ހަބަރު

އޭސީސީ އާއި ބްރޯކްޑޮމްގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނައިބު މުގައްރިރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ އަންނަ ބުދަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް އޭސީސީގެ މެންބަރުންނާއި ބްރޯޑްކޮމްގެ މެންބަރުން ހާޒިރުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މީކާއީލް ވިދާޅުވި ގޮތުގައި އެ ދެ ކޮމިޝަންގެ މެންބަރުން ހާޒިރު ކުރަން ނިންމީ އޭސީސީން ތަހުގީގު ނުކޮށް ދޫކޮށްލާފައިވާ މައްސަލަތަކާ ބެހޭ ގޮތުން ސުވާލު ކުރުމަށާއި ބްރޯޑޮކްމެގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ސޮފްވާން ވަޒީފާއަށް ނުކުމަވަޑައިނުގެންނެވި ދުވަސްވަރު މުސާރަ ނެންގެވި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.

މީކާއީލް ވަނީ އެ ދެ ކޮމިޝަންގެ މެންބަރުންނާ އާންމުން ކުރަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން، ސުވާލެއް އޮތް މީހަކު މީކާއީލްގެ ޓްވީޓާ އެކައުންޓަށް އެ ސުވާލެއް މެސެޖުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހުވާ ކުރި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސަތަކުގެ ކޮމިޓީއަށް މުއައްސަސާތަކެއްގެ މެންބަރުން އެ ކޮމިޓީއަށް ހާޒިރު ކުރާ މިއީ ފުރަތަމަ ފަހަރެވެ. ނަވާރަވަނަ މަޖިލީހުގައި އަލަށް އުފެއްދި ޖުޑިޝަރީ ކޮމިޓީން ވަނީ މީގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުން ހާޒިރުކޮށްފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީއާއި ބްރޯޑްކޮމްގެ މެންބަރުން ހާޒިރުކުރަން ނިންމިއިރު، އެ ދެ ކޮމިޝަންގެ ގިނަ ނިންމުމަށް އާންމުންގެ ފާޑުކިޔުންތައް ވަނީ އަޒާމުވެފަ އެވެ.