ހަބަރު

އަމުރު ބާތިލް ކުރި ފަނޑިޔާރުންގެ މައްސަލަ ހުށަހަޅާފައެއް ނެތް: ޖޭއެސްސީ

ސްޕްރީމް ކޯޓުގެ އިތުރު އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް މިހާތަނަށް އެކޮމިޝަނަށް ހުށަހަޅާފައިނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބުނެފި އެވެ.

ޖޭއެސްސީން އެގޮތަށް ބުނީ ސްޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލައެއް ބަލާ ސަސްޕެންޑްކުރަން ނިންމާފައިވަނިކޮށް، ސްޕްރީމްކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާކަމަށް ބުނެ ރިޕޯޓްކުރެވިފައިވަނިކޮށެވެ. އެހެން ނަމަވެސް އެކޮމިޝަނުގެ އެކްޓިން ސެކެޓްރީ ޖެނެރަލް ހަސަން ޒަހީން "އަވަސް" އަށް ވިދާޅުވީ، ސްޕްރީމްކޯޓުގެ އިތުރު ފަނޑިޔާރެއްގެ މައްސަލަ އެކޮމިޝަނަށް އަދި ހުށަހަޅާފައިނުވާ ކަމަށެވެ.

ޖޭއެސްސީން އެގޮތަށް ބުނެފައިވާއިރު، މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުނު ނެރުނު އަމުރު ފަހުން ބާތިލު ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅާފައިވާކަމަށް އިއްޔެ ވަނީ ރިޕޯޓްކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރުކުރީ ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެއިރު ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް އެ އަމުރުގައި ސޮއި ކުރެއްވި އެއިރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އެއިރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން، ބާކީ ތިއްބެވި ފަނޑިޔާރުން ވަނީ އެ އަމަރުގެ ބައިތައް ބާތިލުކޮށްފަ އެވެ.

ޖޭއެސްސީއަށް މީހަކު ހުށަހެޅި ކަމަށްބުނާ މައްސަލައިގައި ވަނީ 1 ފެބްރުއަރީގެ އަމުރުގެ ބައިތައް ފަހުން ބާތިލު ކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށެވެ. އެކެއް ފެބްރުއަރީގެ އަމުރު ބާތިލު ކުރި ތިން ފަނޑިޔާރުންނަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަަދެވެ.