތަކަށް ފައިސާ ހޯދާއިރު، ދައުލަތުގެ ބަޖެޓުގައި މިހާރު ހިމެނިފައިވާ ދަރަނީގެ މިންވަރު އިތުރު ނުވާނެ ގޮތަކަށް ސަރުކާރުން ޕްލޭންތައް ހަދަމުން ގެންދާ ކަމަށެވެ.

"ދަރަނި އިތުރުވާނެ މިންވަރު ބަޖެޓުގައި ހިމެނިފައިވާނެ. މިސާލަކަށް ދަންނަވަންޏާ އަޅުގަނޑުމެން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މާނައަކީ މިއަދު ރާއްޖޭގެ ދަރަނި އެ އަދަދުން އިތުރުވުމެއް ނޫން. އެ ފައިސާ ޑިސްޕާސް ކުރެވޭ މިންވަރަކުން ދަރަނި އިތުރު ވާނީ. އެހެންވީމަ އަޅުގަނޑުމެން ފައިސާ ހަރަދު ކުރާނީ ފީސިބަލް ޕްރޮޖެކްޓްތަކަށް ވިސްނައިގެން،" މިނިސްޓަރު ތަފްސީލް ކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން އެކުލަވާލަމުންދާ ޕްލޭންތަކުގައި މައިގަނޑު ގޮތެއްގައި ވިސްނުން ބައްޓަން ކުރަނީ ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރަމުން، ތަރައްގީގެ އާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެކެވެ.

އެގޮތުން ހިންގޭ މަޝްރޫއުތައް ކަނޑައެޅުމުގައި ގައުމީ ތަރައްގީގެ މާސްޓާޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ބޭރުގެ މާލީ އިދާރާތާކުގެ އެހީތެރިކަމާއެކު ކުރެވެމުންދާ ކަމަށާއި، އެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމައިލެވޭނެކަމަށް އަމީރު ވިދާޅުވި އެވެ.