ވިޔަފާރި

ކާގޯ ޓާމިނަލްގެ މަސައްކަތް ހަލުއިކޮށް، ސްޓްރަކްޗާ ނިންމާލައިފި

Jun 18, 2019
1

ވައިގެ މަގުން އުފުލާ ކާގޯގެ ވިޔަފާރި އަށް އިންގިލާބީ ބަދަލު ތަކެއް ގެންނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ އާ އިންޓަނޭނަލް ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ ނިންމާލައިފި އެވެ.

ވީއައިއޭ ބަލަހަށްޓާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ ސްޓްރަކްޗާގެ މަސައްކަތް ނިމި، ފުރާޅު ވެސް އިންސްޓޯލްކޮށްފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަނީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ކުންފުންޏަށް 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށްގެންނެވެ. މިތަނުގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ ޖާގަ އޮވެ އެވެ.

ކާގޯ ޓާމިނަލްގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. އަދި ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ބީޔޫސީޖީ ކުންފުނިންނެވެ.މި ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.