ނޭމާ

ރަނގަޅު އަގެއް ލިބޭނަމަ ޕީއެސްޖީން ނޭމާ ވިއްކާލަނީ

އެކަށޭނެ ރަނގަޅު ޓްރާންސްފާގެ ހުށަހެޅުމެއް ލިބޭނަމަ، ނޭމާ ޖޫނިއާ ދޫކޮށްލަން ޕީއެސްޖީ ތައްޔާރު ވެފައިވާ ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެފި އެވެ.

ފްރާންސްގެ ކުޅިވަރު ނޫސް، ލެ ކީޕުން ބުނީ، އެކަށޭނެ ހުށަހެޅުމެއް ލިބުމުން ނޭމާ ވިއްކާލަން ޕީއެސްޖީ ތައްޔާރަށް އޮތް ކަމަށެވެ. އެ ނޫހުން އެ ގޮތަށް ބުނީ، ފްރާންސް ފުޓްބޯލް އަށް އަލް ޚަލަފީ ދިން ތަފާތު އިންޓަވިއުއަކާ ގުޅިގެންނެވެ.

އެ އިންޓަވިއުގައި އަލް ޚަލަފީ ވިދާޅުވީ ކުޅުންތެރިންގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ކުރަން ބޭނުން ނުވާ ކުޅުންތެރިންނަށް ޓީމުން ދޫކޮށް ދިއުމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ. ލެ ކީޕުން ބުނީ އެއީ ނޭމާ އަށް އިޝާރާތްކޮށް އަލް ޚަލަފީ ވިދާޅުވި ވާހަކަ އެއް ކަމަށެވެ.

"ކުޅުންތެރިންގެ ޒިންމާ އެ ކުޅުންތެރިންނަށް ކުރިއަށްވުރެވެސް މާ ބޮޑަށް މިހާރު އެނގެންޖެހޭނެ، މިހާރުން ފެށިގެން އެ ޒިންމާ ފެންނަން ޖެހޭނީ މާ ތާފަތުކޮށް، ކުރިއަށްވުރެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ، އިތުރަށް މަސައަކަތް ކުރަން ޖެހޭނެ، ކުޅުންތެރިން މި ކުލަބަށް އައީ މަޖާ ކުރާކަށް ނޫން،" އިންޓަވިއުގައި އަލް ޚަލަފީ ވިދާޅުވި އެވެ.

"މިކަންކަމާ ކުޅުންތެރިން އެއްބަސް ނުވަންޏާ ޓީމު ދޫކޮށް ދިއުމުގެ ދޮރު ވަނީ ހުޅިވިފައި، ސްޕާ ސްޓާރުންގެ އުޅުމެއް އަހަރެން ބޭނުމެއް ނޫން."

ވަކި ކުޅުންތެރިޔެއްގެ ނަން ވިދާޅުނުވެ އަލް ޚަލަފީ ދިން އިންޓަވިއު ގިނަ މީޑއާތަކުން ރައްދު ކުރަނީ ނޭމާ އަށެވެ. ޕީއެސްޖީގައި މިހާތަނަށް ހޭދަ ކުރި ދެ ސީޒަންގައިވެސް އޭނާގެ ކުޅުން އެންމެ އެދެވޭ ގޮތުގައި ނުފެނުނެވެ. މިދިޔަ ދެ ސީޒަންގައިވެސް ސީޒަންގެ އެންމެ މުހިންމު ދަނޑިވަޅުގައި އޭނާ ހުރި އަނިޔާގަ އެވެ.

ކޮޕާ އެމެރިކާގެ ކުރިން ކުޅުނު އެކުވެރި ކަމުގެ މެޗުގައި، ނޭމާ އަށް އަނިޔާވެ އޭނާ އަށް ވަނީ މުބާރާތުން ފުރުސަތު ގެއްލިފަ އެވެ. ނޭމާ ގެންދިއުމަށް، އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއިންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ރެއާލް މެޑްރިޑުންވެސް އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.

ޕީއެސްޖީން ނޭމާގެ ސޮއި 2017 ވަނަ އަހަރު ހޯދީ ބާސާއަށް 222 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ. އެއީ ކުޅުންތެރިޔަކު ކުލަބު ބަދަލު ކުރުމަށް މިހާތަނަށް ހެދުނު އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.

އަލް ޚަލަފީ ދެއްކި ވާހަކަ، ޕީއެސްޖީގެ ތަރި ކިލިޔަން އެމްބާޕޭއަށްވެސް ބައެއް މީޑިއާތަކުން ރައްދު ކުރި އެވެ. އިންސްޓަގުރާމްގައި ފޮޓޯއެއް ހިއްސާ ކުރުމަށް ފަހު އެމްބާޕޭ ބުނެފައި ވަނީ "ސޫން" އެވެ.