ރިޕޯޓް

ނާށިގަނޑު ހިފައިގެން ހިނގުން ހުއްޓާލަން ޖެހޭ!

ދެހާސް ހަތް ވަނަ އަހަރު އޭރުގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމް ރައްޔިތުން މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ދެއްވި ބަޔާނުގައި ވިދާޅުވި އެވެ: "ސުނާމީއަށް ފަހު ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އަޅުވައި ރައްޔިތުންނަށް ހިދުމަތް ދޭން ބޭރުގެ އެހީ ވަރަށް ބޭނުންވެ އެވެ." އެ އަހަރު ފާސް ކުރި 12 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށް 2.4 ބިލިއަން ރުފިޔާ ހިމެނި އެވެ. އޭރު ރާއްޖޭގެ އިގްތިސޯދު އޮތީ ސުނާމީއަށް ފަހު ނާޒުކު ފައްތަރެއްގަ އެވެ. އެހެންވެ އެ އެހީތެރިކަން ނުހަނު ބޭނުންވި އެވެ. ރާއްޖޭގައި އާމްދަނީ ލިބޭނެ އެހެން ގިނަ ގޮތްތަކެއް އޭރަކު ނެތެވެ. ނަމަވެސް އޭގެ 12 އަހަރު ފަހުން މިހާރުގެ ބަޖެޓުގައި ވެސް ހިލޭ އެހީއަށް ބަރޯސާވުމުގެ އާދައެއް ނުފިލަ އެވެ. އާމްދަނީގެ ބޮޑު ބައެއް ހިލޭ އެހީ އިން ހޯދަން މަސައްކަތް ކުރެ އެވެ. ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ހިނގުން ހުއްޓައެއް ނުލަ އެވެ. ރާއްޖެއަށް އާމްދަނީ ލިބޭނެ އާ ގޮތްތަަށް ސަރުކާރުތަކަށް ނޭނގެނީ ހެއްޔެވެ؟ ނޫނީ ނުކުރަނީ ހެއްޔެވެ؟

"ހިލޭ އެހީ ހޯދުން އެއީ މައްސަލައެއް ނޫން. އެކަމަކު މައްސަލައަކަށް ވާނީ އެ އެހީ އިން ރިކަރަންޓު ހަރަދު ތަކަށް ހޭދަ ކުރުން. މިހެން ހެދުމުން ދިމާވެދާނެ މައްސަލައަކީ އަންނަ އަހަރު މި އެހީ ނުލިބިއްޖެނަމަ އެ ބައި ދާނީ އަނެއްކާ ވެސް ދަރަންޏަށް އިތުރު ވަމުން،" ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި، އަހުމަދު މުނައްވަރު ވިދާޅުވި އެވެ.

މި އަހަރު ހަރަދު ކުރަމުން ގެންދާ ބަޖެޓުގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި މި ސަރުކާރުން އިހަށް ދުވަހު ފާސްކުރި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 618.8 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ގައުމުގެ އިގްތިސޯދު ފުޅާވެ، އާބާދީ ބޮޑުވަމުން ދިޔަ ނަމަވެސް މި ހިލޭ އެހީއަށް ބަރޯސާވުން ހުއްޓާލާ ތަނެއް ނުފެނެ އެވެ.

ހިލޭ އެހީ އަށް ބަރޯސާވުން ހުރިހާ ސަރުކާރުތަކެއްގައި ވެސް އެބައޮތެވެ. ވޭތުވެދިޔަ ސަރުކާރުތަކުގައި ވެސް މިކަން އޮތީ ހަމަ އެ ގޮތަށެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2007 ވަނަ އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ހިމެނި އެވެ. އަދި 2008 ވަނަ އަހަރު 2.7 ބިލިއަން ރުފިޔާ އަދި 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 6.2 ބިލިއަން ރުފިޔާ މީގެ އިތުރުން 2012 ވަނަ އަހަރު 3.4 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ބަޖެޓުގައި ހިލޭއެހީ އާއި އާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިއިން އެނގެނީ، ހިލޭ އެހީއަށް ބަރޯސާ ވެގެން ހަރަދުތައް ފޫބެއްދުމާއި އާމްދަނީގެ ގޮތުގައި ހިމެނުމުގެ ކަންފަސޭހަ ސަގާފަތް ކަށީގައި ހިފާފައިވާލެއް ބޮޑު ކަމެވެ.

