ހަބަރު

ޑރ. މުރުސީ: ނިއްވާލެވުނު އަލި ގަދަ ބޮތްކެއް!

މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ އުމުރުފުޅުން 67 އަހަރުގައި ކުއްލި ގޮތަކަށް އަވަހާރަވުމަކީ އިސްލާމީ އުއްމަތަށް ފުން އަސަރު ކުރުވި ކަމެކެވެ. އަދި އެ މަނިކުފާނު އަވަހާރަވި ގޮތް އެއީ ލަދު ގަންނަން ޖެހުނު ގޮތެއް ކަމަށް މިހާރު ވަނީ ސިފަ ވެފައެވެ. އެ މަނިކުފާނު އަވަހާރަވީ އެ މަނިކުފާނުގެ މައްޗަށް އުފުލިފައިވާ ޖާސޫސު ކުރުމުގެ މައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް ކުއްލި ގޮތަކަށް ހޭފުޅުނެތިގެން ކޯޓުތެރެއަށް ވެއްޓިގެނެވެ.

"އަލް އިޚްވާން އަލް މުސްލިމް" ނުވަތަ މުސްލިމް ބްރަދާހުޑްް އޯގަނައިޒޭޝަންގެ ތެރެއިން އަރައިގެން އައި އާދަޔާހިލާފު ލީޑަރު، މުރުސީ މިސްރުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތީ 2011 ވަނަ އަހަރު، މިސްރުގެ އިންގިލާބަށް ފަހު 2012 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގައި 51.7 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެން ނެވެ.

ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި ހާޖާނު ބޮޑު އަހަރެއް ފާއިތުވިތަނާ އެ މަނިކުފާނުގެ ޒައާމަތާާ ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާތަކަކަށް ފަހު މިހާރުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީ އިސްވެ ހުންނަވައި އެމަނިކުފާނުގެ ވެރިކަން ބަޣާވާތަކުން ވައްޓާލީ އެވެ.

ރައީސް ސީސީ ގެ އިސްނެންގެވުމާއެކު މުރުސީގެ ވެރިކަން ވައްޓާލާފައިވަނީ ޖުލައި 3، 2013 ގައެވެ. އޭގެ ފަހުން އަދި ވެރިކަމުން ދުރުކޮށް ގޭބަންދުގައި ބެހެއްޓެވުމަށް ފަހު އެ މަނިކުފާނު ތޯރާ ޖަލަށް ބަދަލު ކުރީ އެވެ.

ދެހާސް ބާރަ ވަނަ އަހަރު މުރުސީގެ ވެރިކަމާއި އިދިކޮޅަށް މުޒާހަރާކުރި މީހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށް އެމީހުންނަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވި 2015 ވަނަ އަހަރު އެ މަނިކުފާނުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ އިތުރުން ސިއްރު މައުލޫމާތު ލީކު ކުރިކަމަށާއި ބޭރު ގައުމުތަކުގެ ބާރުތަކާއި ގުޅިގެން 2011 ވަނަ އަހަރު މިސްރުގެ ޖަލުތަކުގައި ތިބި ކުށްވެރިން ދޫކޮށްފައިވާ ކަމަށް ބުނެ ވެސް އެ މަނިކުފާނުގެ މައްޗަށް ދައުވާތައް ކުރެވި ޝަރީއަތް ހިންގާފައި ވެއެވެ.

އެ މަނިކުފާނު 2016 ވަނަ އަހަރު އުމުރަށް ޖަލަށްލާފައި ވަނީ ގަތަރަށް ޖާސޫސް ކޮށްދީފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކެއް ސާބިތު ކުރުވައިގެނެވެ. އަދިވެސް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އެ މަނިކުފާނަށް އިއްވާފައި ވެއެވެ.

މުރުސީ ސިޔާސީ މަސައްކަތަށް ވަޑައިގެންނެވީ 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެދުވަސްވަރަކީ ބްރަދާހުޑްގެ މެންބަރުން ޔުނިވާސިޓީ ކެމްޕަސްތަކުގައި އަޑު އުފުލަމުން ގޮސްފައިވާ ދުވަސްވަރެވެ. ނަމަވެސް އެ މަނިކުފާނަކީ އޭރު އެ ގްރޫޕް ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެއް ނޫނެވެ.

ގަތަރުގެ ޖޯޖްޓައުން ޔުނިވާސިޓީ ސްކޫލް އޮފް ފޮރިން ސާވިސްގެ އެސިސްޓަންޓް ޕްރޮފެސަރެއް ކަމަށްވާ އަބްދުﷲ އަލްއަރިއާން ވިދާޅުވި ގޮތުގައި މުރުސީ ބްރަދާހުޑާ ގުޅިވަޑައިގަތީ ވަރަށް ފަހުން ނެވެ. ނަމަވެސް އެ މަނިކުފާނު ބްރަދާހުޑްގެ އިސް ލީޑަރުންނަށް ވަފާތެރިވެވަޑައިގަތުމުގެ އިނާމެއްގެ ގޮތުގައި ބްރަދާާހުޑްގެ ހަރުފަތުން މައްޗަށް އަރާ ވަޑައިގަންނަވާ ޕްރޮމޯޝަންތައް ހާސިލް ކުރައްވަމުން ގެންދެވީ ވަރަށް ބާރަށެވެ.

ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ސަރުކާރުގެ ދުވަސްވަރު މުސްލިމް ބްރަދާހުޑާއި ގުޅި ވަޑައިގަތް މުރުސީ 2000 ވަނަ އަހަރު ވަނީ ޕާލަމެންޓް ގޮނޑިއެއް ކާމިޔާބު ކުރެއްވި އެވެ.

ހުސްނީ މުބާރަކްގެ ވެރިކަމުގެ ދުވަސްވަރު 2005 ވަނަ އަހަރު މުސްލިމް ބްރަދާހުޑްގެ ބޭފުޅުން މިސްރުގެ ޕާލަމެންޓްގެ 20 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެއްވުމާއި ގުޅިގެން ބްރަދާހުޑްގެ ނުފޫޒާއި ބާރު ގަދަވެގެން ދިޔަ އެވެ. ނަމަވެސް އިލެކްޝަންގައި މަކަރު ހެދިކަމަށް ބުނެ އެ މަނިކުފާނަށް ދެވަނަ ދައުރަކަށް ކުރިމަތިލެވޭނެ މަގު ބަންދުވެގެން ދިޔައީ އެވެ.

އަދި ޝަރީއަތް ކުރުމުގައި އިތުރު މިނިވަންކަން ބޭނުންފުޅުވާ ގާޒީންތަކެެއްގެ ދިފާއުގައި އެ ބޭފުޅުންނާއެކު އަޑު އުފުލުއްލެވުމުން އެ މަނިކުފާާނުގެ އަޑު ކަނޑުވާލަން ހަތް މަސް ދުވަހުގެ ހުކުމަކުން ޖަލުގައި ބަންދު ކުރިއެވެ.

މުރުސީއަކީ ގައުމިއްޔަތާއި ސަގާފަތާއި ދީނަށް ލޯބި ކުރައްވާާ ބޭފުޅެކެވެ. މިސްރުގެ ސިޔާސީ ދުނިޔޭގައި އެހެން ބޭފުޅުން ޝައުގުވެރިވެލައްވާާ ބޭފުޅަކަށް އެ މަނިކުފާނު ވެވަޑައިގެންނެވި އެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ސަދާން ކެލިފޯނިއާއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި މުރުސީ އެ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ މަގާމުގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ. އެ މަނިކުފާނުގެ ބްރަދާހުޑް ވެބްސައިޓް ޕްރޮފައިލްގައި ނާސާ ސްޕޭސް ޕްރޮގްރާމްގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެފައި އޮތުން އެ މަނިކުފާާނު ދެއްވި އިންޓަވިއުއެއްގައި ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

މިސްރުގެ ބޮޑު ފޯނު ކުންފުންޏެއްގެ ވެރިއަކު ކާޓޫނެއް ބުރުގާއެއް އަޅުވައި ޓްވީޓްކުރެއްވުމާއި ގުޅިގެން 2011 ވަނަ އަހަރު އެ ކުންފުނި ބޯއިކޮޓް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތީ މުރުސީ އެވެ.

