ހަބަރު

ދިރާސާކޮށް ނުނިމޭ އޮޑިޓް ރިޕޯޓްތައް ދެ ހަފުތާ ތެރޭ ނިންމަނީ

ދިރާސާ ނުކުރެވި މަޑުޖެހިފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ދެ ހަފުތާ ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ، އެއްވެސް މައްސަލައެއް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ކަނޑައެޅި މައްސަލަތައް ވެސް ހިމެނޭ ގޮތަށް ދިރާސާ ނުކުރެވިފައި ހުރި ހުރިހާ އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށެވެ. މި ގޮތުން އެ މަސައްކަތްތައް ނިންމަން ކޮމިޓީން ކަނޑައެޅީ ދެ ހަފުތާ ދުވަހުގެ މުއްދަތެކެވެ.

އޮޑިޓަ ޖެނެރަލް އެކުލަވައިލާ ހުރިހާ އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމަކީ މާލިއްޔަތުގެ ކޮމިޓީގެ މަސްއޫލިއްޔަތުތަކެވެ. ނަމަވެސް ދިރާސާކޮށް ނުނިމި މަޑުޖެހިފައިވާ 500 އަށް ވުރެ ގިނަ ރިޕޯޓްތައް އުޅެ އެވެ. އޭގެ ތެރޭގައި ފަސް އަހަރަށްވުރެ ގިނަ ދުވަސްވީ ބައެއް ރިޕޯޓުތައް ވެސް ހިމެނެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ހުރިހާ އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމުގެ މަސައްކަތް މުޅި ކޮމިޓީން ކުރާ ކަމަށް ވަނީނަމަ ގިނަ ވަގުތުތަކެއް ހޭދަވެގެންދާނެ ކަމަށެވެ. އެހެންކަމުން މެންބަރު އަސްލަމް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީތަކެއް އެކުލަވާލައި، ސަބް ކޮމިޓީތަކުގެ މެދުގައި ރިޕޯޓްތައް ބަހާލައިގެން ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށެވެ.

އަސްލަމް ހުށަހެޅުއްވި ގޮތަށް އަމަލު ކުރަން ގިނަ މެންބަރުން ތާއީދު ކުރެއްވުމުން، ކޮމިޓީގެ މެންބަރުންގެ މަޝްވަރާއިން ނިންމީ، ކޮމިޓީގެ ހުރިހާ މެންބަރުން ވެސް ހިމެނޭ ގޮތަށް ތިން މެންބަރުންގެ ހަތަރު ކޮމިޓީއަކާއި ދެ މެންބަރުންގެ ކޮމިޓީއަކާއެކު ޖުމުލަ ފަސް ސަބް ކޮމިޓީއެއް އެކުލަވައިލުމަށެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވި ގޮތުގައި މަޑުޖެހިފައިވާ ރިޕޯޓުތަކުގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި 18 ރިޕޯޓަކާއި، ކުދި ނަމަވެސް ގިނަ މައްސަލަތައް ހުރި ކަމަށް އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވި 43 ރިޕޯޓް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އޮޑިޓަ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއެކު މާލިއްޔަތު ކޮމިޓީގެ މެންބަރުން މާދަމާ ބައްދަލުވުމެއް ބާއްވާނެ އެވެ.