ކުޅިވަރު

ޖަޕާން އަތުން ޗެމްޕިއަން ޗިލީއަށް ފަސޭހަ މޮޅެއް

ހާއްސަ މެހެމާނެއްގެ ގޮތުގައި، ވާދަ ކުރާ އޭޝިއާގެ ރަނަރަފު ޖަޕާންގެ ޒުވާން ޓީމުގެ މައްޗަށް، 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ޗިލީ ފަސޭހަ މޮޅެއް ހޯދައިފި އެވެ.

މި އަހަރުގެ ކޮޕާ އެމެރިކާގެ މުބާރާތުން، ހާއްސަ މެހެމާނުންގެ ގޮތުގައި އޭޝިއާގެ ޗެމްޕިއަން ގަތަރާއި ރަނަރަފު ޖަޕާނަށް ވަނީ ފުރުސަތު ދީފަ އެވެ. ބްރެޒިލްގެ ސައުޕޯލާގައި ކުޅުނު މެޗުގައި، ޗެލީގެ އެޑްއާޑޯ ވާގަސް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ފުރަތަމަ ހާފު ބޮޑު ބައެއް ޑޮމިނޭޓް ކޮށްގެން ކުޅުނު ޗިލީއަށް ނަތީޖާ އަނބުރާ ލެވުނީ މެޗުގެ 41 ވަނަ މިނެޓްގައި އެރިކް ޕޯލްގާ ކާމިޔާބު ކުރީ، ލަނޑުންނެވެ. ޗާލްސް އަރަންގީޒް ނެގި ކޯނަރުން ތަނަވަސްވި ބޯޅަ ޕޯލްގާ ގޯލް ތެރެއަށް ވައްދާލީ ބޮލުންނެވެ.

ލަނޑަށް ފަހު ޖަޕާނުން ވަނީ ޗިލީ ކޮޅަށް ހަމަލާއެއް އުފައްދައި، ޖަވާބު ދީފަ އެވެ. އެހެންނަމެވެސް އައެސޭ އުޑާ ފޮނުވާލި ބޯޅަ ދިޔައީ ގޯލަށް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި ނިކުމެ ވާގަސް ވަނީ، މައުރީސިއޯ އިސްލާ ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ޗިލީގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މި އަންނަ އަހަރު އަމިއްލަ ގައުމުގައި ބާއްވާ، އޮލިމްޕިކްސް އަށް ތައްޔާރު ވުމުގެ ގޮތުން، ޖަޕާނުން މުބާރާތުގައި ވާދަ ކުރީ ޒުވާން ޓީމަކާއެކު އެވެ. އެ ޓީމުގެ މެދުތެރެއިން ލީޑް ކުރީ، މިދިޔަ ހަފުތާގައި ރެއާލް މެޑްރިޑަށް ސޮއި ކުރި ޓަކެފޫޝޯ ކޫބޯ އެވެ. ކޫބޯ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލްގެ ދަނޑިއާ ހަނި އޭންގަލުން ބޭރަށެވެ.

ޗިލީގެ ތިން ވަނަ ލަނޑު، 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެލެކްސިސް ސަންޗޭޒް އެވެ. އޭގެ އެއް މިނެޓް ފަހުން ސަންޗޭޒް ދިން ފުރުސަތަކުން ވާގަސް ވަނީ ޗިލީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގައި މިރޭ ދެ މެޗު ކުޅޭނެ އެވެ. ގުރޫޕް އޭ ގެ އެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ފުރަތަމަ މެޗުގައި ވާދަ ކުރާނީ ބޮލިވިއާ އާއި ޕެރޫ އެވެ. ރާއްޖޭގަޑިން މެންދަމުން އަލިވެ 2:30 ގައި ކުޅޭ އެ މެޗަށް ފަހު، ބްރެޒިލް ނިކުންނާނީ ވެނެޒުއޭލާ އާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން ފަތިހު 5:30 ގަ އެވެ.