މި ސަރުކާރުން އައްޑޫ ތަރައްގީ ކުރަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ދަށުން މަގު ހެދުމުގެ މަސައްކަތަށް އިންޑިއާ އިން 200 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ )ހަމަޖައްސައިދީފި އެވެ.
އިންޑިއާ އިން ހަމަޖައްސައިދިން މި ފައިސާއަކީ އެ ގައުމުން ރާއްޖެ އަށް ދޭން ނިންމާފައިވާ 800 މިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީގެ ތެރެއިން ހަމަޖައްސައިދިން ފައިސާ އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރާއެކު ސޮއިކުރީ މިއަހަރުގެ މާޗު މަހު އެވެ.
"ޕާޓްނާޝިޕް ފޯރަމް 2019" ނިންމުމުގެ ގޮތުން، ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިންޑިއާގެ މި އެހީ ހޭދަކުރާނީ "އައްޑޫ ޑިޕްލޮޕްމަންޓް މަޝްރޫއު" ގެ ދަށުން އައްޑޫގެ އެކި ރަށްރަށުގެ މަގުތަކާއި ބަނދަރު ހެދުމަށް ކަމަށެވެ.
"މި ފައިސާއަކީ އިންޑިއަން އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން 800 މިލިއަން ޑޮލަރުގެ ތެރެއިން މި މަސައްކަތަށް ހަމަޖެއްސި ފައިސާ،" އަމީރު ވިދާޅުވި އެވެ.
ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ވަނީ އައްޑު އަތޮޅު ތަރައްގީ ކުރަން ހިންގަން ނިންމާފައިވާ 414 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.3 ބިލިއަން ރުފިޔާ) ގެ މަޝްރޫއެއް ހުށަހަޅާފަ އެވެ. އެ އަތޮޅުގެ ހަ ރަށް ފެރީގެ ނިޒާމަކުން ގުޅާލާނެ އެވެ. އަދި އެ ސަރަހައްދު އިކޮނޮމިކް ހަބެއްގެ ގޮތުގައި ތަރައްގީ ކުރާނެ އެވެ.
އައްޑޫގައި ހިންގާ ބޮޑު މަޝްރޫއުގައިވާ ގޮތުން ވިޔަފާރީގެ މަޝްރޫއުތައް ފަށަން އައްޑު އަތޮޅުން ބޮޑު ސަރަހައްދެއް ހިއްކާނެ އެވެ. އެ ގޮތުން ވިޔަފާރީގެ މަޝްރޫއުތައް ފަށަން ގާތްގަނޑަކަށް 203 ހެކްޓަރު ބިން ހިއްކާނެ އެވެ. މީގެ އިތުރުން އައްޑޫގައި ޓޫރިޒަމްގެ ހަތަރު މަޝްރޫއެއް ފަށަން ގާތްގަނޑަކަށް 25 ހެކްޓަރު ހިއްކާނެ އެވެ. މި މަޝްރޫއުގެ ދަށުން އައްޑު އަތޮޅުގެ ވަކިވަކި ރަށްރަށުގައި ވެސް ގިނަ މަޝްރޫއު ތަކެއް ހިންގާނެ އެވެ.