ހަބަރު

މާލެ- ވިލިނގިލި ބްރިޖުން ގުޅާލަން 488 މިލިއަން ޑޮލަރު މަޝްރޫއެއް

މާލެ - ވިލިނގިލި އަދި ގުޅީފަޅާއިި ދެމެދުގައި ބްރިޖް އަޅަން، 488 މިލިއަން ޑޮލަރު މަޝްރޫއެއް ފަށަން ބޭނުންވާ ފައިސާ ހޯދަން ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ތައްޔާރު ވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި މާދަމާ ފަށާ، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019 އިގެ ވެބްސައިޓުގައިވާ ގޮތުން 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގައި ބްރިޖު އެޅުމުގެ އިތުރުން މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުން ވެސް ހިމެނެ އެވެ.

މާލެ - ވިލިމާލެ އަދި ގުޅީފަޅު ބްރިޖުން ގުޅާލުމާއި މާލެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއެއް ފަށަން ސަރުކާރުން ތައްޔާރުވާއިރު ކުރީގެ ސަރުކާރުން ވެސް ބްރިޖު އެޅުމުގެ މަޝްރޫއެއް ހިންގާފަ އެވެ. އެގޮތުން ހުޅުމާލެ އާއި މާލެ ވަނީ ބްރިޖަކުން ގުޅާލާފަ އެވެ. މި މަޝްރޫއުގެ އަގު 200 މިލިއަން ޑޮލަރަށް އަރަ އެވެ. މި ބްރިޖުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ސީސީސީ ކުންފުނިންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޕާޓްނާޝިޕް ފޯރަމްގައި 30 ގައުމުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ބޭރުގެ ބައެއް މާލީ އިދާރާތައް ވެސް ހިމެނެ އެވެ.