ދެން އަންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ގަތަރަށް ދިން މައްސަލާގައި ޔުއޭފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓީނީ ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ފްރާންސްގެ ފުޓުބޯޅަ ތަރި ޕްލެޓީނީ ޔުއެފާގެ ރައީސްކަމަށް އިންތިހާބުވީ 2007 ވަނަ އަހަރެވެ. އަދި އެ މަގާމުގައި 2015 ވަނަ އަހަރާ ހަމައަށް އަދާކުރައްވަމުން ދަނިކޮށް ފީފާގެ ސުލޫކީ ކޮމިޓީން ވަނީ ޕްލެޓީނީ ސަސްޕެންޑުކޮށްފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، 2022 ވަނަ އަހަރުގެ ވާލްޑް ކަޕް ބާއްވަން ގަތަރަށް ދިން މައްސަލާގައި ޕްލެޓީނީ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ވޯލްޑް ކަޕް ބޭއްވުމެއްގެ ބިޑު 2010 ވަނަ އަހަރުން ގަތަރުން ކާމިޔާބުކޮށްފައި ވަނީ ރިޝްވަތު ދީގެން ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ.
ޕްލެޓިނީ ސަސްޕެން ޑްކުރީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ދެއްވި 1.5 މިލިއަން ޔޫރޯގެ ހިޔާނާތުގެ މައްސަލައިގަ އެވެ. ފީފާގެ އެތިކްސް ކޮމިޓީން ބުނަނީ އެއީ ރިޝްވަތުގެ ގޮތުގައި ދިން ފައިސާ ކަމަށެވެ. އެއީ ފީފާގެ ރައީސް ކަމަށް ބްލެޓާއާ ވާދަ ނުކުރައްވާނެ ކަމަށް ޕްލެޓީނީ އެއްބަސް ކުރުވަން ދިން ފައިސާ ކަމަށެވެ. އަދި ޕްލެޓިނީ މި ފައިސާ ލިބިގަތުމަކީ އޭނާގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ކަމަށެވެ.
ނަަމަވެސް ބްލެޓާ އާއި ޕްލެޓިނީ ވެސް ބުނަނީ އެއީ ގަވާއިދާ އެއްގޮތަށް ދީފައިވާ މަސައްކަތުގެ އުޖޫރައެއް ކަމަށެވެ.
ހަ އަހަރު ދުވަހަށް ކުރި ސަސްޕެންޝަން އިސްތިއުނާފު ކުރުމުން އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުން ވަނީ މި ސަސްޕެންޝަން ހަތަރު އަހަރަށް ކުޑަކޮށްފަ އެވެ.