އާބާދީގެ ނިސްބަތުން ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ތައާރަފު ކުރަން ހުށަހެޅި ފެރީގެ ނިޒާމަށް އެހީތެރިވާނެ ކަމަށް ކުވޭތު ފަންޑުން ބުނެފި އެވެ.
މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް" ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ގެންދިއުމަށް ސަރުކާރުން ހުށަހަޅާފައިވާ ސްޕޭޝަލް ޕްލޭން ތަންފީޒު ކުރަން ކޮންމެހެން ބޭނުންވާ ދަތުރުފަތުރުގެ ނިޒާމް ޑިޒައިން ކުރުމަށް ބޭރުގެ އެހީތެރި ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެދިވަޑައިގެންފަ އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި، އެ ޕްލޭންގެ ދަށުން މުޅި ރާއްޖެގައި ސަރަހައްދީ ފަސް ހަބެއް ގާއިމު ކުރަން ވަނީ ވިސްނާފަ އެވެ. އެއީ އާބާދީގެ ނިސްބަތުން އިގުތިސޯދަށް އެކަށީގެންވާ ދައުރެއް އަދާ ކުރެވޭނެ ސަރަހައްދުތަކަށް ބަލައިގެން އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
މައި ހަބުތައް ގާއިމުކުރާ ސަރަހައްދުތައް
- ކުޅުދުއްފުށި
- ނައިފަރު
- ތިނަދޫ
- ގަން
އަސްލަމް ވިދާޅުވީ، މި ހަބުތައް ތަރައްގީ ކުރުމުން، ވަށައިގެން ހުރި ގިނަ ރަށްތަކަކަށް ތަރައްގީއާ އިގުތިސޯދީ މަންފާ ކުރާނެ ކަމަށެވެ.
"އާބާދީގެ ނިސްބަތަށް ބަލާއިރު، އަޅުގަނޑުމެންނަކަށް ނެތް ވަކިވަކިން ހުރިހާ ރަށްތަކެއްގައި ތައުލީމާއި ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް. އެގޮތަށް އެކަން ކުރަން ވިސްނައިފިނަމަ، ސަރުކާރަށް މާލީ ގޮތުން ވަރަށް ބޮޑު ބުރައަކަށް ވެގެންދޭ،" މިނިސްޓަރު ތަފްސީލު ކޮށްދެއްވި އެވެ.
އެގޮތުން، ސްޕޭޝަލް ޕްލޭނުގެ ދަށުން މި ފަސް ރީޖަނަލް ހަބާއެކު އިތުރު ނުވަ ސަބް ރީޖަނަލް ހަބް ވެސް ގާއިމު ކުރާނެ އެވެ. ނަމަވެސް، އެ ތަންތަނުގެ ތަފްސީލެއް އަސްލަމް ނުދެއްވަ އެވެ.
ރަނގަޅު ފެންވަރުގެ ފެރީގެ ނިޒާމަކާއެކު އިތުރު ފަސް ރީޖަނަލް އެއާޕޯޓް ގާއިމު ކުރަންޖެހޭ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުމަކީ ކޮންމެ ރަށަކުން ވެސް މަދުވެގެން 20 މިނެއްޓު ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ގޮތަށް އެއާޕޯޓްތައް ތަރައްގީ ކުރުން،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އަސާސީ ހިދުމަތްތަކާއި، ތަރައްގީ ގެނައުމަށް ގާއިމު ކުރަން ވިސްނާފައިވާ ހަބުތަކަށް އެންމެ ބޭނުންވަނީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން ކަމަށެވެ. ނަމަވެސް، އެފަދަ ނިޒާމެއް ޑިޒައިން ކުރުމުގެ ގާބިލުކަން ރާއްޖޭގައި ނެތް ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރި ކަމަށް އެދޭ ކަމަށެވެ.
"މި ސްޕޭޝަލް ޕްލޭން ކާމިޔާބު ކުރުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވަނީ އެ ހަބުތައް ގުޅާލާނެ ރަނގަޅު ފެރީ ނިޒާމެއް ގާއިމު ކުރުން. އެކަމަކު އަޅުގަނޑުމެންގެ ނެތް އެކަމަށް ބޭނުންވާ ފަންނީ ގާބިލު ކަމެއް. އެހެންވީމަ، މި ފޯރަމްގައި އަޅުގަނޑު މި އެދެނީ އެ ނިޒާމް ޑިޒައިން ކުރަން މިތާ ތިއްބެވި ބޭފުޅުންގެ އެހީތެރި ކަމަށް،" މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ޕެނަލިސްޓުންގެ ވާހަކަފުޅަށްފަހު، ސުވާލުތަކަށް ހުޅުވާލި ފުރުސަތުގައި، އެ ފޯރަމްގައި ކުވެއިތު ފަންޑު ތަމްސީލް ކުރައްވާ މަންދޫބު ވަނީ މިނިސްޓަރުގެ އެދިވަޑައިގެންނެވުމަށް އިޖާބަ ދެއްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކުވެއިތު ފަންޑުން އަންނަނީ 1976 ފެށިގެން ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދެމުންނެވެ. މިނިސްޓަރު އަސްލަމް ހުށަހެޅުއްވި ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އެހީތެރިކަން ކުވެއިތު ފަންޑުން ފޯރުކޮށް ދޭނެ އެވެ.
މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފޮރިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރިޔަށްގެދާ ފޯރަމެކެވެ. މި ފޯރަމުގެ ޝިއާރަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބްލް މޯލްޑިވްސް" އެވެ.
މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާނެ އެވެ. ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.
މި ފޯރަމްގައި ސަރުކާރުގެ މެނިފެސްޓޯގެ އިތުރުން ގައުމީ ތަރައްގީގެ މާސްޓާ ޕްލޭންގެ ދަށުން ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ތަސައްވަރުގައި ކަނޑައެޅިފައިވާ މަޝްރޫއުތައް މިހާރު ވެސް ފޯރަމްގެ ބައިވެރިންނާ ހިއްސާ ކުރާނެ އެވެ. އަދި އެ މަޝްރޫއު ތަކަށް ބޭނުންވާ ފައިސާއާ، ކަރުދާސްތައް ވެސް ހުށަހެޅިގެންދާނެ އެވެ. މި ފޯރަމަށް ފައިސާ ހޯދުމަށް ހުށަހަޅާ ފުލް ޕެކޭޖުގެ އަގު 1.6 ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ.