ވިޔަފާރި

ޕާޓްނާޝިޕް ފޯރަމް: މިއަދު ޝަރުއީ ދާއިރާ އާއި ޕްރައިވެޓްސެކްޓާ

Jun 18, 2019
2

ރާއްޖޭގައި ހުރި ތަރައްގީގެ މަޝްރޫއު ތަކަށް އިންވެސްޓަރުން ހޯދުމަށް ބާއްވާ "މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް" ގައި މިއަދު އޮންނާނީ ގަވަންސް އާއި ޝަރުއީ ދާއިރާ އަދި ޕްރައިވެޓް ސެކްޓާގެ ބައެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި ފޯރަމްގައި ގަވަނަންސް އެންޑް ޖަސްޓިސްގެ ބައިގެ ޕެނަލް ޑިސްކަޝަންތަކުގައި އިސްލާމިކް މިިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާއިލް އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު ހަމީދު ބައިވެރިވަޑައިގަންނަވާނެ އެވެ.

ފޯރަމްގައި މި ބައިގެ އިތުރުން މިއަދުގެ މެންދުރު ފަހުގެ ދަންފަޅީގައި އޮންނާނީ ރާއްޖޭގައި ވިޔަފާރި ކުރުމާއި ކުޅޭ ބައެވެ. މި ބައިގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައި ގަންނަވާނެ އެވެ. އަދި ޕްރައިވެޓް ސެކްޓާ ޑިވްލޮޕްމަންޓާ ބެހޭ ސެޝަންއެއް ވެސް މިއަދު އޮންނާނެ އެވެ.

ޕާޓްނާޝިޕް ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.

ޕާޓްނާޝިޕް ފޯރަމްގައި އެހީ ދިނުމުގެ ބައެއް އެއްބަސްވުންތަކުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. އިއްޔެ ސޮއިކުރި ތިން އެއްބަސްވުމަކީ ރާއްޖޭގެ އިޖްތިމާއި ތަރައްގީ އަށް ޖަޕާނުން 73 މިލިއަން ރުފިޔާގެ އެއްބަސްވުމަކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖޭގައި ހިންގާނެ 10 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ އިތުރުން ރާއްޖެ އިން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި ހަކަތައިގެ ދާއިރާ އަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިން ފަސް މިލިއަން ޔޫރޯގެ ހިލޭ އެހީގެ އެއްބަސްވުމެކެވެ.