އޭގެ ހަތަރު އަހަރު ފަހުން ބްރަދާހުޑްގެ އެންމެ އިސް ގްރޫޕްގެ ގައިޑެންސް ކައުންސިލަށް ބޭނުންވާ ޕޮސިޝަން ޕޭޕަރު ލިއުމުގެ މަސައްކަތާއި އެ މަނިކުފާނާއި ހަވާލު ކުރެވުނެވެ. އަދި 2012 ވަނަ އަހަރު އަލަށް ރައީސްކަމަށް އިންތިހާބުވެ މުރުސީ ނިއުޔޯކް ޓައިމްސް ނޫސްވެރިއެއް ގާތުގައި ވިދާޅުވެފައި ވަނީ އަންހެނަކު ރައީސްކަމަށް ކުރިމަތި ލައްވައިފި ނަމަ އެކަމާއި ދެކޮޅު ނުހައްދަވާނެ ކަމަށެވެ. އެހެނަސް އެފަދަ ކަނބަލަކަށް އެ މަނިކުފާނު ވޯޓު ދެއްވާނަންތޯ އައްސަވާ ނަމަ އެއީ މުޅިން ތަފާތުވާނެ ކަމަށެވެ.

މުރުސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އިންތިހާބަކުން ހޮވިވަޑައިގަތް ފުރަތަމަ މިސްރުގެ ރައީސްއަށް ވެވަޑައިގަތެވެ. އަދި ވެރިކަމުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އާންމުންގެ މެދުގައި އެ މަނިކުފާނުގެ މަޝްހޫރުކަމާއި މަގުބޫލުކަން އަރައިގެން ދިޔައެވެ. ސަބަބަކަށްވީ ދެކޮޅު ޖައްސަން މަސައްކަތް ކުރަމުން އައި ގިނަ އަދަދެއްގެ މިސްރުގެ ރައްޔިތުން ބޭނުންވާފަދަ ފަސޭހަ ބޭފުޅަކަށް އެ މަނިކުފާނު ވެވަޑައިގަތުމެވެ. އޭރު ރައްޔިތުން ދެކެމުން އައީ މުރުސީއަކި ހަމަ އެމީހުންގެ ތެރެއިން މީހެއްގެ ގޮތުގަ އެވެ.

އެ މަނިކުފާނު ވެރިކަމަށް ވަޑައިގަނެ އެންމެ ފުރަތަމަ ކުރެއްވި ކަމެއްގެ ގޮތުގައި 2011 ގެ އިންގިލާބުގައި ސިފައިން ހައްޔަރުކޮށްފައިވާ 572 މީހުން ދޫކޮށްލެއްވި އެވެ. ހުދު މުރުސީ ވެސް އެ އިންގިލާބުގައި ވަނީ ހައްޔަރު ކޮށްފަ އެވެ.

މިސްރުުގެ ރައްޔިތުންނަށް މުރުސީއަކީ އެމީހުންގެ ބޭފުޅެއް ކަމަށް ހީކުރެއްވި ނަމަވެސް މިސްރުގެ އާ ރައީސަށް ވަނީ ސިޔާސީ ގޮންޖެހުންތަކާއި ކުރިމަތިވެ ވަޑައިގެންފަ އެވެ. ރައީސްކަމުގެ ހުވާ ކުރެއްވި އިރު މިސްރުގެ ސުޕްރީމް ކައުންސިލް އޮފް އޮފް އާމްޑް ފޯސަސް (އެސްސީއޭއެފް) އިން އެފަރާތަށް ހުރިހާ ގާނޫނީ ބާރުތަކެއް ނަންގަވާ މުރުސީގެ ބާރު ވަނީ ކަނޑުވާލާފަ އެވެ.

