މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުރިމަގުގައި ނުކުމެދާނެ ނަތީޖާތަކާ ގުޅުވައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ ގިނަ ސުވާލުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒު ކުރައްވައިފި އެވެ.
އަދުރޭ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ "ޖަޒީރާ ރާއްޖެ" ކަށަވަރުކޮށް ނިމޭއިރު މުސްލިމު ދިވެހިވަންތަ އެއްވެސް ސިފައެއް ގައުމުން ފެންނަން ހުނާނެތޯ ސުވާލު ކުރައްވައިފަ އެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުރިމަގުގައި ދިވެހިންގެ މައްޗަށް ދިވެހިންގެ ބާރު އޮންނާނެ މިންވަރާއި ގައުމުގެ މިނިވަން ކަން އޮންނާނެ ހިސާބަކާ މެދު ވެސް އަދުރޭ ސުވާލު އުފެއްދެވި އެވެ.
"ތިޔަ ބުނާ ރާއްޖެ ކަށަވަރުކޮށް ނިމޭއިރު މުސްލިމު ދިވެހިވަންތަ އެއްވެސް ސިފައެއްގެ ގައުމުން ފެންނަން ހުންނާނެތޯ؟ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބޭނުމެއް އޮންނާނެތޯ؟ ދިވެހިންގެ ބާރު ދިވެހިންގެ މައްޗަށް ހިންގާނީ ކިހާވަރަކުންތޯ؟ ގައުމުގެ މިނިވަންކަން އޮންނާނީ ކިހާ ހިސާބެއްގައިތޯ؟ ޚުދު ރައްޔިތުން އިންތިހާބު ކުރާ ވެރިއެއްގެ ބާރު ވެސް ގައުމުގައި ހިނގާނެތޯ؟ ރައްޔިތުން އެދުނު ބަދަލަކީ މިއީބާ؟ އަމިއްލަ އަތުން އަމިއްލަ ހެދުން ބާލައި ބަރަހަނާވުން އެއީބާ؟ މިނިވަންކަމުގެ އަރާމު ތަންމަތިން ތެދުވެ އަޅުވެތި ކަމުގެ ހިތްދަތި އަށިގަނޑެއް އިހުތިޔާރުވުންބާ؟،"
ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބުރަވެ ފިކުރުކޮށްލުމުން ހިތުގައި އުފެދޭ ސުވާލުތައް ކަމަށް ވިދާޅުވެ އަދުރޭ މި ސުވާލުތައް ކުރައްވާފައި ވެއެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ރައީސް ސޯލިހް ޓެގް ކުރައްވައި، އެ ސުވާލުތަކަށް އެމަނިކުފާނަށް އަމާޒު ކުރައްވައިފަ އެވެ. ނަމަވެސް އެއީ ރައީސް ވިދާޅުވާ ކޮން ވާހަކައެއް ކަމެއް އަދުރޭގެ ޓްވީޓްގައި ވިދާޅުވެފައެއް ނެތެވެ. އެހެން ނަމަވެސް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ވައުދުފުޅާއެކު ރައީސް ސޯލިހް ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރެއްވީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯއަކާއެކުގަ އެވެ.
ރައީސް ސޯލިހަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައި އަދުރޭ މިއަދު ޓްވީޓެއް ކުރެއްވިއިރު، ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވި ދުވަހު އަދުރޭ ވަނީ ގައުމުގެ މިނިވަން ކަމަށް އަސަރު ކުރާ ގޮތަށް މި ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ ދުވަސް އަދުރޭ ސިފަކުރެއްވީ ދިވެހި ތާރީހުގައި ފެނުނު އެންމެ ހިތާމަވެރި ދުވަހުގެ ގޮތުގަ އެވެ.