އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި މީގެ ދެ އަހަރު ކުރިން މީހެއްގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން މި އަހަރު ބާތިލު ކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.
ދޮން ދަރިއަކާމެދު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނާ އެ މައްސަލައިގައި މެޖިސްޓްރޭޓް ކޯޓުން ހުކުމް އިއްވި މީހާގެ ފަރާތުން ހައި ކޯޓުން މައްސަލަ އިސްތިއުނާފު ކުރި އެވެ. އިސްތިއުނާފު މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ މީހާގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް އިއްވާފައިވާ ޖަލު ހުކުމެއް ކަމަށެވެ. އެހެންކަމުން މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރުގެ އިއްތިފާގުން ނިންމެވީ ޖަލު ހުކުމް ބާތިލު ކުރާށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހުކުމްކޮށްފައިވާ މީހާގެ މައްސަލަ ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ އެ މައްސަލަ ކޮމިޓީން ބެލުމަށެވެ.
މައްސަލަ ދިރާސާ ކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ތިން މެންބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޓީގެ ނައިބު މުގައްރިރު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ.
މީގެ އިތުރުން ޖަލު ރިޕޯޓް ދިރާސާ ކުރަން މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައިގައި ރިޕީޓް ދިރާސާ ކުރުމަށް ވެސް ވަނީ ސަބް ކޮމިޓީއެއް އެކުލަވާލާފަ އެވެ.
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މަރުކަޒުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކޮމިޓީން ޒިޔާރަތެއް ކުރުމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވި އެވެ.