ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށް ޖޯޖިއާ އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ނިމުނު "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" ގެ ހަވާސާގައި އެ ބައިލެޓަރަލް ކޮންސަލްޓޭޝް އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ޖޯޖިއާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާޗިލް ޖޫލިއައަޝްވިލީ އެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދާނުވުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ އިގުތިސޯދީ އަދި ތަރައްގީގެ ތަސައްވަރު ދުނިޔެއާ ހިއްސާކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ދެ ދުވަހުގެ ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން އެކި ގައުމުތަކާއެކު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކުރެވިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ހުށަހެޅި ބައެއް މަޝްރޫއުތަކަށް ގިނަ އެހީތަކާއި ލޯނުގެ އެއްބަސްވުންތައް ހިމެނޭކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ގާތްގަނޑަކަށް ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެ ފޯރަމްގައި 30 އަށް ވުރެ ގިނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން 133 މަންދޫބުން ބައިވެރިވިކަމަށްވެސް ސަރުކާރުން ބުންޏެވެ.