ޝަރުއީ ދާއިރާ އިސްލާހު ކުރަން އޮތް ދާއިމީ ފަރުވާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ކުރުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ކޮމިޓީން ތައްޔާރު ކުރި ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން އަލީ ވިދާޅުވީ ރާއްޖޭގައި މިއަދާ ހަމަޔަށް ވެސް ނުލިބި އޮތް އެއްޗަކީ އިންސާފުވެރި ފަނޑިިޔާރުގެއެއް ކަމަށާއި ގާނޫނުއަސާސީ އައުމަށް ފަހުގައި ވެސް ނުލިބި އޮތީ އެކަން އެކަނި ކަމަށެވެ. ރިޔާސީ އިންތިހާބުގަ އާއި މަޖިލިސް އިންތިހާބުގައި ވެސް ރައްޔިތުން އެދެމުން ދިޔައީ އެ މައްސަލަ ހައްލު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ގާނޫނު އަސާސީގައި މިހާރު އޮތް ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮވެ، ކޯޓުތަކުގެ ބާރާއި ނުފޫޒު އޮތް ގޮތަށް އޮވެގެން ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހެއް ނުކުރެވޭނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
"މިވަގުތު އޮތް ފަރުވާ މިހާރު ދޭން ޖެހޭ އެއީ މިހާރު އޮތް ޖޭއެސްސީ ބޭނުންކޮށްގެން ފަރުވާ ހޯދުން. އެކަމަކު ކުރިޔަށް އޮތް މުސްތަގުބަލުގައި ކުރަންޖެހޭ ކަމަކީ ގާނޫނު އަސާސީ އިސްލާހު ކުރުން. އޭގެ ތެރޭގައި ޖޭއެސްސީގެ ކޮމްޕޮސިޝަން އަޅުގަނޑުމެން އިސްލާހު ކުރަން ޖެހޭ. މީގެ 10 އަހަރު ކުރިން އަޅުގަނޑު ބުނި ވާހަކަ މިއަދު އަޅުގަނޑު މަޖިލީހުގައި ތަކުރާރުކޮށް މި ބުނަނީ ޖޭއެސްސީގެ ކޮމްޕޮސިޝަން އަޅުގަނޑުމެން ބަދަލު ކުރަން ޖެހޭ. އެކަން ކުރަން ޖެހެނީ ގާނޫނު އަސާސީ ބަދަލުކޮށްގެން،" އަލީ ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ގޮތުން ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރޭގައި ސުޕްރީމް ކޯޓަށް ލިބިދީފައިވާ ސުމޯޓޯ ބާރު ނަގަން ޖެހޭ ކަމަށް އަލީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ޖޭއެސްސީއިން ބަލަމުން އަންނަ އިރު އެ ކޮމިޝަނުން އަޅާފައިވާ ފިޔަވަޅަށް އަމަލު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި މުއައްސަސާތަކުގެ މަސައްކަތަށް ނުވަނުމަށް އެ ކޯޓަށް އިލްތިމާސް ކުރުމަށް ޖުޑިޝިއަލް ކޮމިޓީ އިން ވަނީ ނިންމައިފަ އެވެ. އެ މައްސަލާގައި ގޮތެއް މިއަދު މަޖިލީހުގެ ތަޅުމުން ވެސް ނިންމަވާނެ އެވެ.