ކާއިރޯ (ޖުލައި 17) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަވާހަރަވެއްޖެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުރްސީގެ މައްޗަށް އުފުލާފައިވާ ޖާސޫސު ކުރުމުގެ ދައުވާގެ ޝަރީއަތުގައި އެމަނިކުފާނު ފަނީ ހޭފުޅުނެތިގެން ކޯޓު ތެރެއަށް ވެއްޓިފައިކަމަށް ރިޕޯޓުތައް ބުނެ އެވެ. އެމަނިކުފާނު އަވަހާރަވެއްޖެކަމަށް ބުނެފައިވަނީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ.
މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުރެ ސިފައިން ގެނައި ބަޣާވާތެއްގަ އެވެ.
މުރްސީގެ ޕާޓީ މުސްލިމް ބްރަދާހުޑް އަކީ ޓެރަރިސްޓް ޖަމިއްޔާއެއް ކަމަށް ކަނޑައަޅައި، އެ ޕާޓީގެ އެތަކެއް ހާސް ސަޕޯޓަރުންނަށް އެކި ދައުވާތައް ކުރެވި ވަނީ ޖަލަށްލެވިފަ އެވެ.
އޭޕްރީލް 2015 ގައި ރައީސްގެ ރަސްމީ ގެކޮޅު ކުރިމަތީގައި ކުރި މުޒާހަރާއެއްގައި ފުލުހުން ލައްވާ މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކުރި މައްސަލާގައި، މުރްސީގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މީގެ އިތުރުން، ސެޕްޓެމްބަރު 2016 ގައި، ގަތަރަށް ޖާސޫސުކޮށްދިން ކަން ސާބިތުވެ، މުރްސީއަށް ވަނީ އިތުރުން 25 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި އޭގެ ފަހުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2017 ގައި މުރްސީގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ.