ފަނޑިޔާރުންނަކީ އާންމު ރައްޔިތުންނެކޭ އެއްފަދައިން ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބަޔަކަށްވާތީ، ފަނޑިޔާރުންނާމެދު ހުށަހެޅޭ މައްސަލަތަކުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ (ޖޭއެސްސީ) ގެ އިތުރުން ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދިނުމަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފި އެވެ.
ދާދި ފަހުން ރަޖިސްޓްރީކޮށް މި ހަފުތާގައި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރި ފަނޑިޔާރުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އަދި ވަކިކުރަންޖެހޭ މީހުން ވަކިކުރަން ހުށަހެޅުމުގެ ގާނޫނީ ޒިންމާ އޮތް ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ހަމަހަމަކަން ގެންގުޅެން ވާނެ ކަމަށެވެ.
ސުލޫކީ މައްސަލައެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާއެކު ސުޕްރީމް ކޯޓާއެކު ފެށިފައިވާ ކޯޅުމުގެ ތެރެއިން ފަނޑިޔާރުން ޖަމިއްޔާއިން ނެރުނު ބަޔާނުގައި ފަނޑިޔާރުންނާމެދު ހުށަހެޅޭ މައްސަލަތައް އިންސާފުވެރިކަމާއެކު ބަލައި ގޮތެއް ނިމިގެން ދިޔުމަކީ އަދުލު އިންސާފުގެ ދާއިރާއަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ.
"... ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލާ ސުލޫކީ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނަށާއި، ދައުލަތުގެ އެހެނިހެން އިދާރާތަކަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދިނުމާއެކު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް، ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ބުނެފައވެ އެވެ.
ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.
އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް އެއީ ސައްހަ ނިންމުމެއް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.
އެ ނިންމުމަށް ރައްދު ދެއްވައި، އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.
އަމަލު ކުރައްވާނީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ކަމަށް ވިދާޅުވި މިހާރު ވެސް ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވަ އެވެ. އެކަން ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީއިން ބަލަމުންދާއިރު ރޭ ވަނީ އެ ކޮމިޝަނަށް ފަނޑިޔާރު ދީދީ ހާޒިރުވެސް ކޮށްފަ އެވެ.