ހިލޭ އެހީ އަށް ބަރޯސާވުމުން ދިމާވާނެ މައްސަލައަކީ ކޮބައި ހެއްޔެވެ؟

އެދުމެއްނެތި ވެދުމެއް ނުކުރާނެ

ހިލޭ އެހީއަށް ބަރޯސާވުމަކީ މައްސަލައެއް ހެއްޔެވެ؟ މި ކަމުން ދިމާވެދާނެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ އިގްތިސޯދީ ދާއިރާގައި މަސައްކަތް ކުރެއްވާ ބޭފުޅުންގެ ނަޒަރުގައި ހިލޭ އެހީއަށް ބަރޯސާވުމަކީ މައްސަލަ އެވެ. ހާއްސަކޮށް ތަރައްގީގެ މަސައްކަތްތަށް ކުރުމުގައި މި ފަދަ އެހީ ހޯދައިގެން ކުރުމަކީ މަސައްކަތް ލަސް ވެގެންދާ ކަމެކެވެ. ސަބަބަކީ އެ ފަދަ އެހީ ތަކަކީ ގިނަ ޕްރޮސެސް ތަކެއް ފުރިހަމަ ކޮށްގެން ނޫނީ ލިބޭނެ އެއްޗަކަށް ނުވުމެވެ.

ސަރުކާރެއް ވެރިކަމަށް އަންނަނީ ފަސް އަހަރަށެވެ. އެހެންވުމުން އެ ފަދަ އެހީއަށް ބަރޯސާ ވެގެން ލިބޭނެ ކަމަށް ތިބޭނަމަ ތަރައްގީގެ މަސައްކަތް ލަސް ވެގެންދާނެ އެވެ. ދެން އޮތީ އެހެން މައްސަލަ އެކެވެ. ގައުމު ތަކުން ދޭ ހިލޭ އެހީ ފަރުމާ ކޮށްފައި ހުންނާނީ އެ ގައުމަކަށް ފައިދާ ވާނެ ގޮތަކަށް ވުމެވެ. ޗައިނާ ނޫނީ އިންޑިއާ އަދި އެހެން ގައުމަކުން ހިލޭ އެހީ އެއް ދިނަސް، ދޭ އެ އެހީތަކުގައި "ޓާމްސް" ތަކެއް ހިމަނާފައި ހުރެ އެވެ. އެދުމެއް ނެތި، ވެދުމެއް ނުކުރާނެ ގޮތަށެވެ. އޭގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ހިލޭ އެހީ ހޯދުން އޮންނަން ޖެހޭނީ ވަކި މިންވަރެއްގަ އެވެ. އޭގެ ބަދަލުގައި ހިލޭ އެހީއަށް އެކަށް ޑިޕެންޑުވުމަކީ ދެމެހެއްޓެނިވި ތަރައްގީއާ ދިމާ އިދިކޮޅު ކަމެކެވެ.

"ރާއްޖޭގައި ޖެހެނީ އުފެއްދުންތެރިކަން އިތުރު ކުރަން. މިކަން ނުކުރެވޭނެ ހިލޭ އެހީއަށް ހޯދަން އަބަދު ނާށިގަނޑު ހިފައިގެން އުޅެގެނެއް. ހިލޭ އެހީއަށް އަބަދު ބަރޯސާވުމަކީ ފަނާ ކުރަނިވި ތަރައްގީ ހޯދުން،" ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް ހިލޭ އެހީ ހޯދި. އެކަމަކު އުފެއްދުންތެރިކަން އިތުރު ކުރަން ބެލި. މީގެ ނަތީޖާ މިހާރު އެ ފެންނަނީ ހުރިހާ ދިމާލަކުން ވެސް. މިހާރު ހުޅުވަމުންދާ ރިސޯޓު ތަކަކީ މީގެ ހެއްކެއް. މި ރިސޯޓުތައް ހަދަން ފައިސާ ހޯދައި ދިނީ ބޭރުން. އެކަން ކުރީ މޫޑީސް އާއި ފިޗު ފަދަ ތަންތަނަށް ހަވާލު ކޮށްގެން ރާއްޖެ ރޭޓް ކޮށްގެން އިތުބާރު ގާއިމް ކޮށްދީގެން. މިނަން ކުރެވޭނީ އިގްތިސޯދީ ވިސްނުން ހުރެގެން"

