އިރާނުގެ ފަރާތުން ކުރިމަތި ވެދާނެ ނުރައްކަލަކަށް ތައްޔާރުވުމަށް ކަމަށް ބުނެ އެެމެރިކާގެ އިތުރު 1000 ސިފައިން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާގެ އެކްޓިންގް ޑިފެންސް ސެކްރެޓަރީ ޕެޓްރިކް ޝެނަހަން އިއުލާން ކުރައްވައިފި އެވެ.
ޝެނަހަންގެ މި އިއުލާނު އައީ އޮމާން ކަނޑުގައި އޮތް ދެ ތެޔޮ ޓޭންކަރަށް ހަމަލާދީފައި ވަނީ އިރާނުން ކަމަށް އެމެރިކާއިން ކެނޑިނޭޅި ތުހުމަތު ކުރަނިކޮށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގާފާނެކަމުގެ ބިރު ދުނިޔެއަށް ހީވެފައިވާ ދަނޑިވަޅެއްގަ އެވެ.
"މެދުއިރުމައްޗަށް 1000 ސިފައިން ފޮނުވަން އަޅުގަނޑު ވާނީ ހުއްދަ ދީފައި. އެއީ އެއްގަމުންނާއި ވައިގެ މަގުންނާއި ކަނޑުގެ މަގުން ދިމާވެދާނެ ނުރައްކަލަކަށް ރައްކާތެރިވުމުގެ ގޮތުން. އެންމެ ފަހުން އިރާނުން ދީފައިވާ ހަމަލާތަކުން އިރާނުގެ ރުޅިވވެރިކަން ވަރަށް ސާފުކޮށް ދޭހަވޭ. އަދި އެކަމުގެ ސަބަބުން އެމެރިކާއާ އެމެރިކާގެ ގާތް ފަރާތްތަށް ދިފާއު ކުރަން ޖެހޭނެ،" ޝެނަހަން ވިދާޅުވި އެވެ.
މެދުއިރުމަތީގައި މިހާރު ވެސް އެމެރިކާގެ 1500 ސިފައިން ތިބި އިރު އެ ސިފައިންނާއެކީ ޕެޓްރިއޮޓް މިސައިލް ޑިފެންސް ސިސްޓަމެއް ފޮނުވާފައި ވަނީ ފާއިތުވީ މެއި މަހު ހޮރްމުޒް ކަނޑުގައި އޮތް ހަތަރު ތެޔޮ ޓޭންކަރަކަށް ހަމަލާތަކެއް ދިނުމާއި ގުޅިގެން ނެވެ.
މިދިޔަ ހޯމަ ދުވަހު ޕެންޓަގަން އިން ބުނީ ޓޭންކަރުތަކަށް ހަމަލާދީފައި ވަނީ އިރާނުންކަން ހެކި ލިބޭ ކަމަށެވެ.