ރިޕޯޓް

ފުލްޕެކޭޖާއެކު އާ ސަރުކާރުން އިންވެސްޓަރުންގެ ބާޒާރަށް

ކުރުނބާ މޯލްޑިވްސް އިން: މުހައްމަދު އަފްރާހު
8

މި ސަރުކާރުގެ ތަރައްގީގެ ޕްލޭން ވެސް ކުޑަ އެއް ނޫނެވެ. ލިސްޓު ކުރެއް ވެސް ނޫނެވެ. ނޫ އިގްތިިސާދުން ދަމާލާ ލިސްޓު ގޮސް ޝަރުއީ ދާއިރާ އާއި ޕްރައިވެޓް ސެކްޓަރާއި ގުޅިގެން ތަރައްގީ ކުރުމުގެ ދާއިރާއާ ހަމައަށް އެބައޮތެވެ. މި ތަރައްގީގެ ޕްލޭންގައި ގިނަ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެހެންވެ، މިއަދު ކުރުނބާ މޯލްޑިވްސްގައި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފެށި އިރު ސަރުކާރުގެ މައިގަނޑު މަގުސަދަކީ ބޭނުންވާ ފައިސާ ހޯދުމެވެ. އެ މަގުސަދުގައި ސަރުކާރުން މިއަދު ނުކުންނަނީ އިންވެސްޓަރުންގެ ބާޒާރަށެވެ. ސަރުކާރުން ނުކުންނަނީ ރާއްޖެ ތަރައްގީ ކުރުމުގެ ފުލް ޕެކޭޖެއް ހިފައިގެންނެވެ.

"މި ފޯރަމަކީ ފެށުމެއް. ދެ ދުވަހުގެ ފޯރަމް ނިމުނީމަ މިކަން ނިމުނީއެއް ނޫން. ބޭރުގެ ފަރާތްތަކާއެކު އަޅުގަނޑުމެން މި ގާއިމުކުރަނީ ޕާޓްނަޝިޕްތަކެއް ނޫނީ ގުޅުންތަކެއް. މިއީ މި ސަރުކާރުން ގާއިމުކޮށްފައިވާ ބަދަހި ގުޅުމަށް އެޅޭ ފާލަމެއް،" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު މިއީ "ފާލަން އަޅުއްވަން" ބާއްވާ ބައްދަލުވުމެއް ކަމަށް ވިދާޅުވި ނަމަވެސް މި ފޯރަމްގެ ހަގީގީ މަގުސަދަކީ ފައިސާ ހޯދުމެވެ. އެހެންވެ މިއީ އެއް ގޮތަކުން ބަލާނަމަ "އިންވެސްޓްމަންޓް ފޯރަމް" އެކެވެ. ތަފާތަކީ ޕްރައިވެޓް ސެކްޓާގެ އިންވޯލްމަންޓް ކުޑަވުން އެކަންޏެވެ. އެކަމަކު ފައިނޭޝަނަލް ދާއިރާގެ ޑިސިޝަން މޭކަރުން މި ފޯރަމްގައި ބައިވެރިވާނެ އެވެ. މީގެތޭގައި މާލި އެހީދޭ ދުނިޔޭގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ އައިޑީބީ އާއި އޭޑީބީ އަދި ވޯލްޑް ބޭންކް ތަންތަން ހިމެނެ އެވެ.

ސަރުކާރުން އިންވެސްޓަރުންގެ "ކުރި މައްޗަށް" ނުކުންނަ ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. އަދި މިއީ ރާއްޖޭގައި ބޭއްވި ޕާޓްނާޝިޕް ފޯރަމް ތަކުގެ ތެރެއިން ބޭރުގެ ބައިވެރިވުން އެންމެ ގިނަ އަދި ތާރީހީ ފޯރަމަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އަދި މިއީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަރުތައް ރާއްޖޭގައި ތިބެ ހަމަ ލޮލުން ދެކިލަން ވެސް އެމީހުންނަށް ލިބޭނެ ފުރުސަ ތަކަށް ވެގެންދާނެ އެވެ. އެކަމަށް ތައްޔާރުވެ ސަރުކާރުން ވަނީ "ފުލް ޕެކޭޖު" ތައްޔާރު ކޮށްފަ އެވެ. މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް (އެމްއެފްޕީ 2019) ގެ ޕޭޖުން މި މައުލޫމާތު މިއަދު ކުރުނބާ މޯލްޑިވްސްގައި ފަށާ ފޯރަމްގެ ބައިވެރިންނަށް ލިބެން ހުންނާނެ އެވެ. އަދި އެ ޕްރެޒެންޓޭޝަން ތަކެއްގެ ސިފައިގައި ހުށަހެޅިގެންދާނެ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާ ގޮތުގައި ގާތްގަނޑަކަށް 10 އަހަރު ފަހުން ރާއްޖޭގައި ބާއްވާ ޕާޓްނަޝިޕް ފޯރަމްގެ ބައިވެރިންނަށް ސަރުކާރުން ވިސްނާފައިވާ ބިނާކުރަނިވި އަދި ދެމެހެއްޓެނެވި ތަރައްގީ މަޝްރޫއުތަކުގެ މައުލޫމާތުތަކާއި ތަސައްވަރު ހިއްސާކުރެވިގެންދާނެ އެވެ.