ހިލޭ އެހީ އަށް ބަރޯސާވުމަކީ "ޖިއޯ ޕޮލިޓިކްސް" ގެ ތެރޭގައި ގައުމު ފިތޭ ކަމެއް ކަމަށް މާހިރުން ދެކެ ވަޑައިގަންނަވަ އެވެ. މިސާލެއްގެ ގޮތުން ބަލާނަމަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާ އިން ހިލޭ އެހީ ބޮޑު އަދަދު ތަކުން ހޯދި އެވެ. ނަތީޖާއަކީ ސައޫދީގެ އެދުމަށް ގަތަރާއި އިރާން ފަދަ ގައުމުތަކާ ގުޅުން ކަނޑާލަން މަޖުބޫރު ވުމެވެ. ކުރަން ބޭނުން ނުވި ނަމަވެސް ކުރަން ޖެހުމެވެ. އަދި މި ސަރުކާރުގައި އިންޑިއާއިން ދަނީ ބޮޑު އަދަދު ތަކުން ހިލޭ އެހީ ހޯދަމުންނެވެ. ނަޖީތާއަކީ ކޮބައި ހެއްޔެވެ؟ ކަޝްމީރުގެ މައްސަލާގައި ރާއްޖެ ނެގި ސްޓޭންޑަކީ މީގެ މިސާލެކެވެ. ކަޝްމީރު ރައްޔިތުންނަށް ހަމްދަރުދީ ވިއަސް ދައްކަން ޖެހުނީ އެހެން ވާހަކަ އެކެވެ.

ހިލޭ އެހީ ބަޖެޓު ތަކުން ކުރުކޮށް

  • 2007- 2.7 ބިލިއަން ރުފިޔާ
  • 2008- 2.7 ބިލިއަން ރުފިޔާ
  • 2010- 6.2 ބިލިއަން ރުފިޔާ
  • 2012- 3.2 ބިލިއަން ރުފިޔާ
  • 2018- އާމްދަނީއާއި ހިލޭ އެހީއެކު 23 ބިލިއަން ރުފިޔާ

ހިލޭ އެހީއަށް ސަލާން ޖެހުން ހުއްޓާލާނަމަ

ހިލޭ އެހީ އަށް ސަލާން ޖެހުން ހުއްޓާލާނީ ކިހިނެއް ހެއްޔެވެ؟ މިކަމުގައި ހަމައެކަނި އޮތް ގޮތަކީ ހަމަ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމެވެ. ހަމަ އިސްކޮޅަށް ތެދުވާނީ ކިހިނެއް ހެއްޔެވެ؟ އާމްދަނީ އިތުރު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ޓެކުހެއް އިތުރު ކުރާނީ ހެއްޔެވެ؟ ނޫނީ ޓެކްސް ބޮޑު ކުރާނީ ހެއްޔެވެ؟ މީގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ސަރުކާރު ތެރޭގައި އޮތް ބޭކާރު އިޝްރާފު ނައްތާލުމެވެ. އެފިޝެންޓްކޮށް ހިންގަން ފެށުމެވެ.

އިގްތިސޯދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި މިކަން ކުރެވޭނީ ޕްރައިވެޓް ސެކްޓާގެ ރޯލް ބޮޑު ކޮށްގެންނެވެ.

"ފުރަތަމަ ކަމަކީ ސަރުކާރުން ރަނގަޅު ޕޮލިސީތަކެއް ކަނޑައެޅުން. އިންވެސްޓަރުން ނަށް ރަނގަޅަށް އަވަހަށް ކަންކަން ކޮށްދިނުން. ޓެކްސް ފްރީ ޒޯން ތަކެއް ކަނޑައެޅުން ފަދަ ކަންކަން ކުުރން. ރާއްޖޭގެ ރިޒާވް ކުޑަ. އެހެންވެ، އިގްތިސޯދު ދަށްވާ ފަހަރަކު ރިޒާވް އިން ޕްރޮޖެކްޓްތައް ނެރެވޭ ވަރުގެ ކެޕޭސިޓީއެއް ނެތް. އެހެންވީމަ ކުރަން ޖެހޭ ކަމަކީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އިތުރު ކުރުން،" އިގްތިސޯދީ ދާއިރާގެ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ސަރުކާރުން ބޮންޑު ވިއްކާއިރު ވެސް ސަމާލުވާން ޖެހެ އެވެ.

"ކުރިން ސަރުކާރުން ބޮންޑު ވިއްކީ ރާއްޖޭގައި. މިހާރު ވިއްކަނީ ބޭރަށް. ދެން ވިއްކަމުން ގޮސް މެނޭޖު ނުކުރެވޭ ހިސާބަށް ދިއުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފޮރިން އިންވެސްޓްމަންޓް ގެންނަން ބޭނުންނަމަ ބިރު ކަނޑާލަން ވެސް ޖެހެ އެވެ. ވިސްނުން ރާއްޖޭގެ ސަރަހައްދުން ބޭރު ކުރަން ޖެހެ އެވެ. ހަމައެކަނި ޓޫރިޒަމް ސެކްޓާއަށް ބަރޯސާވެފައި އޮތް އޮތުން ކުޑަ ކުރަން ވެސް ޖެހެ އެވެ. ހާއްސަކޮށް ރާއްޖެ އޮތް ސަރަހައްދު ކަމަށްވާ 30 ޑިގްރީ ޗެނަލްގެ އެންމެ ރަނގަޅު ފައިދާ ވެސް ހޯދަން ޖެހެ އެވެ. މި ސަރަހައްދުން ދުނިޔޭގެ އެކޮޅުން އަނެއް ކޮޅަށް ދަތުރު ކުރާ ބޯޓު ފަހަރަށް ބަންކަރިން އާއި ތެޔޮ އެޅުން ފަދަ ހިދުމަތް ތަކެއް ދެވޭނެ ވަސީލަތް ގާއިމް ކުރުން ފަދަ ކަންކަމަކީ ވެސް ދުރު މުސްތަގުބަލަށް ބަލާއިރު ކުރެވޭނެ ކަންކަމެވެ.

އާ ސަރުކާރުން އުންމީދީ ވާހަކަ ތަކެއް

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އަށް ފަހި ގައުމަކަށް ރާއްޖެ ހަދަން އާ ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މީގެ އިތުރުން އިގްތިސޯދުގެ މައި އިންޖީނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ވާއިރު، މި ދާއިރާ އަށް ދިރުން ގެނެސްދޭން "އެސްއެމްއީ" ބޭންކެއް ވަނީ ހަދާފަ އެވެ.

މި ބޭންކުން ލޯނު ދޫކުރަން ފަށާފައިވާއިރު، ލޯނަށް އެދި ބިލިއަނެއްހާ ރުފިޔާގެ ޕްރޮޕޯސަލް ވަނީ ލިބިފަ އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އިންޖީނު ހިންގުން ބާރު ކުރުމަކީ ވެސް އާމްދަނީ އިތުރުވެ އިގްތިސޯދު ވަރުގަދަ ވާނެ ކަމެކެވެ.

މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން ބޭނުންވަނީ "ޖަޒީރާ ރާއްޖޭ" ގެ ސިފަތައް ނުގެއްލޭނެ ގޮތަކަށް ކުރިއަށް ގެންދާށެވެ. އަދި ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވަމުންދާނެ އެވެ.

"ރާއްޖެއަކީ އިންވެސްޓަރުންގެ އިތުބާރު އޮތް ގައުމަކަށް ހެދުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތައް ބަދަލު ކުރަން މިދަނީ މަސައްކަތް ކުރަމުން. ފޮރިން އިންވެސްޓަރުންނަށް މިހާރު ހުރި ދަތިތައް ނައްތާލަން މަސައްކަތް ކުރާނަން. އިންވެސްޓަރުންނާ ރަހުމަތްތެރި ބަދަލު ތަކެއް ގާނޫނުތަކަށް ގެންދާނެ،" އަމީރު ވިދާޅުވި އެވެ.

ރާއްޖެއަކީ އިންވެސްޓަރުންގެ އިތުބާރު އޮތް ގައުމަކަށް ހެދުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތައް ބަދަލު ކުރަން މިދަނީ މަސައްކަތް ކުރަމުން. ފޮރިން އިންވެސްޓަރުންނަށް މިހާރު ހުރި ދަތިތައް ނައްތާލަން މަސައްކަތް ކުރާނަން
އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު

އަމީރު ވިދާޅުވި ގޮތުގައި އިންވެސްޓަރުންގެ އިތުބާރު ބޮޑު ކުރުމުގެ ގޮތުން ރާއްޖޭގައި އާބިޓިރޭޝަން ސެންޓަރެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދެ އެވެ.

"ތަރައްގީ ގެންނެވޭނީ ޕްރައިވެޓް ސެކްޓަރާ ގުޅިގެން. ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު ކުރިއަށް ދިއުމަށް އެންމެ ރަނގަޅު މޮޑެލްއެއް ހޯދާނެ،" އަމީރު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް އިތުރުކޮށްގެން ނަމަވެސް، ބަޖެޓު ހަދާއިރު، ހިލޭ އެހީ އަށް މި އޮންނަ ބަރޯސާކަން ކުޑަ ކުރެވޭނެ ވިސްނުމެއް ބޭނުމެވެ. ހާއްސަކޮށް ގައުމު ތަކުން ހިލޭ އެހީ ހޯދަން ނާށިގަނޑު ހިފައިގެން ހިނގުން ހުއްޓާލަންޖެހެ އެވެ. މި ހިލޭ އެހީއާއެކު ރާއްޖޭގެ ގޮނޑު ދޮށް ލައްގާ ފިއްތުންތައް ނައްލާލައި އިގްތިސޯދު މިނިވަން ވެވޭނީ ނާށިގަނޑު ހިފައިގެން ހިންގުން ހުއްޓާލެވިގެންނެވެ. އެހެން ނޫނީ އަބަދު ވެސް ޖެހޭނީ ފިތިގެން ތިބޭށެވެ.