(12 ޖޫން 2019 އާ ގުޅޭ)
"މަންހާ....މަންހާ....ލޯހުޅުވާލަބަލަ، ކިހިނެއްތަވީ" ދާއިންގެ އަތުގެތެރޭގައި އޮތް މަންހާގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ގޮވާލިއެވެ. ދާއިންގެ މޫނުމަތިންވެސް ކަންބޮޑުވުން ފެނުނެވެ. މަންހާ ކުޑަކުޑަކޮށް ލޯހުޅުވާލާފަވެސް ދެލޯމަރާލުމާއިއެކު ދާއިންގެ އަތުގެތެރެއަށް ދެމުނެވެ. އަތްދަނޑިމައްޗަށް މަންހާ އުފުލާލަމުން ދާއިން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.
"ދަރިފުޅާ، މަންހާ ހޮސްޕިޓަލަށް ގެންދެވޭތޯ ބަލަންވީނު، ނޫނީ ޒައުލްއަށް ގުޅަންވީނު" މޫމިނާ ހާސްވެފައިހުރެ ދާއިންގެ ފަހަތުން ދަމުން ބުނެލިއެވެ.
ގިނައިރުތަކެއްނުވެ މަންހާ މަޑުމަޑުން ލޯހުޅުވާލިއެވެ. އޭރު އޭނަގެ ދާދި ގާތުގައި މޫމިނާ އިށީނދެލައިގެންއިނެވެ. އަދި ފޯނުން ވާހަކަދައްކަމުން ހާސްކަމާއިއެކު ދެކޮޅަށް ހިނގާލަ ހިނގާލަ ދާއިންހުއްޓެވެ. މަންހާއަށް އޭނައަށް އޮވެވުނީ ކޮންތާކުކަން ނަގައިގަނެވުނެވެ. އެއީ ދާއިން އާއި ޒާރާގެ ކޮޓަރިއެވެ.
"މަންމާ...." މަންހާ މޫމިނާއަށް ބަލާލަމުން ގޮވާލިއެވެ.
"ދާއިން، މަންހާ.........ދަރިފުޅަށް ކިހިނެއްތަވީ" މޫމިނާ ދާއިންއަށް ގޮވާލަމުން މަންހާގެ ނިތުގައި ފިރުމާލަމުން އަހާލިއެވެ.
"ނޭނގެ.........ކުއްލިއަކަށް ހީވީ މުޅިތަން އެނބުރިގަތްހެން، ދެން މުޅިހަށިގަނޑުން ވަރުދޫވީ" މަންހާ އޭނައަށް އިޙްސާސްވިގޮތް ކިޔާދިނެވެ. ހަމައެވަގުތު ޒައުލް އާއިއެކު ބޭރުއަންހެނެއް އެކޮޓަރިއަށް ވަތްތަން ފެނުނެވެ.
"ގައިމު ބުނި މަންހާގެ ހަބަރުހުސްވެފައޭ އޮތީ، އެކަމަކު އެއޮތީ ލޯހުޅުވައިގެންނު" ޒައުލް މަންހާއަށް ބަލާލާފައި ދާއިންއަށް ބުނެލިއެވެ.
"ހަމަ ދެންމެ ހޭވެރިކަމެއްއެވީ...." މޫމިނާ ތެދުވަމުން ޒައުލްއަށް ތަންދެއްކިއެވެ.
"އެހެންތަ، މީ ޑޮކްޓަރު ކެތީ............." ޒައުލް އޭނަ އާއިއެކު ހުރި ޒުވާން އަންހެން ޑޮކްޓަރު ތައާރަފްކޮއްދިނެވެ. އަދި މަންހާ އާއި ޑރ. ކެތީ އެކަނިވެލަން ވަގުތުކޮޅެއް ދެމުން އެހެން މީހުން ކޮޓަރިން ބޭރަށް ނުކުތެވެ.
ޑރ. ކެތީ އާއި ވަރަށް ގިނަ ވާހަކަތަކެއް ދެކެވުމަށްފަހު މަންހާއަށް ލަފާދިނީ ޒައުލްގެ ކްލިނިކަށް އައިސް ބައެއް ޓެސްޓުތައް ހަދާލުމަށެވެ. އޭނައަށް ހީވާ ހީވުން ޔަގީންވާނީ އޭރުން ކަމަށް ބުނަމުންނެވެ. ޑރ. ކެތީ ދާއިންއަށްވެސް ލަފާއެރުވީ ހަމައެގޮތަށެވެ. ވީހާވެސް އަވަހަކަށް ޓެސްޓު ހެދުމަށް ކްލިނިކަށް އައުމަށެވެ. މޫމިނާގެ އެތަށް ސުވާލެއްވެސް ޑޮކްޓަރު ކެތީއާއި ޒައުލްއަށް އަމާޒުވެގެންދިޔައެވެ. ކަންބޮޑުވާންވީ އެއްވެސް ކަމެއް އަދި ނެއްކަމުގައި ޒައުލް ބުންޏެވެ. މޫމިނާ ޒައުލް އަށާއި ޑރ. ކެތީއަށް ސައިމޭޒުދޮށަށް ދައުވަތުއެރުވުމާއިއެކު ދާއިން އަވަސްވެގަތީ މަންހާގެ ގާތަށް ދިއުމަށެވެ.
"މިހާރު ކިހިނެއް؟ ރަނގަޅުތަ؟" ދާއިން މަންހާގެ ގާތުގައި އެނދުގައި އިށިންނަމުން އަހާލިއެވެ. މަންހާ ދާއިންއަށް ޖަވާބުދެމުން ބޯޖަހާލިއެވެ. ދާއިން މަންހާގެ އަތްތިލާގައި ހިފާލަމުން އެމޫނުގައި ފިރުމާލީ ވަރަށްވެސް ލޯބިންނެވެ.
"މަންހާ ބަލިވީތަ؟" ވާނުވާނޭގިފައިހުރި ޒާރާ އެންމެ ފަހުން ދާއިން އާއި ސުވާލުކޮއްލިއެވެ. އަދި އެނދަށް އަރާ މަންހާގެ ގާތުގައި އިށީނދެލާފައި މަންހާގެ ބޮލުގައި ފިރުމަންފެށިއެވެ. ހިނިއައިސްފައި މަންހާ ޒާރާގެ އަތުގައި ހިފާލިއެވެ.
"މަންހާއަށް އެއްވެސް ކަމެއްނުވެއޭ، މަންހާ މިހިރީ ހަމަ ފިޓްކޮށެއްނު........" މަންހާ ކުޑަކޮށްތެދުވެލަމުން ބުނެލިއެވެ. ދާއިން މަންހާ ތެދުވުމަށް އެހީތެރިވެދިނެވެ.
"ތައްޔާރުވެލަންވީނު، އޭރުން އަވަހަށް ޓެސްޓްހަދަން ދެވޭނީ..........ޒައުލްވެސް ބުނި އަވަސް ކުރުމަށް، މަންހާއަށް އެއްވެސް ކަމެއްވާކަށް އަހަރެން ނޭދެން" ދާއިން ބުނެލިއެވެ.
"ހުރިހާ އެންމެން ހާސްވާވަރުގެ ބޮޑުކަމެއް ނޫނޭ އެއީ، އަހަރެން ކުރިއަށްވުރެވެސް ރަނގަޅަށް މިހާރު ކަން، އެކަމަކުވެސް ވަރުބަލިވާގޮތްވަނީ، އަހަރެންވެސް އަމިއްލަ ސިޙައްތަ ބަލަމޭ، ދެން ބުނެބަލަ........ދާއިން ވަރަށް ދެރަވާނެތަ އަހަންނަށް ކަމެއްވެއްޖެނަމަ............" އެނދުގައި ތެދުވެ އިށިން މަންހާ ދާއިން އާއި ގާތްވެލަމުން އޭނަގެ މޫނުގައި ދެއަތުން ހިފާލާފާއި ބުނެލިއެވެ. ނަމަވެސް ދާއިން އަވަސް އަވަހަށް މަންހާގެ އަތް ދުރުކޮއްލަމުން ތެދުވީ ޒާރާއަށް ބަލާލާފައެވެ. ދާއިންގެ އެހަރަކާތުން ވީކީއްކަން މަންހާއަށް ނަގައިގަނެވުނެވެ.
"ޒާ، މަންމަ ކައިރީ މަޑުކޮއްލާ، ދާން އަންނާނަން މަންހާއަށް ހެލްޕްވެފަ، އޯކޭ....." ދާއިން ޒާރާގެ ކޯތާފަތުގައި ފިރުމާލަމުން ބުނެލިއެވެ. އެހާލޯތްބާއިއެކު ބުނުމުން ޒާރާ އަވަސް އަވަހަށް އެއްބަސްވެއްޖެއެވެ. އަދި ޒާރާ މަންހާ ކޮޅަށް ތެދުވުމަށް އެހީތެރިވެދިނެވެ.
މަންހާގެ އެޕާރޓްމެންޓަށް ވަދެވުމާއިއެކު ދާއިން މަންހާގެ ގައިގާ އޮޅުލައިގަތެވެ. އެމޫނުގެ އެތަންމިތަނުގައި ބޮސްދިނެވެ. އޭނަ ކަންބޮޑުވެފައިވާވަރު މަންހާއަށް އިޙްސާސް ކުރެވުނެވެ. ދާއިންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ލޮލާލޯ އަމާޒުކޮއްލިއެވެ. މިފަހަރު ދާއިން މަންހާ ދުރުކޮއްލުމަކަށް ނޫޅެއެވެ.
