ހަބަރު

ފަނޑިޔާރު ދީދީގެ ސަސްޕެންޝަނަށް ތާއީދުކުރަން ކޮމިޓީން ފާސްކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމަށް ތާއީދުކޮށް، ޖޭއެސްސީގެ އިހުތިސާސްތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް ރައްޔިތުންގެ މަޖިލީހުން އެ ކޯޓަށް އިލްތިމާސް ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

މިރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ އިހުތިސާސްތަކުގެ ތެރެއަށް ނުވަނުމަށް މަޖިލީހުން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށާއި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމަކީ ޖޭއެސްސީއަށް ލިބިގެންވާ ގާނޫނީ ބާރުތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް މަޖިލީހުން ކަނޑައަޅަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އެ ހުށަހެޅުއްވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ހުށަހެޅުއްވުމާ ދެކޮޅަށް ވޯޓު ދެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެކަންޏެވެ.

ޖުޑިޝަރީ ކޮމިޓީން މިރޭ ނިންމި ނިންމުމުގައި ވަނީ ޖޭއެސްސީގެ ގާނޫނީ އިހުތިސާސްތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ، އެ ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ކަން ކޮމިޓީއަށް ފާހަގަކުރެވޭތީ ޖޭއެސްސީން ގާނޫނާ އެއްގޮތްވާ ގޮތުގައި މަތިން ނިންމަވާފައިވާ ނިންމުންތަކަކީ ގާނޫނީ ބާރު ލިބިގެން ނިންމި ނިންމުންތަކެއް ކަމާއި މި ގޮތުން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ކޮމިޝަނަށް ލިބިގެންވާ ބާރުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށް ހުށަހަޅަން ނިންމާފަ އެވެ.

މިކަމާ ދެކޮޅު ހައްދަވާ ވާހަކަ ދައްކަވަމުން މެންބަރު އަލީ ހުސައިން ވިދާޅުވީ މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތަކަށް ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ވިއުއެއް ނުދެވޭނެ ކަމަށާއި އެއީ ޝަރުއީ ކޯޓުތަކަށް ލިބިގެންވާ ބާރުތަކެއް ކަމަށެވެ. އަދި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ފަނޑިޔާރަށް ޖަބާދުވާރީވުމުގެ އެއްވެސް ފުރުސަތެއް ނުލިބި ކަމަށް މައުލޫމާތު ލިބޭއިރު ޖުޑިޝަރީ ކޮމިޓީން އެ ކަން ވެސް ބަލަން ޖެހޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ހުސައިންގެ ވާހަކައަށް ރައްދު ދެއްވައި މެންބަރު ހަސަން ލަތީފު ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުން ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާނަމަ އެ މުއައްސަސާތައް ޖަވާބުދާރީކޮށް އެ މުއައްސަސާތަކަށް އިލްތިމާސްތައް ކުރުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ފަނޑިޔާރުގެ ބަސް ހޯދަން ޖެހެނީ ވަކި ކުރުމުގެ ކުރިން ކަމަށާއި ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުމުގެ ކުރިން ފަނޑިޔާރުގެ ބަސް ހޯދަން ޖޭއެސްސީގެ ގާނޫނުގައި ނެތް ކަމަށް ހަސަން ވިދާޅުވި އެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ޖޭއެސްސީން ސުޕްރީމް ކޯޓުގެ އަމުރު ގަބޫލުނުކޮށް ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮތް ކަމަށް ބުނެފަ އެވެ. ޖޭއެސްސީން އެހެން ބުނި ނަމަވެސް ފަނޑިޔާރު ދީދީ އަދިވެސް ވާޒީފާއަށް ނުކުމެވަޑައިގަންނަވާއިރު އޭނާ ބައްދަލަވާ މައްސަލައެއްގެ ޝަރީއަތް ވެސް މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.