ފާޑު ފާޑުގެ ފޯރަމް ބޭއްވުމަކީ މި ސަރުކާރަށް އާކަމެއް ނޫނެވެ؛ މި ސަރުކާރުގެ ފުރަތަމަ ދެތިން މަހުގައި ވެސް އޮތީ ހުސް ފޯރަމެވެ. އެހެންވެގެން "މިއީ ފޯރަމް ސަރުކާރެ" ކޭ ވެސް ބައެއް މީހުން ކިޔައި އުޅުނެވެ. އެކަމަކު މި ފަހަރު މި ބޭއްވީ އެކަހަލަ ފޯރަމެއް ނޫނެވެ. މިއީ ގައުމުގެ މުސްތަގުބަލް ކުރަހައިދޭނެ ފޯރަމެކެވެ. މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ނަމުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބޮޑު ފޯރަމަކީ މި ސަރުކާރުގެ ތަރައްގީގެ ތަސައްވަރުގެ "ބޮޑު މަންޒަރު" ރާއްޖޭގެ އަސްދަނޑިން ބޭރަށް ދިއްކޮށްލާނެ ފޯރަމެކޭ ކިޔަމާ ހެއްޔެވެ؟
ކުރުނބާގައި އަންގާރަ ދުވަހު ނިންމާލި ފޯރަމްގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ނޫސްވެރިންގެ ގާތުގައި ކަމަކު އެއްސެވި އެވެ. އެއީ ފޯރަމް ބާއްވާ ކުރުނބާއަށް ގޮސް ފިސާރި ރަނގަޅަށް ކައިރިން ބަލައި އަޑު އަހައި ސުވާލުކޮށްގެން ރަނގަޅަށް ކަވަރުކޮށް ދިނުމަށެވެ. ނޫސްވެރިން ފޯރަމް ކަވަރު ކުރި ނަމަވެސް މުޅިއަކުން އެކަމެއް ނުހިނގި އެވެ. މި ފޯރަމްގެ ބައިބޯ ކަމުން ފުރަތަމަ ދުވަހުވެސް ނޫސްވެރިންނަކަށް ޖާގައެއް ނުލިބުނެވެ.
ފޯރަމްގައި މީހުން ގިނަ އެވެ؛ ބޭރުގެ މޫނުތައް ވަކީން ގިނަ އެވެ. މުޅި ފޯރަމްގައި ބޭރުގެ 35 ގައުމަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި 27 ޖަމިއްޔާއެއް ހިމެނޭނެއިރު، ބޭރުން އައި ބައިވެރިންގެ އަދަދު 130 އަށް ވުރެ ގިނަ އެވެ. އެހެންވީމާ އެހާ ގިނަ ގިނަ ބަޔަކު ހިމެނޭ ގޮތަށް ބޭއްވި މި ޕާޓްނާޝިޕް މި ފޯރަމާއެކު ސަރުކާރުން ނެރެން ބޭނުންވި ނަތީޖާ އަންނާނެތޯ އަހައިލުން އެއީ ނެތް ކަމެއް ނޫންނެވެ.
މިނިސްޓަރި ޝާހިދު ވިދާޅުވި ގޮތުގައި ޕާޓްނާޝިޕް ފޯރަމުން އެނގުނީ ބައިނަލްއަގުވާމީ މުޖުތަމައިން "ޖަޒީރާ ރާއްޖެ" ގަބޫލުކޮށްފައިވުމެވެ.
"ސަރުކާރަށް މިހާރު ޔަގީން ކުރެވިއްޖެ ފޯރަމަށް ހުށަހެޅި މަޝްރޫއުތައް ފުރިހަމައަށް ތަންފީޒުކޮށް، ދިވެހި ރައްޔިތުންނަށް މީގައި ހުރި ފޮނި މީރުކަން އިހުސާސް ކޮށްދެވޭނެކަން،" ޝާހިދު ވިދާޅުވި އެވެ.
މި ފޯރަމަށް އެކި ފަންތީގެ 70 މަޝްރޫއެއް ސަރުކާރުން ހުށަހެޅި އެވެ. މަޝްރޫއުތަކަށް ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ލިބުނު ކަމަށް ސަރުކާރުން ޔަގީންކޮށްދެއެ އެވެ. އެ އަދަދުގެ ތެރެއަށް ވަދެގެންދާ ފާހަގަ ކޮށްލެވޭ ބޮޑެތި ބައެއް މަޝްރޫއުތަކެއް ވެސް ހިމެނެ އެވެ.
މާލެ ސަރަހައްދަށް އިތުރު ބުރިޖެއް
"ގްރޭޓާ މާލެ" ސަރަހައްދު ގުޅައިލަން ހުށަހެޅި މި މަޝްރޫއުގައި ހިމެނެނީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމާއި މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިފަލުފުށި ބްރިޖަކުން ގުޅައި ލުމެވެ. މި މަޝްރޫއަށް 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.
އައްޑޫ ތަރައްގީގެ ބޮޑު މަޝްރޫއު
"އައްޑޫ ޑިވެލޮޕްމަންޓް މަޝްރޫއު" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގު 414 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.3 ބިލިއަން ދިވެހި ރުފިޔާ) ހޭދަވާނެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން އައްޑޫގައި 14 މަޝްރޫއުއެއް ހިންގާނެ އެވެ. އައްޑޫގެ ހަ ރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބޭނުމަށް އިތުރު ބިން ހިއްކުން ވެސް ހިމެނެ އެވެ. އަދި ޓޫރިޒަމްގެ މަޝްރޫއު ތަކަށް އައްޑޫގެ ހަތަރު ފަޅެއް ނުވަތަ ސަރަހައްދަކުން 25 ހެކްޓަރު ބިން ހިއްކާނެ އެވެ. މިއާއެކު ބޮޑެތި މަގުތަކެއް ވެސް ހަދާނެ އެވެ. އައްޑޫގައި ހިންގާ ހިތަދޫ ވިޔަފާރި ބަނދަރު ވެސް ތަރަައްގީވެގެން ދާނީ މި ޕްރޮޖެކްޓްގެ ތެރެއިންނެވެ.
28 ރަށުގެ ފެނާއި ނަރުދަމާ
ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުތަކެއް ހިންގަން ވެސް ޕާޓްނާޝިޕް ފޯރަމްގައި ސަރުކާރުން ހުށަހެޅި އެވެ. މި މަޝްރޫއުގެ ތެރެއިން އަންނަ ބައިތައް ރާއްޖޭގެ 28 ރަށެއްގައި ހިންގާއިރު، މީގެ އަގު 56 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 860 މިލިއަން ރުފިޔާ) އަށް އަރާނެ އެވެ.
ސިއްހީ ހިދުމަތް 16 ރަށަކަށް
ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ހިންގާ މަޝްރޫއުތައް ރާއްޖޭގެ 16 ރަށެއްގައި ހިންގާނެ އެވެ. މި މަޝްރޫއުގެ އަގު 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ އެވެ.
ރާއްޖޭގައި ޕެކޭޖިން ފެށުން
ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި އުފައްދާ ތަކެތި ބަންދު ކުރެވޭނެ ވަސީލަތް ގާއިމް ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން އެސްއެމްއީ ޕާކެއް ތަރައްގީކޮށް، އެތަނުގައި ޕެކޭޖް ކުރުމާއި ތަކެތި ގުދަން ކުރެވޭނެ ޖާގަ ހަދާނެ އެވެ.
ތިމާވެއްޓާ ރަހުމަތެރި ވެހިކަލް ނިޒާމެއް
ތިމާވެއްޓާ ރަހުމަތްތެރި ވެހިކަލްގެ ނިޒާމެއް ގާއިމް ކުރަން ސަރުކާރުން ވަނީ އިންވެސްޓްމަންޓް ހޯދާފަ އެވެ. މި މަޝްރޫއުގެ ދަށުން ރާއްޖެ ގެންނަ އިލެކްޓްރިކް އުޅަނދުތައް ޕާކު ކުރެވޭނެ ނިޒާމެއް ގާއިމްކޮށް ޗާޖިން ސްޓޭޝަންތައް ހަދާނެ އެވެ. މި މަޝްރޫއު އަށް 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ) ހަރަދު ކުރާނެ އެވެ.
އިންވެސްޓަރުންގެ ފޯރަމެއްތަ؟ ޕާޓްނަރުންގެ ފޯރަމެއްތަ؟
ސަރުކާރުން އިންވެސްޓަރުންގެ ކުރި މައްޗަށް ނުކުތް މިއީ ފުރަތަމަ ތަޖުރިބާ އެވެ. އެކަމަކު ރާއްޖެއަށް މިއީ އާކަމެއް ނޫނެވެ. ކުރިން ރާއްޖޭގައި މިގޮތަށް ހަތަރު ފޯރަމް ބާއްވައިފި އެވެ. އަދި ނިމިދިޔަ ސަރުކާރުން ވަނީ އިންވެސްޓްމަންޓް ފޯރަމްގެ ގޮތުގައި ރާއްޖޭން ބޭރުގައި ހަތަރު ފޯރަމެއް ކުރިއަށް ގެންގޮސްފަ އެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ "އިންވެސްޓަރުން" ގެނެސްގެން ބާއްވާ ވައްތަރުގެ ފޯރަމެއް ނޫނެވެ. އެކަމަކު ސަރުކާރުން މަޝްރޫއުތަކުގެ ފީޒިބިލިޓީއާއެކު ހުށަހަޅާފައިވުމުން މިއީ ވެސް އިންވެސްޓްމަންޓް ފޯރަމެއްގެ ގޮތުގައި ބެލެވިދާނެ އެވެ.
"މިއީ އިންވެސްޓްމަންޓް ފޯރަމެއް ނޫން. މީގައި އިންވެސްޓަރުންނެއް ބައިވެރިއެއް ނުވޭ. މިއީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ދައުލަތްތައް މި ބައިވެރިވީ. އެ ގައުމުތައް މެދުވެރިކޮށް ޖަޒީރާ ރާއްޖޭގެ މަޝްރޫއުތައް ބައިނަލްއަގުވާމީ މުޖުތަމައަށް މި ހުޅުވާލީ،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ބައިވެރިންގެ ވާހަކަތައް ހުރީ ކިހިނެއް؟
ފޯރަމްގެ ތެރެއިން ބައެއް އެއްބަސްވުންތަކުގައި ވަނީ ސޮއި އެޅިފަ އެވެ. އިންޑިއާ އިން ވަނީ އައްޑޫ މަޝްރޫއަށް އެހީވާން ނިންމާފަ އެވެ. މީގެ އިތުރުން އޭޑީބީ އިން ފަދަ ޖަމިއްޔާތަކުން ވެސް ވަނީ މަޝްރޫއުތަކަށްދޭ އެހީ އިތުރުކޮށްފަ އެވެ.
ފޯރަމްގެ ބައެއް ބައެއް ބައިވެރިން ވިދާޅުވި ގޮތުގައި އެމީހުން ރާއްޖެއާ މެދު ދެކެނީ ވެސް އަދި ތިބީ ވެސް ވަރަށް ޕޮޒިޓިވްކޮށެވެ.
މި ފޯރަމްގައި ބައިވެރިވި އެންމެ ބޮޑު ޕާޓްނަރަކީ ކުވެއިތު ފަންޑެވެ. ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރަން 1976 ވަނަ އަހަރުން ފެށިގެން، އެހީތެރިކަން ދެމުން ގެންދާ ކުވެއިތު ފަންޑުގެ ފަރާތުން ރާއްޖެ ވަޑައިގެން ހުންނެވި ސީނިއަ އޮފިޝަލަކު ވިދާޅުވީ އެ ފަންޑުން ރާއްޖޭގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ބައިވެރިވެ، އެހީވާން ބޭނުމެވެ.
"ދިވެހި ސަރުކާރާއި ރައްޔިތުންނަށް މިއީ ވަރަށް ކާމިޔާބު ފޯރަމެއް. ކުވެއިތު ފަންޑުން ސަރުކާރުން ހުށަހެޅި ހުރިހާ މަޝްރޫއު ތަކަށް ޝައުގުވެރިކަން އެބަހުރި. މިހާރު ވެސް ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން މިދަނީ އެހީވަމުން. މީގެ އިތުރުން މަޝްރޫއުތަކުގައި ބައިވެރިވާން ވެސް ކުވެއިތު ފަންޑުން ތައްޔާރު،" އެ އޮފިޝަލު ވިދާޅުވި އެވެ.
ޕާޓްނާޝިޕް ފޯރަމެއް ވިއަސް ނޫނީ އިންވެސްޓްމަންޓް ފޯރަމެއް ކަމުގައިވީ ނަމަވެސް ފޯރަމް މިއޮތީ ނިމިފަ އެވެ. ދެން އޮތީ ނަތީޖާއަށް ބަލަން ތިބުމެވެ. މިގެ ނަތީޖާ އެނގޭނީ ތަންކޮޅެއް ފަހުންނެވެ.