ހަބަރު

ރާއްޖެ ތަރައްގީކުރަން ދަރަނި އިތުރެއް ނުކުރާނަން: މިނިސްޓަރު

ސަރުކާރުން ރާއްޖެ ތަރައްގީ ކުރަން ހުށަހަޅާފައިވާ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ބޭރުން ހޯދަނީ، ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ދަރަނީގެ ނިސްބަތް އިތުރު ނުވާނެ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މާދަމާ ފަށާ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، މަޝްރޫއުތަކަށް ފައިސާ ހޯދާއިރު، ދައުލަތުގެ ބަޖެޓުގައި މިހާރު ހިމެނިފައިވާ ދަރަނީގެ މިންވަރު އިތުރު ނުވާނެ ގޮތަކަށް ސަރުކާރުން ޕްލޭންތައް ހަދަމުން ގެންދާ ކަމަށެވެ.

"ދަރަނި އިތުރުވާނެ މިންވަރު ބަޖެޓުގައި ހިމެނިފައިވާނެ. މިސާލަކަށް ދަންނަވަންޏާ އަޅުގަނޑުމެން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މާނައަކީ މިއަދު ރާއްޖޭގެ ދަރަނި އެ އަދަދުން އިތުރުވުމެއް ނޫން. އެ ފައިސާ ޑިސްޕާސް ކުރެވޭ މިންވަރަކުން ދަރަނި އިތުރު ވާނީ. އެހެންވީމަ އަޅުގަނޑުމެން ފައިސާ ހަރަދު ކުރާނީ ފީސިބަލް ޕްރޮޖެކްޓްތަކަށް ވިސްނައިގެން،" މިނިސްޓަރު ތަފްސީލް ކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން އެކުލަވާލަމުންދާ ޕްލޭންތަކުގައި މައިގަނޑު ގޮތެއްގައި ވިސްނުން ބައްޓަން ކުރަނީ ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރަމުން، ތަރައްގީގެ އާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެކެވެ.

އެގޮތުން ހިންގޭ މަޝްރޫއުތައް ކަނޑައެޅުމުގައި ގައުމީ ތަރައްގީގެ މާސްޓާޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ބޭރުގެ މާލީ އިދާރާތާކުގެ އެހީތެރިކަމާއެކު ކުރެވެމުންދާ ކަމަށާއި، އެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމައިލެވޭނެކަމަށް އަމީރު ވިދާޅުވި އެވެ.

"މާސްޓާ ޕްލޭންގެ އިތުރުން، ރާއްޖޭގެ ސްޕޭޝަލް ޕްލޭނެއް ވެސް އެބަ އެކުލަވާލަން. އޭގެ ދަށުން އަޅުގަނޑުމެން ތަރައްގީ ކުރާނީ ރާއްޖޭގެ ކޮން ކޮން ސަރަހައްދުތަކެއް ކަން ކަނޑައެޅޭނެ. މިސާލަކަށް ސިޓީ ނޫނީ ޓައުންތަކުގެ ގޮތުގައި ތަރައްގީ ކުރާނީ ކޮން ތަންތަނެއްތޯ އަދި އެތަންތަނގާ ގާއިމުކުރާނީ ކޮން ކަހަލަ ހިދުމަތްތަކެއްތޯ ކަނޑައެޅޭނެ،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި، ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ ދުރާލާ ރޭވިގެން، ރައްޔިތުންނާއި ގާތުން އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ހިންގޭ މަޝްރުއުތައް ކަމަށެވެ.

"ސަރުކާރުން ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކަށް ފައިސާ ހަރަދުކުރަނީ ދުރާލާ ރޭވިގެން ވަރަށް ވިސްނައިގެން. އަދި ފައިސާ ހަރަދުކުރާއިރު، ރައްޔިތުންގެ ބޮލުގަ ދަރަނި އެޅުމުގެ ނިސްބަތް ވީހާވެސް ކުޑަކުރެވޭތޯ އަޅުގަނޑުމެން ބަލަމުންދާނީ،" ޝާހިދު ވިދާޅުވި އެވެ.

އެންމެ ފަހުން އާނމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ރިޕޯޓުގައިވާ ގޮތުން 2016 އިން 2018 އަަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 18.2 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. އަދި މި މުއްދަތުގައި ބޭރު ދަރަނި ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނިވަނީ 27 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ދެ ދުވަހުގެ ފޯރަމްގައި 35 ވަރަކަށް ގައުމަކާއި، 27 ޖަމިއްޔާތަކަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. ރާއްޖޭގައި މިހާތަނަށް ހަތަރު ޕާޓްނާޝިޕް ފޯރަމް ބޭއްވިފައިވާއިރު، މިއީ ބޭރުގެ ބައިވެރިވުން އެންމެ ގިނަ ފޯރަމްކަމަށް މިނިސްޓްރީން އިތުރަށް ބުންޏެވެ.

ފޯރަމާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ މި ފޯރަމަކީ ފެށުމެއް ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުއާއެކު މިހާރު ގާއިމުކުރެވިފައިވާ ބަދަހި ގުޅުމަށް އެޅޭ ފާލަމެއް ކަމަށެވެ.

އެ ފޯރަމްގައި މައިގަނޑު ފަސް ދާއިރާއަކުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތުތައްދީ، އެކަމުގައި ވެދެވޭނެ އެހީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ހުޅުވާލާފައިވާ ގޮތާމެދު ވެސް މައުލޫމާތު ދޭނެ އެވެ. މީގެ އިތުރުން ޝަރުއީ ދާއިރާއަށް ގެންނަން ގަސްދުކުރާ އިސްލާހުތަކުގެ މައުލޫމާތު ވެސް ފޯރަމްގައި ބޭރުގެ މަންދޫބުންނަށް އަރުވާނެކަމަށް ޝާހިދު ވިދާޅުވި އެވެ.