"އަވަހަށް ތައްޔާރުވޭ، އެގޮތަށް އަނބުރައިގަތީ ކީއްވެގެންތޯ ބަލަން އަހަރެން ބޭނުން........މިފަހަރު އަހަރެންގެ އަތުގައި ޖެހޭ ހިސާބުގައި މަންހާ ނެއްނަމަ ހުރިގޮތަށް ވެއްޓޭނީކަން ޔަގީން، ޓައިލްސްތަކުގައި ޖެހި ބޯފަޅައިގެން ގޮސް ތަނެއް ބިންދައިގެން ދިޔަނަމަ...........ޔޫ ސްކެއަރޑްމީ ގާލް..........އަހަރެން ބޭނުމެއްނޫން ދެވަނަ ފަހަރަށް އެހެންވާކަށް" ދާއިން މަންހާ ގޮވައިގެން ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
"އައި ލަވް ޔޫ........އަހަންނަށް އެނގޭ ދާއިން އަބަދުވެސް ހުންނާނެކަން އަހަރެން ކައިރީ، އެހެންވެ ދެވަނަ ފަހަރަށް ކީއްކުރަން ތިންހަތަރު ފަހަރަށް އެގޮތަށް ވެއްޓުނަސް އެންމެ ރަނގަޅު..........ހެ ހެ ހެ" މަންހާގެ ދެއަތުން ދާއިންގެ އުނަގަނޑުގައި ހިފާލަމުން ބުނެލިއެވެ.
"އިޓްސް ނޮޓް ފަނީ.........." ދާއިންވެސް މިހެން ބުނެލަމުން ހިނިތުންވެލިއެވެ.
މެންދުރުވާންވިއިރު ދާއިން މަންހާގެ ލޭގެ ޓެސްޓެއް ހަދައިގެން ގެއަށް އައިއްސިއެވެ. މަންހާ އޭނަގެ ކޮޓަރީގައި އަރާމުކޮއްލުމަށް ޖައްސާލައިގެން އޮތެވެ. އޭނަގެ އެސްފިޔަތައް ބަރުވެ ނިދީގެ އަރާމުކަމަށް ގެނބިގެން ދިޔައީ ކޮންއިރަކު ކަމެއް ނޭގެއެވެ. ދާއިން އިރުއިރުކޮޅާ ޒައުލްއަށް ގުޅާލައެވެ. މަންހާއަށް ވީގޮތެއް އޮޅުން ފިލުވުމަށެވެ. ޓެސްޓުގެ ނަތީޖާ ބުނަނީ ކީކޭކަން އޮޅުންފިލުވުމަށެވެ.
"ވަރަށް ލޯބިވޭ ދޯ ހަގު އަނބިދެކެ؟" ހަވީރުގެ ވަގުތުގައި ޒައުލް އާއިއެކު ރެސްޓޯރެންޓެއްގައި ކޮފީބޯން އިން ދާއިންއަށް ޒައުލް ބުނެލިއެވެ.
"ހެ ހެ ހެ.........." ދާއިން ލުއިގޮތަކަށް ހީލިއެވެ.
"ނުބުންޏަސް އަހަންނަށް އެނގޭ، ދާއިންގެ ހުރިހާ ސަމާލުކަމެއް މިހާރުވަނީ މަންހާ އާއިއެކު، މަންހާއަށް އެނގޭތަ ދާއިން އޭނަދެކެ ލޯބިވާކަން........" ޒައުލް އަހާލިއެވެ.
"ޒައްލޭ ކޮންވާހަކައެއްތަ ތިދައްކަނީ، ތިމަޢުލޫއަށް ވާހަކަ ދައްކަންތައް އެހާ އާރޖެންޓުކޮށް ކޮފީއަކަށް އައުމަށް ބުނީ" ދާއިން ވާހަކަ ބަދަލުކޮއްލަން ބޭނުންވިއެވެ.
"އަހަރެން ބުނަންމިއުޅޭ ވާހަކަ އަޑުއިވުމުން ދާއިންއަށް ކުއްލި ޝޮކެއް ޖެހިދާނެތީ ބިރުގަނޭ" ޒައުލް ހިނިއައިސްފައި ބުނެލިއެވެ.
"ހެ ހެ ހެ.....އައްދޭ އަހަރެން އަދިވެސް ވަރަށް ފިޓުވާނެ، މަށަށް ޔަގީން މިހާރުވެސް ޒައްލޭއަށްވުރެ ފިޓުވާނެކަން" ދާއިންވެސް ޒައުލްގެ ސަމާސާގައި ބައިވެރިވެލިއެވެ. ޒައުލް އޭނަގެ ފަޓުލޫނު ޖީބުން ނަގާފައި ދާއިންއަށް ދިއްކޮއްލީ ހިމަދިގު ސިޓީއުރައެކެވެ.
"މީ ކޯއްޗެއް، އޯ.......މަންހާގެ ޓެސްޓް ރިޒަލްޓު ދޯ.......ޕޮޒިޓިވް.......ކޮންކަމަކަށް ޕޮޒިޓިވްވެފަ މިއޮތީ، ޒައްލޭ މީގަމިވަނީ ކިހިނެއްކަން ނިކަން މަށަށް ކިޔާދީބަލަ، މަންހާ ބަލީތަ؟" ދާއިންގެ މޫނުމަތީގައިވި ސަމާސާގޮތްގަނޑު ކެނޑި ނިތަށް ރޫއަރުވާލިއެވެ.
"މިއޮއްހުރިހާ ދުވަހު މަންހާއާއިއެކު ސިއްރުން ކުރަމުން އައިކަންތައް މިއޮތީ ފަޅާއަރާފަ........ދެންފެންނާނީ ދުވަސްކޮޅެއްފަހުން މަންހާގެ ބަނޑެއް ލާފައި ހުއްޓަ........" ޒައުލް ހެމުން ބުނެލިއެވެ.
"ވަޓް......." ދާއިންއަށް ލިބުނު ހައިރާންކަމުން ބާރަށް ބުނެލެވުނެވެ.
"ހެ ހެ ހެ ހެ...........ގަބޫލެއް ނުކުރެވުނުތަ، ބަޓް ޝީޒް ޕްރެގްނެންޓް، މަންހާ އިނީ ބަލިވެ، ޑރ. ކެތީގެ ވާހަކަތަކުން މަންހާގެ ބަނޑަށް ދޮޅުމަސް.........." ޒައުލް ދާއިންގެ ގޮނޑުގައި ޖަހާލިއެވެ.
"މަންހާ............އުމުރުން ސާޅީސް އަހަރުވީފަހުން އަހަރެންގެ ދިރިއުޅުން ފުރިހަމަވެއްޖެ ކަމުގެ އިޙްސާސް ކުރެވިއްޖެ...........ހެ ހެ ހެ ހެ...........ޒައުލް......" ދާއިންއަށް އުފަލުންގޮސް ހެވެނީއެވެ. ހެމުން ހެމުންގޮސް ދެލޯ ފެންކަޅިވިއިރުވެސް އޭނައަކަށް ހުނުން ކޮންޓްރޯލެއް ނުކުރެވުނެވެ. އެންމެފަހުން މޫނުގައި އަތްއަޅާލެވުމާއިއެކު ދެލޯ ފޮހެލައިފިއެވެ. އޭނައަށް ރޮވުނީއެވެ.
"އަވަހަށް މިޚަބަރު ހިފައިގެން ގެއަށް ދޭ، އަހަރެން އިތުރަށް ދާއިން ހިފަހައްޓާކަށް ބޭނުމެއްނޫން، އަވަހަށް މަންހާއަށް މިޚަބަރުދީ.........އާން، އަދި އެއްކަންތައް، ހުސްއަތާ މަންހާގެ ގާތަށް ނުދާތި.........ޝީއިޒް ސްޕެޝަލް.......އެހެންނު" ޒައުލް ދާއިންގެ އަތުގައި ޖަހާލަމުން ބުނެލިއެވެ.
"ހޫމް......ޝީ އިޒް ސްޕެޝަލް، ވެރީ ވެރީ ސްޕެޝަލް........ޒައުލްއަށް ފަހުން ގުޅާނަން، ދެންމިވަގުތު ގޮސްލިޔަސް އެންމެ ރަނގަޅުދޯ........" ދާއިން ތެދުވަމުން ބުނެލިއެވެ.
"އާން، އާން އަވަހަށް ދޭ، މިއުފާވެރި ޚަބަރާއިގެން ގެއަށްދޭ، އަވަސްއަރުވާލިއަސް ބަލައިގެން ކާރުދުއްވާތި......ސަލާމަތުން މަންހާގެ ގާތަށް ދެވޭތޯ ބަލާތި" ޒައުލް މިހެން ބުނެލަމުން ހީލިއެވެ. މިއަދު އޭނަވެސް އެއިނީ އޭނަގެ އެންމެ ޒަމާންވީ ގާތް ރަޙުމަތްތެރިއާއަށް ލެއްވި ނިއުމަތާއިމެދު އުފާވެފައެވެ.
އެހެންއެއްވެސް ދުވަހަކަށްވުރެ ބޮޑަށް ބަލައިގެން ކާރު ދުއްވަމުންދިޔަ ދާއިން އޭނަގެ ގޭކައިރީ ޕާކުކޮއްލާފައި ގެއަށްވަނީ ދުވަމުންނެވެ. އޭރުވެސް އޭނަގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލައިގެން ނުދެއެވެ. ލިފްޓުގެ ތެރޭ ހުރިއިރު މިއަދު ލިފްޓުވެސް މަސައްކަތްކުރާލެއް ލަސްވިއެވެ. އަތުގައި ހުރި އެއްޗިއްސާއިއެކު ދެތިންފަހަރަށް ލިފްޓުގެ ފިއްތަކަށް އޮބާލެވުނެވެ.
އެޕާރޓްމެންޓުގެ ދޮރުހުޅުވުމަށް އުޅުނު ދާއިންގެ ހިތްއަވަސްވެފައިވާ ވަރުން ތަޅުވަޅަށް ހެޔޮވަރުކޮއްލަން އުޅުނު ތަޅުދަނޑިފަތި ވެއްޓުނެވެ. އަވަސް އަވަހަށް ތަޅުދަނޑިނަގާ ދޮރުހުޅުވާލާފައި ސިއްރުން ސިއްރުން ސިޓިންރޫމުތެރެ ބާލާލިއެވެ. މަންހާ ފެންނަން ނެތުމުން އެތެރެއަށްވަދެ ދޮރުލައްޕާލަމުން ދުވެފައި ކަހަލަގޮތަކަށް ގޮސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އޭރު ކޮޓަރިތެރެއިން ނުކުމެވެން ހުރި ބެލްކަންޏާދިމާލުގައި ހަރުކޮއްފައިހުރި ތުނި ފަރުދާތަށް ވަޔާއިއެކު ވިހުރިވިގެންދިޔަވަގުތު ދާއިންއަށް މަންހާ ފެނިއްޖެއެވެ.
"މަންހާ......." ދާއިން އޭނަގެ ދެއަތް ފުރަގަހަށްލަމުން ތަންކޮޅެއް ބާރަށް މަންހާއަށް ގޮވާލިއެވެ. އެއަޑުގައި އާދަޔާއިހިލާފު ދިރުމެއްވާކަން ގައިމެވެ.
"ހާއި.........ކޮންއިރަކު އައީ......." ހިނިތުންވެލުމާއިއެކު ދާއިންގެ ގާތަށް މަޑުމަޑުން ހިނގައިގަތް މަންހާ ބުނެލިއެވެ. ދާއިން އޭނަގެ އަތުގައި އޮތް މަލުގެ ބޮޑު ގުލްދަސްތާ މަންހާއަށް ދިއްކޮއްލިއެވެ. ހުސް ރަތްފިނިފެންމަލެވެ. މަންހާ ހައިރާންކަމާއިއެކު މާބޮނޑީގައި ހިފިއެވެ. އެއާއިއެކު އެރީތި ކޯތާފަތުގައި ދާއިން ދެއަތުން ހިފާލަމުން މަންހާގެ މަޑުމަޑު ތުންފަތުގައި ލޯބިކޮއްލިއެވެ. ދާއިންގެ އެހަރަކާތުން މަންހާގެ އަތުން މާބޮނޑު ދޫވެގެންދިޔައެވެ. އެކަމަށްފަރުވާލެއްނެއް ދާއިންގެ ހަރަކާތްތައް މާއަވަހެވެ. އޭނަ މަންހާގެ ގައިގާ ބައްދާލަމުން އުފުލާލާފައި އެނބުރިގަތެވެ. އެހިނދު މަންހާގެ ލޯބިވެތި ހުނުމުގެ އަޑު މުޅިކޮޓަރިތެރޭ ފެތުރިގެންދިޔައެވެ. ދާއިންވެސް ހޭންފެށިއެވެ. އެނބުރެމުންގޮސް ބޮލަށް އެނބުރުން އެރީކަންނޭގެ އެވެ. އެނދުމައްޗަށް ވެއްޓުނު ދާއިން އާއިއެކު މަންހާވެސް ވެއްޓުނީ އޭނަގެ ގައިމައްޗަށެވެ.
"ތެންކިއު......." މަންހާގެ މޫނު އާއި ދާއިންގެ މޫނާއި ދޭތެރެއަށް ހުރަސްއަޅަމުންދިޔަ އިސްތަށިކޮޅު މަންހާގެ ކަންފަތްކައިރީ އަޅުވާލަމުން ދާއިން ބުނެލިއެވެ.
"ފޯ ވަޓް......." މަންހާ ހިނިއައިސްފައި ބުނެލިއެވެ.