ޕެކޭޖުގެ އަގު 1.6 ބިލިއަން ޑޮލަރަށްވުރެ ބޮޑު!

މި ފޯރަމްގައި ސަރުކާރުގެ މެނިފެސްޓޯގެ އިތުރުން ގައުމީ ތަރައްގީގެ މާސްޓާ ޕްލޭންގެ ދަށުން ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ތަސައްވަރުގައި ކަނޑައެޅިފައިވާ މަޝްރޫއުތައް މިހާރު ވެސް ފޯރަމްގެ ބައިވެރިންނާ ހިއްސާ ކުރާނެ އެވެ. އަދި އެ މަޝްރޫއު ތަކަށް ބޭނުންވާ ފައިސާއާ، ކަރުދާސްތައް ވެސް ހުށަހެޅިގެންދާނެ އެވެ. މި ފޯރަމަށް ފައިސާ ހޯދުމަށް ހުށަހަޅާ ފުލް ޕެކޭޖުގެ އަގު 1.6 ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ. މި ޕެކޭޖުގައި މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.

ޕެކޭޖުގައި އަތޮޅަކަށް ހާއްސަކަމެއް

ސަރުކާރުން އިންވެސްޓަރުންގެ ކުރިމައްޗަށް ހުށަހަޅާ ޕެކޭޖަކީ ހަމައެކަނި "ގްރޭޓާ މާލެ ރީޖަން" އަށް ހާއްސަ ޕެކޭޖެއް ނޫނެވެ. މީގައި މުޅިރާއްޖެ ތަރައްގީ ކުރަން ބޭނުންވާ އިންވެސްޓަރުން ހޯދުން ހިމެނެ އެވެ. މީގެތޭގައި ރާއްޖެ ސަރަހައްދު ތަކަށް ބަހާލައި ބޮޑު ފަސް ސަރަހައްދު ތަރައްގީ ކުރުން ވެސް ހިމެނެ އެވެ. އަދި މި ތަންތަނުގައި އުމްރާނީ ތަރައްގީ ގާއިމް ކުރުން ވެސް ހިމެނެ އެވެ. މީގެތެރޭގައި އެންމެ ފާހަގަ ކުރެވެނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ބައެވެ. ރާއްޖޭގެ ގައުމީ ލެބޯޓެރީ ވަރުގަދަ ކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. އަދި ބޯހިޔާ ވަހިކަމުގެ މަޝްރޫއުތައް ހިންގުން ވެސް ހިމެނެ އެވެ. މި ޕެކޭޖުގައި މުޅި އައްޑޫ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއްވެސް ހިމެނެ އެވެ.

"ޖަޒީރާ ރާއްޖެ"އަށް މާލެއާ ދުރެއް ނުވެވޭނެ

"ޖަޒީރާ ރާއްޖެ" ކިޔަސް ގްރޭޓާ މާލެ ރީޖަން ސަރުކާރަށް ދޫކޮށެއް ނުލެވޭނެ އެވެ. ސަބަބަކީ އާބާދީގެ 80 ޕަސެންޓް މި ސަރަހައްދުގައި ދިރިއުޅުމެވެ. އެހެންވެ މިފަހަރު އިންވެސްޓްމަންޓް ޕެކޭޖުގައި މި ސަރަހައްދު ތަރައްގީ ކުރުމަށް އަހަމިއްޔަތުކަން ކުޑަކޮށްފައެއް ނުވެ އެވެ.

މާލެ ރީޖަން އަށް ހާއްސަކޮށް ފާހަގަ ކޮށްލެވޭ އެއް މަޝްރޫއަކީ "މާލެ- ވިލިނގިލި ބްރިޖުން ގުޅާލުމުގެ" މަޝްރޫއެވެ. މާލެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުންވެސް ހިމެނޭ މި މަޝްރޫއުގެ އަގު 488 މިލިއަން ޑޮލަރަށް އަހަރަ އެވެ. މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019 އިގެ ވެބްސައިޓުގައިވާ ގޮތުން 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގައި ބްރިޖު އެޅުމުގެ އިތުރުން މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުން ވެސް ހިމެނެ އެވެ.

ކޮންމެއަކަސް ތަރައްގީގެ މި ބޮޑު ޕެކޭޖާއެކު ޕާޓްނާޝިޕް ފޯރަމްއަށް އާ ސަރުކާރުން މިއަދު ނުކުންނައިރު ތިބީ އުންމީދުގަ އެވެ. އުންމީދަކީ ސަރުކާރުގެ ފުލް ޕެކޭޖަށް އެހީތެރިކަން ލިބުމެވެ. އަދި އެޕެކޭޖުގެ ފައިދާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ.