ޕާޓްނާޝިޕް ފޯރަމް

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފަށައިފި

ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" މިއަދު ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި ފޯރަމް، ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެންދާ ފޯރަމެކެވެ. މި ފޯރަމުގެ ތީމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ.

މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާނެ އެވެ. މި ސެޝަންތަކުގައި ރާއްޖެއިން އިގްތިސޯދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިގްތިޞޯދު ހަރުދަނާ ކުރުމަށް ކުރިޔަށް ރާވާފައިވާ ގޮތް ފޯރަމުގެ ބައިވެރިންނާއި ހައްސާ ކުރާނެ އެވެ. މީގެ ތެރޭގައި ނޫ އިޤްތިޞާދުގެ ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާބެހޭ މައުލޫމާތު ފޯރަމުގެ ބައިވެރިންނާއި ހިއްސާކުރާނެ އެވެ.