ދުނިޔެ

ޗައިނާއަށް އައި ބިންހެލުމެއްގައި 12 މީހުން މަރުވެއްޖެ

ޗައިނާގެ ހުޅަނގު ދެކުނަށް އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 12 އަށް އަރައި އަނިޔާވި މީހުންގެ އަދަދު 134 އަށް އަރައިފި އެވެ. މީހުން ސަލާމަތްކުރަން މަސައްކަތް ދަނީ ކުރަމުންނެވެ.

އިއްޔެ ޗައިނާގެ ޝިޗުއާން ޕްރޮވިންސްއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެތައް އިމާރާތެއް ހަލާކުވެފައި ވާއިރު 4000 އަށްވުރެ ގިނަ އަދަދަކަށް މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރަން ޖެހުނެވެ.

އަދި ޔިބިން އާއި ޒުޔޮންގް ކައުންޓީގެ ގިނަ ހައިވޭތަކުގައި ރެނދުލާފައި ވުމުގެ ސަބަބުން އެ ހައިވޭތައް ބަންދުކޮށްފައި ވާއިރު އެންމެ ބޮޑަށް ބިން ހެލުމުގެ އަސަރުކޮށްފައިވާ ޒިންހުއާގެ ހޮޓަލެއް ވަނީ ބިމާއި ހަމަވެފަ އެވެ.

ބިންހެލުން އަންނަކަން އަންގައިދޭ އެލާމް ސިސްޓަމެއްގެ ޒަރިއްޔާއިން ޝިޗުއާން ޕްރޮވިންސްއަށް ބިންހެލުން އައުމުގެ އެއް މިނެޓް ކުރިން އެނގިފައިވާ ކަމަށް ޒިންހުއާ ނިއުސް އެޖެންސީއިން ރިޕޯޓު ކުރެއެވެ. އެ ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި ބިންހެލުމެއް އައުމުގެ ތިން ސިކުންތު ކުރިން އެނގިއްޖެނަމަ ވެސް މީހުންނަށް ލިބޭ ގެއްލުން 14 ޕަސެންޓަށް ދަށް ކުރެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.