ރިޕޯޓް

ޖޭއެސްސީގެ ނިންމުމަށް މަޖިލިހަށް ގޮތް ކަނޑައެޅޭތަ؟

Jun 18, 2019
10

މި ސަރުކާރުން އެންމެ "ވިއްކަމުން" ދިޔަ އެއް ވާހަކައަކީ ޖުޑީޝަރީ އިސްލާހު ކުރުމުގެ ވާހަކަ އެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ކުރެވެން އަންނަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަން ކޮށްގެން ކަމަށް ސަރުކާރު މައި ޕާޓީ އެމްޑީޕީ އިން އަބަދުވެސް ދިޔައީ ގޮވަމުންނެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ޖޭއެސްސީއަށް އެމްޑީޕީގެ ބާރު ލިބިގެން ދިޔަ އެވެ. އަދި ޖޭއެސްސީގެ މަސައްކަތް ވަރަށް ވެސް ބާރަށް ހަލުވި ކަމާއެކު ފެށިގެންދިޔަ އެވެ.

އެންމެ ފުރަތަމަވެސް ހުށަހެޅިގެން ދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އެވެ. ރިޝްވަތު ހިފި ކަމަށް ވިދާޅުވެ މަޖިލިސް ރައީސް، ރައީސް ނަޝީދު އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުނު ހިސާބުން ވަނީ ހުޅުގަނޑެއް އުފެދިފަ އެވެ. އެ ހުޅުގަނޑު ބޮޑުވެގެން ދިޔައީ ފުލުހުން އެ މައްސަލަ ބަލަން ފަށައި، ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރަން ނިންމި ހިސާބުންނެވެ. މިހާރު މިވަނީ ޖޭއެސްސީ އާއި ސުޕްރީމް ކޯޓާއި ދެމެދު ބޮޑު ހަނގުރާމައެއް ފެށިފަ އެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ސަރުކާރު މަސައްކަތް ކުރަމުންދާއިރު، އެ މައްސަލަ އިތުރަށް ގޯސްވެ، މިހާރު މިވަނީ މަޖިލީހުން ވެސް އެ މައްސަލައިގެ ތެރެއަށް ވަދެފަ އެވެ. މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއަށް އެ މައްސަލަ ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ. ކޮމެޓީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީއިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް އެކަން މަޖިލީހުން ފާސް ކުރުމަށް ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.

މަޖިލީހުގެ ކޮމެޓީގެ އެ ނިންމުމާއެކު ހިޔާލުތަފާތުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފަ އެވެ. މި މައްސަލާގައި ގިނަ ބައެއްގެ ރައުޔު ތަފާތެވެ. އެގޮތުން އެންމެ ފުރަތަމަ އެކަމާމެދު ހިޔާލު ތަފާތުވެ ވާހަކަ ދައްކާފައިވަނީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނެވެ. ޖުމްހޫރީ ޕާޓީގެ މެންބަރުން އަލީ ހުސެއިން ވަނީ ކޮމެޓީއަށް ހުށަހެޅުނު މައްސަލައާމެދު ވަރަށް ބޮޑަށް ދެކޮޅު ހައްދަވައި ވާހަކަ ދައްކަވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތަކަށް ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ވިއުއެއް ނުދެވޭނެ އެވެ. އެއީ ޝަރުއީ ކޯޓުތަކަށް ލިބިގެންވާ ބާރުތަކެކެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކަމެއް ކޮމިޝަނަކުން ނިންމުމަށް ފަހު، އެކަމުގެ ރަނގަޅު ކަން ނުވަތަ ނޫން ކަން، ގާނޫނާ އެއްގޮތަށް ނިންމާފައިވާ ކަން ނުވަތަ ނޫން ކަން ނިންމާނީ ކޯޓުތަކުން. މަޖިލިހަކީ އަދި ކޮމިޓީއަކީ ޒިންމާދާރު ކުރުވުމާއި ޖަވާބުދާރީކުރުވަން އޮންނަ ކޮމިޓީއެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން އެކަމަށް ދެކޮޅު ހައްދަވާފައިވާއިރު، ސުޕްރީމް ކޯޓުންވެސް އިއްޔެ ވަނީ ކޮމެޓީގެ ނިންމުމާއި ދެކޮޅަށް އަމުރެއް ނެރެފަ އެވެ. އެއަމުރުގައި ވާ ގޮތުޔން އެކޯޓުން ނެރެފައިވާ ވަގުތީ އަމުރު، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސް ކުރުމަށާއި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކޮށްފައިވާ އަމުރާއި ހިލާފުވާ ގޮތަށް ނިންމާ ކޮންމެ ނިންމުމެއް އެއީ ބާތިލް ނިންމުމެކެވެ.

"ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީއަކުން ނުވަތަ ކަމާބެހޭ އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅަން،" އަމުރުގައިވެ އެވެ.