"ފޯ އެވްރީތިންގ........" ދާއިންގެ ބަލާލުމުގައިވާ އާދަޔާއި ހިލާފު ލޯބިވެތިކަން މަންހާއަށް ފާހަގަކުރެވުނެވެ. އޭނަ އެނބުރިލަމުން މަންހާ އެނދުގައި ބޭއްވިއެވެ. އަދި އެހަށިގަނޑުގައި ފިރުމަމުންދިޔައެވެ. މަންހާގެ ބަނޑުގައި ދެތިންފަހަރަށް ފިރުމާލިއެވެ.
"މިއަދު އަހަރެން މިހިރީ ވަރަށް އުފަލުން، މަންހާއަށް އެނގޭތަ........މަންހާ މަންމައަކަށްވަނީ، އަދި އަހަރެން ބައްޕައަކަށްވުމުގެ ނަސީބު ލިބިއްޖެ...........ޝުކުރުވެރިވާނީ ކިހިނެއްކަމެއް ނޭގެ، އޯ މަންހާ......ބުނެބަލަ، އަހަރެން ކީއްކޮއްދޭންވީ.......މަންހާ ބޭނުންކޮންމެ އެއްޗެއް، އަހަރެންގެ ބާރުގެ ދަށުގައިވާ ކޮންމެ އެއްޗަކީ މަންހާގެ އެއްޗެއް..........މިވަގުތީ މަންޒިލާއިވަކިވެގެން ދިއުމުގެ ކުރިން އަހަރެންގެ ނަންދޫކޮއްދާނެ ފަރާތެއް ކަމުގައި ތިދަރިފުޅުވާނެ، ތެންކިއު މަންހާ.......ހާސްފަހަރު މިހެން ބުންޏަސް ނުފުދޭނެކަން އެނގޭ..........." ދާއިން މަންހާއަށް ބަލަންއޮވެ ބުނެލިއެވެ.
"އަހަރެން ބޭނުން ކޮންމެކަމެއް ކޮއްދޭނަންތަ؟ އެހެންވީރު އެންމެ ފަހަރަކުނަމަވެސް ބުނެބަލަ، އަހަރެން މަންހާދެކެ ވަރަށް ލޯބިވެޔޭ.......އަހަންނަށް މަންހާ އާއި ދުރުގައެއް ދެނެއްނޫޅެވޭނެޔޭ، އަޅެ ބުނެބަލަ އެހެން.........ހަމަ އެންމެ ފަހަރަކު، މަންހާދެކެ އަހަރެންވެސް އިންތިހާއަށް ލޯބިވެޔޭ.........." ދާއިންގެ ކަނޑެއްފަދަ ފުންދެލޮލުގެ ތެރެއަށް ގެނބެމުންދިޔަ މަންހާގެ ޒަމީރުބުނަމުންދިޔައެވެ. އެހެންނަމަވެސް އެއަޑެއް ބޭރަކަށް ނުނިކުތެވެ. ހިމޭންކަމުން ފުރިގެންވި ލޯބިވެތި ހިނިތުންވުމެއް ނޫނީ އެތުންފަތުގައި ނުވެއެވެ. ދެތުންފަތް ކުޑަކުޑަކޮށް ދުރުވެލިނަމަވެސް އަޑެއް ނުނިކުތެވެ. ފުރެމުންދިޔަ ދެލޯ ފެނި ދާއިން ކަންބޮޑުވިއެވެ.
"ނުރޮއްޗޭ، މިއަދު މަން ރޮއެގެން ނުވާނެ......ޕްލީޒް......" ދާއިން އަވަސް އަވަހަށް މަންހާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް ހުއްޓުވަން މަސައްކަތްކުރިއެވެ.
"މަން.........އަދި އެއްފަހަރު އެނަމުން އަހަންނަށް ގޮވާލަބަލަ، ތިހާ ލޯބިން.........ދާންގެ މަންއަށް ގޮވާލަބަލަ" ހިތާހިތާ މަންހާއަށް ބުނެލެވުނެވެ. ދެތުންފަތް ހަރަކާތްކުރިއެއްކަމަކު މިފަހަރުވެސް އަޑުނުނިކުތީއެވެ. ދެވަނަފަހަރަށް ދާއިން އެތުންފަތުގައި ލޯބިކޮއްލިއެވެ.
"މަންމައަށް މިއުފާވެރި ޚަބަރު ދޭން ބޭނުންވަނީ މަންހާވެސް އަހަރެން ކައިރީ ހުރެ........." ދާއިން އޭނަގެ ހިތުގެ އެދުން ބުނެލިއެވެ.
"ނޫން ނުކެރޭނެ، ދާއިން ބުނަންވީނު........." މަންހާ ލަދުން ދާއިންގެ މޭގައި މޫނުފޮރުވާލަމުން ބުނެލިއެވެ.
"އައްދޭ މިހާރު ނޭގުނަސް ފަހުން ހުރިހާ އެންމެނަށް އެނގޭނެ، ލަދުގަންނަވަރުކަމެއް ނޫނެއްނު އެއީ، އަހަރެން ބުނެފާނަމޭ މަންމަ ގާތު، މަން އެއްވެސް އެއްޗެއް ނުބުންޏަސް އެންމެ ރަނގަޅު، އެކަމަކު އަހަރެންގެ ކައިރީ ހުންނަންވާނެ، ބުނެބަލަ ހުންނާނަންތަ..........." ދާއިން އޭނަގެ މޭގައި މޫނުފޮރުވާލައިގެން އޮތް މަންހާގެ ކަންފަތްކައިރީ ބުނެލިއެވެ. އެއާއިއެކު މަންހާ ބޯޖަހާލިއެވެ.
"އެހެންވީރު އަވަހަށް ތައްޔާރުވޭ" ދާއިން ކުޑަކޮށް ތެދުވެލަމުން ބުނެލިއެވެ.
މަންހާ ތައްޔާރުވެ ނިމެންވާއިރަށް ދާއިން ކޮޓަރީގައި ހުރި ވާސްއަކަށް ޖަހާފައިވާ މާތަށް ކުނިވަށިގަނޑަށް ލުމަށްފަހު އޭނަ މަންހާއަށް ގެނެސްދިން ފިނިފެންމާތަށް އެވާސްއަށް ޖަހާލިއެވެ. ހިތްހަމަޖެހިލާފައި މާތަށް ވަކިވަކިކޮއްލަމުން މަންހާ ކޮބާތޯ ބަލާލިއެވެ.
"މަންހާ......." ދާއިން މަންހާއަށް ގޮވާލިއެވެ.
"މިނިމުނީ......" ހެދުން ބަދަލުކޮއްލައިގެން ނުކުތް މަންހާ ބުނެލިއެވެ.
"ޔޫ ލުކް ބިއުޓިފުލް، އޭސް އޯލްވޭސް" ދާއިން އޭނަގެ އަތް މަންހާއަށް ދިއްކޮއްލަމުން ބުނެލިއެވެ.
އެޕާރޓްމެންޓުން ނުކުމެ ލިފްޓަށް އެރިއިރުވެސް ދާއިންއަށް މަންހާއާއި ދުރުގައި ހުރުމަށް އުނދަގޫވިއެވެ. މަންހާގެ އުނގަނޑުގައި ހިފާ ކައިރިކޮއްލައިގެން ހުރެ މަންހާގެ އިސްތަށިގަނޑުގައި ލޯތްބާއިއެކު ވަސްގަނެލާނެއެވެ. ނޫނީ ކޯތާފަތުގައި ބޮސްދީފާނެއެވެ. ހިނިއައިސްފައި މަންހާ ހުރިއިރު ދާއިން އެހާ އުފަލުން އުޅެނިކޮށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އޭނަގެ ސަބަބުން އެފަދަ އުފާވެރިކަމެއް ދާއިންއަށް ލިބުނީތީ ހެއްދެވިފަރާތަށް މަންހާ ހިތުގެ އަޑިން ޝުކުރުވެރިވަމުންދިޔައެވެ.
"މަންމާ...." ދާއިން ޒާރާ އާއި މޫމިނާ އުޅޭ އެޕާރޓްމެންޓަށް ވަންނަމުން ގޮވާލިއެވެ. އޭރު މޫމިނާ ސޯފާގައި ޓީވީ ބަލަން އިނެވެ. ޒާރާވެސް ދިގު ސޯފާގައި އޮށޯވެލައިގެން އޭނަ ގެންގުޅޭ ބުދު މޭމަތީ ބާއްވާލައިގެން އޮތެވެ. މޫމިނާއަށް އެހެންޏާ ނުފެންނަ މަންޒަރެއް ފެނިގެންދިއުމުން ސޯފާއިން ތެދުވެވުނެވެ. ދާއިންގެ ގާތުގައި މަންހާހުރިއިރު އެމޫނުމަތިން ލަދުވެތިކަން ފެންނަމުންދިޔައެވެ. އަދި ދުވަހަކުވެސް ދާއިންއާއިއެކު ނުފެންނަހާ ގާތްކޮށް ހުރިކަމެވެ. މަންހާ އިސްޖަހާލަމުން ދާއިންއާއިއެކު ހިނގަމުން އައިސް މޫމިނާ އިށީނދެއިން ސޯފާގެ ކައިރީ ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. ޒާރާއަށް ދާއިން ފެނުމާއިއެކު ތެދުވިއެއްކަމަކު މަންހާ ދާއިން އާއި އެހާ ގާތްކޮށް ފެނުމުން އޭނަ ހުރީ ވާނުވާ ނޭގިފައެވެ. ގޮނޑީގައި އިށީނދެގެން އިން ޒާރާ ދާއިން އާއި ދިމާލަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަމުންދިޔައެވެ.
"މަންމާ......މާމަ ކިޔާނެ ކުއްޖަކު ގެއަށް އަންނަން އުޅޭކަމުގެ އުފާވެރި ޚަބަރު ހިފައިގެން މިއައީ" ދާއިން މޫމިނާގެ އަތުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ.
"ހަމަ އަސްލުވެސްތަ، މަންމަ އާއި ސަމާސާ ނުކުރައްޗޭ........އަޅެ މަންހާ، ނިކަން ދަރިފުޅު ބުނެބަލަ، ދާއިން އެބުނަނީ ހަމަ ތެދެއްތަ........." މޫމިނާގެ މެޔަށް ފިނިކަން ލިބުމާއިއެކު ބަހުގެ ޔަގީންކަން ހޯދަންވެސް ބޭނުންވިއެވެ.
"ލައްބަ މަންމާ............." މަންހާ މަޑުމަޑުން އިސްއުފުލާ މޫމިނާއަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު މޫމިނާގެ އަނގަމަތީ އަތްއެޅިތަންފެނުނެވެ. ވަގުތުން އެދެލޯ ކަރުނުން ފުރުނެވެ.
"އަލްހަމްދުލިއްލާހި، އަލްހަމްދުލިއްލާހި، އަލްހަމްދުއްލިއްލާލި........ކޮންފަދަ އުފާވެރި ހަބަރެއްތަ ތިގެނެސްދިނީ، މަގޭ ދަރިފުޅާ، ކޮންފަދަ އުފާވެރި ޚަބަރެއްތަ.........." މޫމިނާއަށް ތެދުވެ މަންހާގެ ގައިގާ އޮޅުލައިގަނެވުނެވެ. އެމަންޒަރު ފެނުނު ދާއިންގެ ލޯވެސް ފެންކަޅިވެގެންދިޔައެވެ. އަވަސްއަވަހަށް މޫނު އަނބުރާލަމުން ދެލޯފޮހެލިއެވެ.
ޒާރާ މަޑުމަޑުން ސޯފާއިން ތެދުވެގެން ދިޔައެވެ. އަދި ކޮޓަރި ދޮރުކައިރީ ހުރެ ދާއިންގެ އާއިލާ މަންހާ އާއިހެދި އުޅޭވަރު ބަލަމުންދިޔައެވެ. އޭނަ ދެރަވީއެވެ. ކުއްލިއަކަށް މަންހާ އޭނަގެ މަގާމަށް އަންނަން އުޅޭކަހަލަގެ އިޙްސާސްއެއް ފުރަތަމަ ފަހަރަށް ކުރެވިގެންދިޔައެވެ. ދާއިން މަންހާ އާއި އެހާ ގާތްކޮށް ހުންނަންވީ ކީއްވެ ބާއޭ ހިތަށް އަރަމުންދިޔައެވެ. ޒާރާ އާއިހެދި އެހާވަރުން އުޅޭ މޫމިނާ މަންހާގެ ގައިގާ އެވަރަށް ފިރުމަފިރުމާފަ ރޯންވީ ސަބަބެއްވެސް ނޭގުނެވެ.
މޫމިނާ ދުރަށް ޖެހިލުމާއިއެކު ދާއިން މަންހާ ގޮވައިގެން ބޭރަށް ދިއުމަށް ބޭނުންވިއެވެ. އެހެންވެ އަނެއްކާވެސް ޒާރާއަށް އަޅާލެވުމުގެ ބަދަލުގައި މަންހާ ގޮވައިގެން އޭނަ ނުކުތީ އެޕާރޓްމެންޓުން ބޭރަށެވެ.
"މަންމާ، ދާން ކީއްވެތަ މަންހާ އާއިއެކު އެއުޅެނީ......." ދާއިން އާއި މަންހާ އެޕާރޓްމެންޓުން ނުކުތުމާއިއެކު ޒާރާ އޭނަގެ ކޮޓަރި ދޮރުމަތީ ހުރެ މޫމިނާއަށް ބުނެލިއެވެ.
"ހެ ހެ ހެ.......އެއީވެސް މިހާރު ޒާރާ ގޮތަށް މިގޭ ކުއްޖެކޭ، އެހެންވީމަ ދާއިން އާއިއެކު އެއްނު އުޅޭނީ، އާދެބަލަ މިކޮޅަށް މަންމަ ކައިރިއަށް، ކީއްވެތަ ކޮޓަރިއަށް ތިދިޔައީ" މޫމިނާ ސޯފާގައި އިށިންނަމުން ބުނެލިއެވެ.
(ނުނިމޭ)