ފްލައިޓެއްގެ ތެރޭގައި ދިވެހި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި ބިދޭސީ މީހާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
އައްޑޫން މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއް ތެރޭގައި ބިދޭސީއަކު ދިވެހި އަންހެން ކުއްޖަކަށް ޖިންސާ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ ބިދޭސީ މީހާ ހައްޔަރު ނުކުރާ ކަމަށާއި އެކަމަކު އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އަންހެން ކުއްޖާ ވަނީ އޭނާއަށް ފުރައްސާރަ ކުރި މަންޒަރު ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އަންހެން ކުއްޖާ ބުނީ އެ މީހާ އަތުގެ އިނގިލިތަކާއި އަތުން އެކި ގޮތްގޮތަށް އިޝާރާތްކޮށް ދޫ ނެރެ ހެދި ކަމަށެވެ. އަދި ފަހުން ފޯން ނަގައި އެ ފޯނުގައި ހުރި އަންހެނެއްގެ ނިވާކަން ކުޑަ ފޮޓޯތަކެއް ޒޫމްކޮށްފައި ދެއްކި ކަމަށެވެ.
އަންހެން ކުއްޖަކަށް ފްލައިޓުގައި ޖިންސީ ފުރައްސާރަ ކޮށްފައިވާއިރު މިދިޔަ ހަފްތާ ތެރޭގައި ވަނީ އަންހެން ކުއްޖަކަށް މަގުމަތިން ޖިންސީ ފުރައްސާރަ ކުރި 56 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ވަނީ ބަންދުގެ މުއްދަތު ކޯޓުން ހޯދާފަ އެވެ.