ދުނިޔެ

ސުދާންގެ ކުރީގެ ރައީސްގެ ޝަރީއަތުގެ ފަށަނީ

ތިރީސް އަހަރުގެ ހުދުމުހުތާރު ވެރިކަމަކަށް ފަހު މުޒާހަރާ ކޮށްގެން ވެރިކަމުން ދުރުކޮށްފައިވާ ސުދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ޝަރީއަތް ކުރިއަށް ފެށުމުގެ މަސައްކަތް އެ ގައުމުގެ ޕްރޮސެކިއުޓަރުން ފަށައިފި ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

ވެރިކަމުން ދުރުކޮށް ޝަރީއަތަށް ހުށަހެޅެންދެން ވެރިރަށް ޚަރްތޫމްގެ ހައި ސެކިއުރިޓީ ޖަލެއްގައި ބަންދުކޮށްފައި ހުންނެވި އަލްބަޝީރު، ސަލާމަތީ ގާޑުންގެ ހިމާޔަތުގައި މިއަދު ކޯޓަށް ހާޒިރުކޮށްފައި ވާއިރު ޖަލުގައި ބަންދު ކުރި ފަހުން އާންމުންގެ ތެރެއިން ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

ސުދާން ނިއުސް އެޖެންސީ (ސުނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލް ބަޝީރު ކޯޓަށް ހާޒިރު ކުރެވުމުން ޕްރޮސެކިއުޓަރުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ސާފުކޮށް ދެއްވާފަ އެވެ. އެގޮތުން އަލްބަޝީރުގެ މައްޗަށް އުފުލާފައިވަނީ ގޮތްނޭނގޭ އަދި އެއާމެދު ޝައްކު އުފެދޭ ގިނަ އަދަދެއްގެ ބޭރު ފައިސާ އަލް ބަޝީރުގެ ގެއިން ފެނިފައިވާ ދައުވާ އެވެ.

އަލްބަޝީރު އަމިއްލަ ދިފާއުގައި ކުރަންޖެހޭ ކަންތައް ކުރުމަށް އެއް ހަފުތާގެ މުހުލަތެއް ދިނުމަށް ފަހު އޭނާގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދައުވާތަކެއް އުފުލާފައި ވާއިރު އޭގެ ތެރޭގައި މަނީ ލޯންޑަރިންގް، ޓެރަރިޒަމްއަށް ބާރުއަޅާ އެކަމަށް ހަރަދު ކުރުން އަދި މުޒާހަރާކުރާ މީހުންގެ ގަޔަށް ބަޑިޖަހަން އަމުރު ކުރުން ހިމެނެ އެވެ.

ސުދާންގައި މިހާރު ބާާރު ނަގައިގެން ތިއްބެވި މިލިޓަރީ ކައުންސިލުން އަލްބަޝީރުގެ ޝަރީއަތުގެ މަސައްކަތް ކުއްލިގޮތަކަށް ފެށުމުގެ ބޭނުމަކީ އެންމެ ފަހުން މިލިޓަރީ ކައުންސިލްއިން މުޒާހަރާ ކުރަން ތިބި މީހުންނަށް ދިން އަނިޔާވެރި ހަމަލާތަކާއި، ކައުންސިލުން މަދަނީ ސަރުކާރަކަށް ޖާގަދޭން ބޭނުން ނުވާކަމުގެ ހަގީގަތުން އެންމެންގެ ސަމާލުކަން ގެއްލުވާލުން ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވެ އެވެ.

އޭގެ އިތުރުން ކުރީގެ ރައީސްއާމެދު އަދުލުވެރި ޝަރީއަތެއް ކުރެވިދާނެތޯއާއި އަލްބަޝީރުގެ މައްޗަށް މީގެ ކުރިން ކޮށްފައިވާ އެންމެ ބޮޑެތި ދައުވާތަކަށް އިންސާފު ލިބިދާނެކަމާމެދު އެ ފަރާތްތަކުން ސުވާލު އުފައްދާފައި ވެއެވެ.

ވަރުގަދަ ބަގާވާތަކަށް ފަހު 1989 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ހުންނެވި އަލްބަޝީރުގެ ވެރިކަމުގައި 2003 ވަނަ އަހަރާއި 2008 ވަނަ އަހަރާއި ދެމެދު ދަރްފޫރުގެ ސަރަހައްދުގައި އިންސާނިއްޔަތާއި ހިލާފު އެތައް ޖަރީމާއެއް ހިންގާފައިވާާ ކަމަށް ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓު (އައިސީސީ)އިން ތުހުމަތު ކޮށްފައި ވެއެވެ.

ނަމަވެސް މި އަހަރުގެ އެޕްރިލް 11 ވަނަ ދުވަހު ވެރިކަމުން ދުރުކުރުމަށް ފަހު އަލްބަޝީރުގެ ގެކޮޅުތަކުން ތިން ގައުމެއްގެ ފައިސާ ހިމެނޭ ގޮތަށް 113 މިލިއަން އެމެރިކާ ޑޮަލަރުގެ އަދަދަކަށް ފައިސާ ފެނިފައި ވާކަމަށް މިލިޓަރީ ކައުންސިލުން ހާމަކޮށްފައި ވާއިރު އަލްބަޝީރުގެ ޝަރީއަތް ކުރިއަށް ދާނީ އެ ގައުމުގައި ކަމަށާއި އައިސީސީއާއި ހަވާލު ނުކުރާނެކަމަށް ވެސް އެ ފަރާތުން ވިދާޅުވެފައި ވެއެވެ.

އަލްބަޝީރުގެ ވެރިކަން ވެއްޓުމުގެ ކުރިން ފަށާފައިވާ މުޒާހަރާތަކާއި ގުޅިގެން ސުދާންގައި ކުއްލި ހާލަތު އިއުލާންކޮށް 3000 އެމެރިކާ ޑޮަލަރަށް ވުރެ ގިނަވާ އަދަދަކަށް އެހެން ގައުމެއްގެ ފައިސާ ގެންގުޅުން ވަނީ މަނާކޮށްފަ އެވެ.

އަލްބަޝީރުގެ މައްޗައް އެ ދައުވާ ސާބިތު ވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކުރާނެ އެވެ. އަދި އޭނާގެ މަައްޗަށް ކޮށްފައިވާ އިތުރު ދައުވާތަކުގެ ތެރެއިން މުޒާހަރާކުރަން ތިބި މީހުންގެ ގަޔަށް ބަޑިޖަހާ މެރުމަށް އަމުރުކޮށްފައި ވާކަމަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވޭނެ އެވެ.