އަމުރުގައި ވަރަށް ސާފުކޮށް މަޖިލީހުން ނިންމި ނިންމުން ބާތިލް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މިކަމާމެދު ހިޔާލުތަފާތުވާ ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ. ހާއްސަކޮށް މިހާރު ސަރުކާރަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ދަނީ ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށް ބުނަމުންނެވެ.

މެންބަރު ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެކަމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެ ކަމެކެވެ. އަދި މިނިވަން މުއައްސަސާތަކުން ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާނަމަ އެ މުއައްސަސާތައް ޖަވާބުދާރީކޮށް އެ މުއައްސަސާތަކަށް އިލްތިމާސްތައް ކުރުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ.

މަޖިލީހުން ޖޭއެސްސީގެ ނިންމުމަށް ތާއީދު ކުރެވޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުންވެސް ދެކެ އެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ވަކި ކަމަކަށް ތާއީދުކޮށް މަޖިލީހުން ގޮތް ނިންމުމަކީ މަޖިލީހުން މީގެ ކުރިންވެސް ކޮށްފައިވާ ކަންކަން ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމުގައި ގާނޫނީ ހުރަހެއްނެތެވެ.

މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ، ގާނޫނެއް ފާސް ނުކޮށް ފެންނަ ގޮތް ކަނޑައެޅުމަކީ މަޖިލީހަށް ކުރެވިދާނެ ކަމެކެވެ. އެއީ މީގެ ކުރިންވެސް މަޖިލީހުން ކޮށްއުޅުނު ކަމެކެވެ.

"ޖޭއެސްސީއިން ނިންމި ނިންމުން ރަނގަޅު ކަމަށް މަޖިލީހަށް ފެންނަނީ ރަނގަޅަށޭ، އެގޮތަށް ބުނެފަ ފާސް ވެސް ކުރެވިދާނެ، އެއީކީ މައްސަލައެއް ނޫން، އޭގެން ހާމަ ކުރެވުނީ މަޖިލީހުގެ އޮޕީނިއަން، އެއީ މަޖިލީހުގެ މިދާއިރާ ތެރޭގައި އޮންނަ ކަމެއް، އެއީ ކޮށްއުޅޭ ކަމެއް، މީގެ ކުރިންވެސް އެބަހުއްޓެއްނު ކަންކަމުގައި މަޖިލީހުން ގޮތް ކިޔާފަ،" ޝަމީމް ވިދާޅުވި އެވެ.

ޖޭއެސްސީގެ ނިންމުމަށް މަޖިލީހުން ތާއީދުކޮށްފައިވާއިރު، ނިޒާމްގެ ތިންވަނަ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ޖޭއެސްސީގެ ނިންމުމާއި މަޖިލީހުގެ ނިންމުމަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ވަނީ ޖޭއެސްސީ ޖަވާބުދާރީ ކުރުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެހެން ބާރަކަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ އަމުރަށް ރައްދު ދެއްވާފަ އެވެ.

"ޖޭއެސްސީގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފަ، އެއީ ޖޭއެސްސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މަޖިލިސް މެދުވެރިކޮށް އެޅުން، އެއީ ގާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ގާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވެފައިވީ ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ފަނޑިޔާރު ދީދީގެ މައްސަލައާ ގުޅިގެން އިތުރަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާފައިވަނިކޮށް، ޖޭއެސްސީ އަދި މަޖިލީހުން ވަކި ގޮތަކަށް ކަންކަން ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮން ޖެހުން ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ. އަދި އެއީ ގާނޫނުތަކާއި ހިލާފަށް ކުރަމުންދާ ކަމެއް ކަމަށްވެސް ބައެއް ފަރާތްްތަކުން ދަނީ ބުނަމުންނެވެ.

"ގާނޫނު އަސާސީގައިވާ ގޮތުން އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން، ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ ފަނޑިޔާރު ދީދީގެ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް، އެހެން ނިންމާފައިވަނިކޮށް މަޖިލީހުން އެކަމަށް ތާއީދުކޮށް ޖޭއެސްސީން އެމައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން، ގާނޫނު އަސާސީއާ މުޅިން ހިލާފަށް ކުރިއަށް ގެންގޮސްފައިވާ ކަމެއް މިއީ،" ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޖުޑީޝަރީ އާއި އަނެއް ދެބާރު މިއަދު މިވަނީ ޖޭއެސްސީއާ އެއްކޮޅަށް އަރައި އިތުރަށް މަޝްރަހު ހޫނުކޮށްލާފަ އެވެ. ފެނިގެން މިދަނީ އެއްވެސް ނިޒާމަކުން މިކަމަށް ދޫދޭން ތައްޔާރުނޫން ކަމެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި ދީދީގެ މައްސަލަ ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އަދި ފަނޑިޔާރު އަބުދުﷲ ދީދީ ދަނީ ޖޭއެސްސީގެ ނިންމުމަށް ގޮންޖަހައި ރަސްމީ މަސައްކަތަށް ނުކުންނަވަމުންނެވެ.