ވިޔަފާރި އަށް ފަސޭހަ ގައުމަކަށް ހަދަން މަސައްކަތް ނުކުރާ ސަރުކާރެއް ނެތެވެ. ކޮންމެ ސަރުކާރަކުން ވެސް ވައުދު ވަނީ ރާއްޖެއަކީ ވިޔަފާރިއަށް ފަސޭހަ ގައުމަކަށް ހަދައިދޭނެ ކަމަށެވެ. ރާއްޖެއަށް އިންވެސްޓްމަންޓުތައް ގެންނަން ކުރީ ސަރުކާރުން ބޭއްވި "އިންވެސްޓްމަންޓު ފޯރަމް" އެވެ. މި ސަރުކާރުން ބޭއްވީ "ޕާޓްނާޝިޕް ފޯރަމެވެ. އެކަމަކު ކޮންމެ އަހަރަކު ވޯލްޑް ބޭންކުން ނެރޭ "ވިޔަފާރިއަށް އެންމެ ފަސޭހަ" ގައުމުގެ ލިސްޓުގައި ރާއްޖެ ދަނީ ހަމަ ދަށަށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ރާއްޖޭގައި ހުރި އިންވެސްޓްމަންޓާއި ވިޔަފާރީގެ ގާނޫނުތައް މުސްކުޅީ ހެއްޔެވެ؟ ނޫނީ ސަރުކާރަށް މިކަން ކުރަން ނޭނގެނީ ހެއްޔެވެ؟
ސަރުކާރުން މިހާރު ހިންގާ ބައެއް އަމަލުތަކުން ވެސް ރާއްޖޭގެ އިންވެސްޓަރުންނަށް ނުބައި މެސެޖެއް ދަނީ ލިބެމުންނެވެ. ކުރީ ސަރުކާރުން ބޮޑެތި ވިޔަފާރީގެ ގިނަ އެއްބަސްވުން ތަކެއް އުވާލި އެވެ. މި ސަރުކާރުން ވެސް މި ވަނީ އެ މަގަށް ނުކުމެފަ އެވެ. ފުރަތަމަ އުވާލީ އޮޑެގައްލާއެއްގެ އެއްބަސްވުމެވެ. ރާއްޖެއަކީ ފަސް އަހަރުން ބަދަލުވާ ސަރުކާރާއެކު، ވިޔަފާރީގެ އެއްބަސްވުންތައް އުވާލާ ގައުމެއްގެ ގޮތުގައި ލޭބަލްވުން މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ މި ގައުމަކީ ދުނިޔޭގައި އޮތް އެންމެ އިންވެސްޓްމަންޓާ ބީރައްޓެހި ގައުމުގެ ގޮތުގައި ދައްކަން ބޭނުންވަނީ ހެއްޔެވެ؟
"ރިސޯޓަށް ރަށް ދޭއިރު ނޭނގެނީ ތޯ ނާޒުކު ރަށެއްކަން. ރަށް ބިޑްކޮށް ފައިސާ ނަގައި ފައިނޭންސް ހޯދުމުން ރަށް އަތުލުމަކީ ބޭރުގެ އިންވެސްޓަރުންނަށް މިދެވެނީ ވަރަށް ގޯސް މެސެޖެއް. ކުރީ ސަރުކާރުން ވެސް ކަންކުރީ ހަމަ މިގޮތަށް. މިހާރު ވެސް މި ކުރަނީ އެގޮތަށް،" ސަރުކާރުން ބައެއް ރިސޯޓުތަކުގެ އެއްބަސްވުންތައް ބާތިލް ކުރަމުން ގެންދާ މައްސަލައަށް އިޝާރަތް ކުރައްވައި ރާއްޖޭގެ ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިނަ އަދަދެއްގެ ރަށްތަކެއްގައި ރިސޯޓުތަކެއް ދޫކުރި އެވެ. މި ރަށް ތަކަށް ގިނަ ބަޔަކު ކުރިމަތިވެސް ލިއެވެ. އޭގެތެރޭގައި ގިނައީ ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ތިބި ދިވެހި ވިޔަފާރިވެެރިންނެވެ. ބިޑް ކާމިޔާބުވި ބައެއް މީހުންނަށް ވަނީ ރިސޯޓު ހަދަން ރަށް ވެސް ހަވާލު ކޮށްފަ އެވެ.
ރަށް ލިބުނު ބައެއް ފަރާތްތަކުން ރިސޯޓު ހަދަން އެ ރަށަށް ތަކެތި ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން ގެންދެ އެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ މިގޮތަށް ހަވާލުކޮށްފައި ހުރި ބައެއް ރަށްރަށުގެ ތެރެއިން "ނާޒުކު ތިމާވެށި" ހުރި ރަށްތަކުގެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ފަށާފަ އެވެ. ސަރުކާރުން ބުނަނީ ބޭނުމަކީ މި ރަށްތައް ހިމާޔަތް ކުރުމެވެ.
މިގޮތުން ގއ. އޮޑެގައްލާގައި ރިސޯޓު ހަދަން ކުރިއަށް ގެންދަން ރޭވި މަޝްރޫއު ހުއްޓުވައި އެ ރިސޯޓުގެ އެއްބަސްވުން ބާތިލް ކުރާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. އަދި ތިމާވެއްޓަށް ގެއްލުންވާތީ ބ. އިންނަފުށީގެ އެއްބަސްވުން ބާތިލް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އޮޑެގައްލާގެ އެއްބަސްވުން ބާތިލް ކުރިއިރު މި ރިސޯޓު ތަރައްގީ ކުރުމުގެ ގޮތުން ރިސޯޓު ކުއްޔަށް ހިފި ފަރާތުން ވަނީ ހަރަދު ތަކެއް ކޮށްފަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ރަށްރަށުގައި އިންވެސްޓަރުން އިންވެސްޓް ކޮށްފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށެވެ. ނަމަވެސް ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ރަށުގެ އެއްބަސްވުން ބާތިލް ކުރަން ސަރުކާރަށް މަޖުބޫރު ވަނީ އެވެ.
ރަށް ދިނުމުގެ ކުރީގައި މިކަމެއް ނޭނގޭ ހެއްޔެވެ؟ އަދި މިކަން ކުރަން މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިކަމުން ބޮޑެތި މައްސަލަތަކެއް ނުކުންނާނެ އެވެ. އެއް މައްސަލައަކީ ސަރުކާރަށް ބަދަލުދޭން ޖެހުމެވެ. މިހާރުވެސް ކުރީ ސަރުކާރުގެ މަޝްރޫއުތަކަށް ދޭން ޖެހޭ ބަދަލު ދެ ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ) އާ ގާތް ކުރެ އެވެ.
އަނެއް މައްސަލައަކީ ރާއްޖެއަކީ އިންވެސްޓަރުންނަށް ރައްކާތެރިކަން ނެތް ގައުމެއްގެ ގޮތުގައި ދުނިޔެއަށް ފެނިގެން ދިއުމެވެ.
ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނާ ޕާޓްނާޝިޕް ވެގެން ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި މިއިން އެނގެނީ ރިސޯޓު ދޫކުރުމުގައި ވެސް ހަރުދަނާ އުސޫލެއް ނެތް ކަމެވެ. ހަމައެކަނި ވިސްނުމަކީ ފައިސާ ހޯދުން ކަމެވެ.
"ސަރުކާރުން ކޮންމެ އަހަރަކު ހަގީގަތުގައި ރަށްތައް މި ނެރެނީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން. ކުރިމަތިލީމަ ފައިސާ ނަގާނެ. ހަގީގަތުގައި ރަށެއް މި ނަގަން ވެސް ބޮޑު ހޭދައެއް ވިޔަފާރިވެރިޔާ ކުރޭ. އެކުއެޒިޝަން ކޮސްޓު ދައްކާ، ސީއެސްއާރަށް ފައިސާދޭން ޖެހޭ. އެހެންވެ، ހަމަ އަންނަ ސަރުކާރަކުން ރަށް އަނބުރާ ނެގުމަކީ ހަގީގަތުގައި ބޭއިންސާފެއް،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
އެހެން ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ރިސޯޓު ހަދަން ރަށް ލިބުމުން ފައިނޭންސް ހޯދަނީ ބުރަ މަސައްކަތެއްގެ ކޮށްގެނެވެ. އެހެންވެ، ރަށް އަނބުރާ ނެގުމަކީ ރާއްޖޭގެ އިންވެސްޓްމަންޓް ތަކަށް ނުބައި އަސަރެއް ކުރާނެ ކަމެކެވެ.
"ރާއްޖޭގެ ބޭންކް ތަކަކީ ރިސޯޓު ހަދަން ފައިނޭންސް ހޯދަން ފަސޭހަ ތަން ތަނެއް ނޫން. އެހެންވެ، ރަށް ހިފައިގެން ދާން ޖެހެނީ ބޭރަށް. ގޮސް ރަށް ދައްކާފަ، އެ މީހުނަށް ކިޔައިދިނީމަ އިންވެސްޓްމަންޓެއް ލިބެނީ. އެމީހުން ދޭ ފައިސާއަކީ ރާއްޖެވީމަ ދޭ އެއްޗެއް. އެކަމަކު މަސައްކަތް ފެށުމުގެ ކުރިން ރަށް އަނބުރާ އަތުލާނަމަ ފައިނޭންސް ދޭ ފަރާތަށް ވެސް ދައްކާނެ މޫނެއް ނޭނގެ. މިއީ ދެރަކަމެއް،"
ސަރުކާރު ބުނަނީ ދެރަގޮތެއް ނުވާނެ ކަމަށް
މި ފަދަ މައްސަލަތަކުގެ ސަބަބުން ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި ގައުމެއްގެ ގޮތުގައި ދުނިޔެ އަށް ދެއްކޭނެ ހެއްޔެވެ؟ މިއީ އިންވެސްޓަރަށް ދެވޭ ދެރައެއް ނޫން ހެއްޔެވެ؟ މިކަމުން ރާއްޖޭގައި އިންވެސްޓްކުރަން ބޭރު މީހުން ޖެހިލުން ނުވާނެ ހެއްޔެވެ؟
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި ގާނޫނީ ގޮތުން ހަދާފައިވާ ހުރިހާ އެއްބަސްވުންތަކަށް މި ސަރުކާރުން ތަބާ ވާނެ އެވެ. އަދި އެ ފަދަ މަޝްރޫއުތައް ހިންގާ އިންވެސްޓަރުންނަށް ހައްލެއް ލިބިގެންދާނެ އެވެ.
