ކުޅިވަރު

ސްޕުންއާ ގުޅުވައި ފެތުރި ވާހަކަ އެމްބީއޭއިން އޮޅުން ފިލުވައިދީފި

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓާ ސްޕުން ވިމާލް ބެހޭ ގޮތުން ފެތުރުނު ވާހަކަތަކާ ގުޅިގެން އެމްބީއޭއިން ބައެއް ކަންކަން ސާފުކޮށްދީފި އެވެ.

ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުގެ އޮފިޝަލުންނާއި، ބައެއް ކުޅުންތެރިންނާއި ބައެއް ބެލެނިވެރިން އަވަސްއަށް ދިން އިންޓަވިއުތަކަކަށް ބިނާކޮށް ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން އަވަސްއަށް ދިން އިންޓަވިއުގައި އެމްބީއޭގެ ޓްރެޒަރާ އަހްމަދު އާދަމް ވިދާޅުވީ ސްޕުންގެ މަސައްކަތާ މެދު ހިތްހަމަ ނުޖެހިގެން އުޅެނީ ސްޕުން ހިފަހައްޓާ ހަރުދަނާ އުސޫލުތަކާ މެދު ހިތްހަމަ ނުޖެހޭ ބަޔަކު ކަމަށެވެ.

ސްޕުންގެ މުސާރައާ ގުޅޭ ގޮތުން އެމްބީއޭގެ ޖެނަރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ސްޕުންއަށް ދެމުން އައީ 1000 ޑޮލަރަށްވާ ވަރުގެ މުސާރައެއް ކަމަށެވެ.

"މިދިޔަ އަހަރު ޖޫންގެ ފަހުން ސްޕުންގެ މުސާރަ 2000 ޑޮލަރަށް ބޮޑު ކުރީ،" މުސާރަ ޝީޓްތައް އަވަސްއާ ހިއްސާ ކުރަމުން އޭނާ ވިދާޅުވި އެވެ. "މިހާރު އޭނާއަށް ދޭނެ 30،000 ރުފިޔާ، އަދި އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ކުލީގެ ގޮތުގައި 12،000 ރުފިޔާ ދޭނެ، ކޮއްތު ފައިސާގެ ގޮތުގައި 2000 ރުފިޔާ."

އަހްމަދު އާދަމް ވިދާޅުވީ، ގައުމީ ޓީމުގެ ކުޅުންތެރިންނަކީ ހަރުދަނާ އެތުލީޓުންނަށް ހެދުމަށް ސްޕުން ކޮށްފައިވާ މަސައްކަތް ވެސް ފާހަގަ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގައުމީ ޓީމު ރާއްޖެއިން ބޭރަށް ފުރަން ދާން ހަމަޖެހިފައި އޮތް ދަތުރަކަށް ގަޑި ޖެހުމުން އޭނާ ދޫކޮށްލާފައި ޓީމް އެއާޕޯޓަށް ދިޔަ ކަމަށާއި އެހެން ހަދަނީ ހަރުދަނާ އުސޫލުތައް ހިފެހެއްޓުމަށް ކަމަށެވެ. ފަހުން އެ ކުޅުންތެރިޔާ ޓީމާ ގުޅުނީ ވަކީ އެއާޕޯޓަށް ގޮސް ކަމަށެވެ.

"އެއްވެސް ކޯޗަކު ނިންމާ ނިންމުމަކަށް އެއްވެސް އެއްޗެއް އެކްސްކޯއިން ނުބުނާނެ، އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން، އެހެންނަމަވެސް ކުޅުންތެރިޔަކު ގައުމީ ޓީމުން ބާކީވީމަ އެ ކުޅުންތެރިޔަކު ބާކީވީ ސަބަބު ހޯދަން ބޭނުންނަމަ އެކަމަށް މަރުހަލާތަކެއް އެސޯސިއޭޝަންގައި ހުންނާނެ ކަނޑައެޅިފައި،"

އޭނާ ވިދާޅުވީ ވަކި ޓީމަކަށް ތަފާތު ކުރުމެއް އުސޫލެއް ކޯޗް ނުގެންގުޅޭ ކަމަށާއި އެފަދަ ކަންކަމަށް އެސޯސިޭޝަނުން ވެސް އެއްވެސް އިރެއްގައި ބާރު ނާޅާނެ އިރު އެއީ އެއްވެސް ކޯޗެއްގެ ފިލޯސަފީއަކަށް ވެސް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މުބާރާތްތައް ވާދަވެރި ކަމާއެކު ކުރިއަށް ގެންދިއުމަށް ބައެއް ޓީމުތަކާއި ކުޅުންތެރިން ސްޕުންގެ ޓެކްނިކަލް އެހީތެރިކަން އަބަދުވެސް ހޯދާ ކަމަށެވެ.