އަދި ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓުން ބްރަދާހުޑްގެ މެޖޯރިޓީ އޮތް ޕާލަމަންޓްގެ ތިރީގެ ވަނީ އުވާލާފަ އެވެ. މުރުސީއަށް ވެރިކަން ލިބި ވަޑައިގެންނެވި ނަމަވެސް ހުރިހާ ބާރުތައް އޮތީ ކުރިންވެސް އެ ބާރުތައް ނަގައިގެން ތިބި ފަރާތްތަކުގެ އަތްމަތީގަ އެވެ.

އެހިސާބުން ގައުމުގެ ހާލަތު ރަނގަޅު ކުރައްވަން މުރުސީ ކުރެއްވި ހުރިހާ ކަމެއް ނަކާމިޔާބުވެފައި ވާއިރު އެންމެ ފަހުން ބަޣާވާތެއްކޮށް އެ މަނިކުފާނު ހައްޔަރު ކުރީ އެވެ. އަދި އެ މަނިކުފާނު ވެރިކަމުން އިސްތިއުފާ ދިނުމަށް ގޮވާލާ މުޒާހަރާ ކުރަން ފެށިތާ ދުވަސްކޮޅެއް ފަހުން ވެރިކަމުން އިސްތިއުފާ ނުދެއްވައިފިނަމަ ބަޣާވާތަކާއި ކުރިމަތިލާން ތައްޔާރުވުމަށް އެމަނިކުފާނަށް އިންޒާރު ވެސް ކުރެވުނެވެ.

މުރުސީއަށް ހުކުމްކޮށްފައިވާ ޝަރުއީ ނިޒާމަކީ ހަލާކުވެފައިވާ ނިޒާމެއްކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް ޖަމިއްޔާއިން ތުހުމަތު ކޮށްފައިވާއިރު ހައްޔަރުގައި ބަހައްޓައިގެން އެ މަނިކުފާނާއި މުސްލިމް ބްރަދާހުޑްގެ އެހެން މެމްބަރުންނާމެދު އަމަލުކޮށްފައިވާ އިހާނެތި ގޮތުގެ ސަބަބުން އެ މަނިކުފާނު އަވަހާރަވީ ކަމަށް ބުނެ މިސްރުގެ ޝަރުއީ ނިޒާމަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.

މުރުސީގެ އާއިލާގެ ފަރާތުން ކޮމިޝަން ކޮށްގެން އެކުލަވާލާފައިވާ ޑިޓެންޝަން ރިވިއު ޕެނަލްގެ ބޭފުޅުން އެ މަނިކުފާނާއި ޖަލުން ބައްދަލު ކުރެއްވުމަށް ފަހު ދީފައިވާ ރިޕޯޓުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ހަކުރުގެ މައްސަލައަށް އެކަށީގެންވާ ފަރުވާއެއް ނުދެވޭއިރު އެ މަނިކުފާނުގެ ލިވާއަށް ޖެހިފައިވާ ބަލިތަކަށް ވެސް ރަނގަޅު ފަރުވާއެއް ނުދެ އެވެ.

މުރުސީ ހައްޔަރު ކޮށްފައިވާ ތޯރާ ޕްރިޒަންގައި ގާތްގަންޑަކަށް ތިން އަހަރު ވަންދެން އެކަހެރިކޮށްފައި އެ މަނިކުފާނު ބާއްވާފައި ވެއެވެ.

ކުރިން އެ ޖަލުގެ ވޯޑަންއެއްގެ މަގާމުގައި ހުންނެވި ޖެނަރަލް އިބްރާހިމް އަބްދުލް ގައްފާރު ވިދާޅުވެފައި ވަނީ "އެ ޖަލު ފަރުމާކޮށްފައިވާ ގޮތުން އެ ޖަލަށް ވައްދައިފި މީހަކު މަރުވެގެން ނޫން ގޮތަކަށް ނުނުކުންނާނެ" އެވެ.