ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

އެމްބިއުލާންސް ހަލާކުވެ ހިދުމަތް ނުދެވޭ ރަށްތައް 50 އަށްވުރެ ގިނަ: އަމީން

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފަންސާހަށްވުރެ ގިނަ ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ އެ ހިދުމަތް ނުދެވިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ އެމްބިއުލާންސް ނެތީ އެންމެ ހަތަރު ރަށުގައި ކަމަށެވެ. އެކަމަކު ގިނަ ރަށްރަށުގައި އެމްބިއުލާންސް ހުރި ނަމަވެސް އޭގެ ތެރެއިން 50 ރަށެއްގައި ބޭނުން ކުރެވޭ ފެންވަރަށް ވުރެ އެމްބިއުލާންސްގެ ހާލަތު ދަށް ކަމަށެވެ. އެހެންކަމުން އެއީ އެމްބިއުލާންސް ހުރި ރަށްތަކުގެ ގޮތުގައި ސަރުކާރުން ނުދެކޭ ކަމަށެވެ.

"ގިނަ ރަށްރަށުގައި އެމްބިއުލާންސް އޮންނާނެ. އެކަމަކު އެއިން ފަންސާހަކަށް ރަށުގައި އޮންނާނީ ހަލާކުވެފަ. އެއެއް ނުއެއް ދުވާނެ. އޭގައި އޭސީ ހަލާކުވެފައި ހުންނާނީ. ފުރޮޅެއް ނުހުންނާނެ. މަރާމާތު ކުރެވޭނެ ގޮތެއް ނޯންނާނެ. މި ރަށްރަށުގައި އެމްބިއުލާންސް ހުރި ކަމަށް ވިޔަސް، އަޅުގަނޑުމެން ނުބަލަން އެއީ އެމްބިއުލާންސް ހުރި ރަށްރަށް ކަމުގައި،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އެމްބިއުލާންސް ބޭނުން ނުކުރެވޭ ހާލަތުގައި ހުރުމުގެ ސަބަބުން ނުވަތަ އެމްބިއުލާންސް ނެތިގެން ބައެއް ރަށްރަށުގައި ބަލިމީހުން ގާޑިޔާތަކުގައި ވެސް އުފުލަ އެވެ. އެމްބިއުލާންސްގެ ހިދުމަތް ނެތުމަކީ ރަށްރަށުގެ އާންމުންގެ ތެރޭގައި ބޮޑު ޝަކުވާ އެކެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ދައުލަތުގެ ހަރަދުގައި 20 އެމްބިއުލާންސެއް ގެނައުމެއް މަސައްކަތް ކުރަމުންދާ ކަމަށާއި ބޭރުގެ އެކިއެކި އެހީތަކުގެ ތެރެއިން 21 އެމްބިއުލާންސެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 70 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ އެއް ރަށުން އަނެއް ރަށަށް ކަނޑުމަގުން ބަލި މީހުން އުފުލުމަށް ބޭނުންވާ ސީއެމްބިއުލާންސްގެ ހިދުމަތް ދިނުމަށް މިހާރު ބޭނުން ކުރަނީ ވަރަށް ކުރީގެ ފެންވަރުގެ އެމްބިއުލާންސްތަކެއް ކަމަށެވެ. އެހެންކަމުން މިހާރު ވެސް އިތުރު 25 ސީއެމްބިއުލާންސް ހޯދަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭނުންވާ ކޯލް ސެންޓަރާއި އިމާރާތުގެ އިތުރުން މުވައްޒަފުން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރުފަވުމާއެކު އެމްބިއުލާންސްގެ ހުރިހާ ހިދުމަތެއް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ކުރިން ބުންޏެވެ.