މޯލްޑިވްސް ޕޮލިސް ސާވިސް

އިންޑިއާ މީހަކާ ގުޅުވައި ރިޕޯޓްކުރި ހަބަރެއް ފުލުހުން ކަށަވަރު ކުރަނީ

Jan 4, 2021
11

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި، އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި ކަމަށް އަޑު ފެތުރި އަދި ބައެއް ނޫސްތަކުގައި އެ ވާހަކަ ރިޕޯޓް ކޮށްފައި ވަނިކޮށް، މީޑިއާއަށް ތިލަކޮށްފައިވާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ކަށަވަރު ކުރުމުގެ މަސައްކަތްތަކެއް ފުލުުހުން ފަށައިފި އެވެ.

މިއީ ނޫހެއް / ނޫސްތަކެއްގައި ޖެހި އެފަދަ ހަބަރެއްގެ މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތްތަކެއް ފުލުހުން ފެށި ކަމަށް ބުނި ފުރަތަމަ ފަހަރެވެ.

އިއްޔެއިން ފެށިގެން އަޑުތައް ފެތުރިފައިވާ ގޮތުގައި ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކު މިދިއަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ވަނީ ރޭޕްކޮށްފަ އެވެ. އަދި އެ ކަން ފެންމަތިވުމުން އެ މައްސަލަ ނުބަލައި އޭނާ ފުރުވާލާފައިވެ އެވެ.

އެ މީހާ ރޭޮޕްކޮށްފައި ވަނީ 19 އަހަރުގެ ޒުވާން އަންހެނެއް ކަމަށް ވެސް އަޑު ފެތުރިފައި ވެއެވެ.

މި މައްސަލަ އާ ގުޅިންގެ ނޫސްވެރިން ވަނީ ފުލުހާ ސުވާލުކޮށްފަ އެވެ. ނަމަވެސް ރޭ ފުލުސް އިދާރާއިން ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ.

އެހެން ނަމަވެސް މިއަދު އަލުން ވަނީ އިދާރާއިން ވަޓްސްއެޕްގައި ހަދާފައި އޮންނަ މީޑިއާ ގްރޫޕެއްގައި އިތުރު މެސެޖެއް ހިއްސާކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ އަޑު ފެތުރިފައިވާ ވާހަތަކާ ގުޅޭ ގޮތުން "ބައެއް މީޑިއާ ގައި އެފަދަ ކަމެއް ރިޕޯޓް ކޮށްފައިވާތީ އެ މައުލޫމާތުގެ ސައްކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ގެންދާ" ކަމަށެވެ.

އިންޑިއާ މީހުނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު ދިނުން ފުލުހުން ލަސް ކުރާ ކަމަށް ފަހަކަށް އައިސް ފާހަގަ ވެފައި ވެއެވެ. މިދިއަ މަހުގެ 29 ވަނަ ދުަވަހު އެއާޕޯޓްގައި "ބޮމެކޭ، ބޮމެކޭ" ކިޔައި މީހުން ބިރު ގެންނެވި އިންޑިއާ މީހަކު ހައްޔަރުކުރި މައުލޫމާތުވެސް ފުލުހުން އާންމު ކުރީ މީޑިއާއިން އެ ވާހަކަތައް ތިލަކުރިތާ އެއް ދުވަސް ފަހުންނެވެ. އޭގެ ކުރިން ވެސް އިންޑިއާ މީހުނާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ދިނުމާއި އެ ފަދަ ހާދިސާތައް ސިއްރުވުމާއި ތަހުގީގު ކުރުމުގެ ކަންކަން ލަސް ކަމަށް އާންމުން އައި ބުނަމުންނެވެ.

ރާއްޖޭގެ ސަރުކާރާ ވަރަށްވ ގާތް ގުޅުމެއް އޮންނަ އިންޑިއާ ގުޅޭ މައްސަލަތަކާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ހިނގަ އެވެ.