"މަޝްރޫއުތައް ކުރިއަށް ގެންދާއިރު ވެސް އެތަންތަން ހިމާޔަތްވާ ގޮތަކަށް ނޫނީ ކުރިއަށް ނުގެންދަން ރައީސް ވަނީ އެދިވަޑައިގެންފައި. ރާއްޖޭގައި ތިބި އިންވެސްޓަރުންނަށް ވެސް އަޅުގަނޑު ދަންނަވާލަން، މިހާރު މަޑު ޖައްސާލަން މިހެން އެންގުމަށްފަހު ސަރުކާރުން ސޮލިއުޝަނެއް ހޯދަން. މީގެ މާނައަކީ އެއްވެސް މީހަކު މަގުމަތި ކޮށެއް ނުލާނަމޭ. އަޅުގަނޑު ގަބޫލެއް ނުކުރުން މިކަމުގައި ކޯޓް ބެޓަލް [ޝަރުއީ ހަނގުރާމަ] އަކަށް ދާން ޖެހޭނެ ކަމަކަށް، ރާއްޖެ ތަރައްގީ ކުރުމުގައި އެންމެންގެ ހެވާއި ލާބައަށް ނިންމާ ނިންމުންތަކުގައި،" އަލީ ވަހީދު ވިދާޅުވި އެވެ.
ސަރުކާރުގެ ވާހަކަަތައް މިގޮތަށް ހުރިއިރު އަނެއްކާ ވެސް އާ ރަށްތަކެއް ބިޑަށް ލާން މި ދަނީ ތައްޔާރު ވަމުންނެވެ. ރަށްތަކުގެ ލިސްޓު ވަނީ ޓޫރިޒަމުން ރައިސް އޮފީހަށް ފޮނުވާފަ އެވެ. ސަރުކާރުގެ 35،000 ޓޫރިޒަމް އެނދު ތަރައްގީ ކުރުމުގެ ވައުދު ފުއްދުމަށްޓަކައި މި ރަށްތައް ބިޑް ކުރާއިރު މިހާރުގެ ތަޖުރިބާއިން ހޯދީ ކޮން އިބުރަތެއް ހެއްޔެވެ؟ މި އެއްބަސްވުން ތަކަކީ ވެސް ދެން އަންނަ ފަސް އަހަރުން އުވާލާނެ އެއްބަސްވުންތަކަކަށް ވާނެ ހެއްޔެވެ؟ މި ބަދަލު ގެންނަން އިންވެސްޓްމަންޓު ހިމާޔަތް ކުރުމުގެ ގާނޫނީ އޮނިގަނޑު ވެސް އިސްލާހު ކުރަން ޖެހެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި މިހާރު ހުރި އިންވެސްޓްމަންޓުތަކާ ގުޅޭ ގާނޫނުތައް މި ސަރުކާރުން އިސްލާހުކޮށް ޒަމާނީ ކުރާނެ އެވެ.
"ރާއްޖެއަކީ އިންވެސްޓަރުންގެ އިތުބާރު އޮތް ގައުމަކަށް ހެދުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތައް ބަދަލު ކުރަން މިދަނީ މަސައްކަތް ކުރަމުން. ފޮރިން އިންވެސްޓަރުންނަށް މިހާރު ހުރި ދަތިތައް ނައްތާލަން މަސައްކަތް ކުރާނަން. އިންވެސްޓަރުންނާ ރަހުމަތްތެރި ބަދަލު ތަކެއް ގާނޫނުތަކަށް ގެންދާނެ،" އަމީރު ވިދާޅުވި އެވެ.
އިންވެސްޓުމަންޓާ ގުޅުންހުރި ގާނޫނުތައް ހަރުދަނާ ކުރަން ޖެހެ އެވެ. މިކަން ކޮށްގެންނަމަވެސް ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް ޔަގީންކަން ދޭން ޖެހެ އެވެ. މިރާއްޖެއަކީ ވިޔަފާރިވެރިން ފަށާ މަޝްރޫއުތައް ފަސް އަހަރުން އަތުލާ ގައުމެއްގެ ގޮތުގައި ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.