ޕާޓްނާޝިޕް ފޯރަމް

އަތޮޅުތަކަށްވި އިހުމާލު ރަނގަޅުކުރާ ވަގުތު ޖެހިއްޖެ: ރައީސް

Jun 17, 2019
5

ރާއްޖެއަށް ތަރައްގީ ގެނައުމުގައި އަތޮޅުތަކުގެ ތެރެއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، އެކަން ބަދަލުކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް ޕާރޓްނާޝިޕް ފޯރަމް" ފަށްޓަވައި ދެއްވަމުން، ރައީސް ވިދާޅުވީ ސިއްހީ އަދި ތައުލީމް ފަދަ އަސާސީ ހިދުމަތްތައް ހޯދަން އަމިއްލަ ރަށް ދޫކޮށް މާލެއަށް ދަތުރުކުރަމުން އަންނަތާ އެތަކެއް ޒަމާނެއްވެފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން، މާލެއަށް އިޖުތިމާއީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށާއި، އެ މައްސަލަ ހައްލުކުރަން މިހާރުވެސް ލަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން ހުށަހަޅާފައިވާ ލާމަރުކަޒީ ސިޔާސަތު މި މައްސަލައަށް ހައްލެއް ހޯދައިދޭނެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ތަރައްގީއާއި އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ލިބެންޖެހޭ،" ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން ވައުދުވެފައިވާ "ޖަޒީރާ ރާއްޖެ" ތަސައްވަރުގެ ތެރެއިން ގައުމަށާއި ރައްޔިތުންނަށް ހަމަހަމަކަމާއެކު ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުވެގެންދާނެ ކަމަށާއި، ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ ބައިވެރިންގެ އެހީތެރިކަމާ އެއްބާރުލުން ރާއްޖެއަށް ނުހަނު ބޭނުންވޭ،" މޫސުމަށް އަންނަ ބަދަލުތައްފަދަ ރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކުން އަރައިގަންނަން ބޭރުގެ އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާ މިންވަރު ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.

މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމުގައި ނައިބު ރައީސް ފައިސަލް ނަސީމުވެސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން ކެނބިނެޓުގެ ވަޒީރުންވެސް މި މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފޮރިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރިޔަށްގެދާ ފޯރަމެކެވެ. މި ފޯރަމުގެ ޝިއާރަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ. މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސެޝަންތަކުގައި ރާއްޖެއިން އިގުތިސޯދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިގުތިސޯދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ހިއްސާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. އަދި މިއީ ރާއްޖޭގައި ބޭއްވި ޕާޓްނާޝިޕް ފޯރަމް ތަކުގެ ތެރެއިން ބޭރުގެ ބައިވެރިވުން އެންމެ ގިނަ އަދި ތާރީހީ ފޯރަމަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މި ފޯރަމްގައި ސަރުކާރުގެ މެނިފެސްޓޯގެ އިތުރުން ގައުމީ ތަރައްގީގެ މާސްޓާ ޕްލޭންގެ ދަށުން ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ތަސައްވަރުގައި ކަނޑައެޅިފައިވާ މަޝްރޫއުތައް މިހާރު ވެސް ފޯރަމްގެ ބައިވެރިންނާ ހިއްސާ ކުރާނެ އެވެ. އަދި އެ މަޝްރޫއު ތަކަށް ބޭނުންވާ ފައިސާއާ، ކަރުދާސްތައް ވެސް ހުށަހެޅިގެންދާނެ އެވެ. މި ފޯރަމަށް ފައިސާ ހޯދުމަށް ހުށަހަޅާ ފުލް ޕެކޭޖުގެ އަގު 1.6 ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ.