އުމުރުން އެއް އަހަރުން ފެށިގެން ޕްރީ ސްކޫލްގެ ތައުލީމު ފޯރުކޮށްދޭ ގޮތަށް ޕްރީ ސްކޫލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގައި ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވާހަކަ ދައްކަވައިފި އެވެ.
ޕްރީ ސްކޫލްގެ ގާނޫނު މިހާރު އޮންނަ ގޮތުން ޕްރީ ސްކޫލްގެ ތައުލީމު ދޭން އޮންނަނީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް ބެލެނިވެރިން އެކަމަށް ބޭނުންވާނަމަ ދެ އަހަރުން ފެށިގެން ވެސް ޕްރީ ސްކޫލްގެ ޕްރޮގްރާމްތަކުގައި ބައިވެރި ކުރެވޭނެ އެވެ.
އެ ގާނޫނަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި އިސްލާހަކީ އުމުރުން އެއް އަހަރުން ފެށިގެން ޕްރީސްކޫލް ތައުލީމުގައި ތުއްތު ކުދިން ބައިވެރި ކޮށްގެން ސްކޫލްތައް ހިންގަން ދައުލަތަށް ލާޒިމު ކުރުމެވެ.
މި ބިލަށް ބަހުސް ކުރައްވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ ޕްރީ ސްކޫލް ތައުލީމު އެންމެ ކާމިޔާބު ގައުމުތަކަށް ބަލާއިރުގައި ޕްރީ ސްކޫލް ތައުލީމުގެ މަރުހަލާ ފަށަނީ އުމުރުން ހަތް އަހަރުގައި ކަމަށާއި ގިނަ ގައުމުތަކުގައި ވެސްް އާންމުކޮށް ފަށަނީ ފަސް އަހަރުން ފެށިގެން ކަމަށެވެ. އެފަދަ ގައުމުތަކުން ތައުލީމީ ނިޒާމު އެ ގޮތަށް ބައްޓަން ކޮށްފައި އޮންނަނީ މާ ތުއްތު އިރުން ފެށިގެން ޕްރީ ސްކޫލް ތައާރަފު ކުރުމަކީ އެ ކުދިންގެ އުފެއްދުންތެރިކަން "މަރާލައި" ކަމެއް ކަމުގައި ދިރާސާ ތަކުން ދައްކާތީ ކަމުގައި ޖީހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގާނޫނަކުން މި ގޮތަށް ކަނޑައަޅާ ކުއްޖެއްގެ ސްކޫލަށް ދާންޖެހޭ އުމުރަކީ އެއް އަހަރު ކަމަށް ވިއްޔާ އަޅުގަނޑު ދެކޭ ގޮތުގައި ތަރުބަވީ ކުރިއެރުމަށް އަދި ވަކިން ހާއްސަ ގޮތެއްގައި ކުއްޖެއްގެ ކްރިއޭޓިވީއަށް އަޅުގަނޑުމެންނަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް. މި އިސްހާލާ މެދު އަދި ވަރަށް ފުންކޮށް ވިސްނަން ޖެހޭ." ޖީހާން މަހްމޫދު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ވެސް ވިދާޅުވީ ބިލަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެ ގޮތުން ބޭރުގެ ތަހުޒީބު މުޖުތަމައުތަކަށް ބަލާއިރު ވެސް ތައުލީމީ ނިޒާމު ފެށިގެން ދަނީ އެންމެ ދަށްވެގެން ވެސް އުމުރުން ހަތަރު އަހަރުގައި ނުވަތަ ފަސް އަހަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް އަހަރުން ފެށިގެން ޕްރީ ސްކޫލްތައް ހުޅުވަން ފަށައިފި ނަމަ ސްކޫލްތައް ވެގެން ދާނީ ޑޭކެއާ ސެންޓަރުތަކަކަށް. އަޅުގަނޑެއް ތާއީދެއް ނުކުރަން ޕްރީ ސްކޫލްތައް ޑޭކެއާ ސެންޓަރުތަކަކަށް ވެގެން ދާކަށް. އަޅުގަނޑު ތާއީދު ކުރަނީ އުމުރުން އެއް އަހަރާއި ދެ އަހަރަކީ އެ ކުދިންގެ މައިންބަފައިންގެ ކައިރިން ތަރުބިއްޔަތު ވާން ޖެހޭ އުމުރު ކަމަށްވާތީ ގާނޫނު މިހާރު އޮތް ގޮތަށް ބާއްވަން." ހުސައިން ވަހީދު ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ޕްރީ ސްކޫލްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލަކީ ތައުލީމީ ނިޒާމަށް ހުރަސް އެޅުމުގެ ގޮތުންނާއި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެޖެންޑާ 19 ގައި ހުރި ތައުލީމީ ސިޔާސަތުތަކުގައި ހުރި ކަންކަން ހާސިލުވިޔަ ނުދިނުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އަދި ވިދާޅުވީ ބިލުގެ ސަބަބުން ލިބޭނެ ފައިދާއެއް އޮތް ކަމަށް ގަނޫލު ނުކުރައްވާތ ބިލަށް ތާއީދު ކުރެވެން ނެތް ކަމަށެވެ.
ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ޕްރީ ސްކޫލް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ވަގުތުން ވަގުތަށް ކޮންމެހެން މިހާރު ގެންނަން ޖެހޭ އިސްލާހެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕްރީ ސްކޫލް ގާނޫނަށް ބޮޑު އިސްލާހެއް ގެންނަން ވާނީ އެކަށީގެންވާ ދިރާސާއެއް ކުރުމަށް ފަހުގައި ކަމަށެވެ. އެ އިސްލާހުގެ ސަބަބުން ކުރިއެރުން ލިބިދާނެ ކަމާ މެދު އަފީފު ވެސް ސުވާލު އުފެއްދެވި އެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ ބޭބީ ނާސަރީ ކުދިންނަށް ތައުލީމު ދެމުން ދަނީ އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ނޫން ކަމަށެވެ. އެ ގޮތުން ރާއްޖޭގެ މިއަދުގެ ހާލަތުގެ ރިއާޔަތް ކުރާއިރު ބޭބީ ނާސަރީ ހިންގުމުގައި ދައުލަތުން ކޮންމެ ވެސް ކަހަލަ އެހީތެރިކަމެއް ދިނުން ވަރަށް މުހިއްމު ކަމަށެވެ.
"ރަށްރަށުގައި ކުދިންނަށް ތައުލީމު ދެމުން ދަނީ ބެލެނިވެރިންގެ އަތުން ބޮޑު އަދަދެއްގެ ފީއެއް ނަގައިގެން، އެ ވަރުން ވެސް އެ ސްކޫލްތަކުގެ ޓީޗަރުންނަށް އެކަށީގެންވާ މުސާރައެއް ނުދެވޭ. އަދި އެކަށީގެންވާ ވަސީލަތްތަކެއް ވެސް ނެތް. އެހެންކަމުން ޕްރީސްކޫލް ތައުލީމީ ނިޒާމުގެ ކަންކަން ރަނގަޅުކުރަން އެބަ ޖެހޭ މަސައްކަތް ކުރަން." އާދަމް ޝަރީފު ވިދާޅުވި އެވެ.
ނަމަވެސް ތައުލީމީ ނިޒާމަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާއިރު ބަދަލެއް ގެންނަން ވާނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ. ބިލަށް ތާއީދު ކުރުމާ ގުޅޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.