ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމަށް ހުށަހެޅި ގަރާރު ރައްޔިތުން މަޖިލީހުން ފާސްނުކޮށް ބޭރުކޮށްލައިފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލަން ނިންނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 77 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގަރާރާ އެއްކޮޅަށް 15 މެންބަރަކު ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވަން ދެ މެންބަރަކު ވޯޓު ދެއްވި އެވެ.
ޖާބިރުގެ ގަރާރުގައިވާ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ބިދޭސީ އިންވެސްޓަރުންގެ އަތް ދަށަށް ގޮސްފަ އެވެ. ހަމަ އެގޮތަށް ގެސްޓްހައުސް ވިޔަފާރިތައް ވެސް އެ ފަރާތްތަކުގެ ކޮންޓްރޯލުގެ ދަށަށް ދިޔުމުގެ ބިރު އެބަ އޮތެވެ. އެހެންކަމުން ސޮވަރިން ގެރެންޓީއެއް ދީގެން ނަމަވެސް ގެސްޓްހައުސް އިންވެސްޓަރުންނަށް ފައިސާ ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސަންގަރާރުގައި ޖާބިރު ގޮވާލައްވާފައި ވެއެވެ.
ގަރާރުގައިވާ ގޮތުން މިކަން މި ގޮތަށް ވަނީ ބޭންކުތަކުން އެ ސިނާއަތް ތަރައްގީ ކުރަން އެކަށީގެންވާ ފައިނޭންސް ފޯރުކޮށް ނުދެވުމާއި ބޭނުންކުތަކުން ލިބެން ހުރި މަދު ފައިނޭންސްތަކަށް ވާސިލުވާން ގެސްޓް ހައުސް ވިޔަފާރިތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މި ގަރާރަށް ބަހުސް ކުރައްވަމުން ވާހަކަ ދެއްކެވި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ ގަރާރަކީ ޖާބިރު އަމިއްލަ ފައިދާ އާއި މަންފާ ހޯދަން ހުށަހެޅި ގަރާރެއް ކަމަށް ބެލެވޭ ކަމަށާއި އެއީ އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދައުލަތުން ސޮވަރިން ގެރެންޓީއެއް ދިނުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ގެސްޓްހައުސް ދާއިރާ ވީހާ ވެސް ފުޅާކޮށް އޭގެން ރައްޔިތުންނަށް މަންފާ ވާނެ މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ތާއީދު ކުރެވޭ ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ހަމަޖައްސައިދޭ އެސްއެމްއީ ބެންކެއް ހުޅުވާފައިވާ ކަމަށާއި އެ ބެންކު މެދުވެރިކޮށް އެފަދަ ވިޔަފާރިތަކަށް ފައިސާ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ސޮަރިން ގެރެންޓީ ދޭން ޖެހޭނީ ދައުލަތުން ހިންގާ ބޮޑެތި އިންވެސްޓްމަންޓުތަކަށް އެކަނި ކަމަށް އަފީފް ވެސް ވިދާޅުވި އެވެ.