ހަބަރު

ހައްޖަށް ދާން ޕެންޝަން ފައިސާ ދޫކުރުމުގެ އެއްބަސްވުމެއް ހަދައިފި

ޕެންޝަން ފައިސައިން ހައްޖަށް ދިއުމަށް އެ ފައިސާ ދޫކުރުމާއި ގުޅޭގޮތުން ޕެންޝަން އޮފީހާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން މިއަދު ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސައިން މަނިކެވެ. ހައްޖު ކޯޕަރޭޝަނުން ސޮއި ކުރީ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދެވެ.

މި އެއްބަސްވުމުގެ ދަށުން، ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ހައްޖެއްވުމަށް ޕެންޝަން ފައިސާ ދޫކޮށްދޭން އެދި ފޯމް ލާން ޖެހޭނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ޝަރުތު ހަމަވާ މީހުންގެ ފައިސާ، ޕެންޝަން އޮފީހުން ދޫކުރާނީ ޙައްޖު ކޯޕަރޭޝަނެވެ.

ހައްޖަށް ދައްކަން ޖެހޭ އަގުގެ 50 ޕަސެންޓު ދައްކާފައިވާ މީހަކު ޖާގަ ރިޒާވް ކުރަން އެ މީހެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓު ބޭނުން ކުރުމުގެ ފުރުސަތު މި އެއްބަސްވުމާއެކު ވަނީ ހުޅުވިފަ އެވެ.

ޕެންޝަން ސްކީމުން ފައިސާ ދޫކުރާނީ ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ޖަމާވެފައިވާ މީހުނަށެވެ.

ޕެންޝަން ސްކީމުން ބޭނުން ކުރެވެން ހުރި ފައިސާގެ އަދަދު އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ އެވެ.