ރާއްޖޭގެ ހާރިޖީއްޔާއިން ކުރާ ސައްކަތުގެ ތެރެއިން ފަތުރުވެރިކަމާއި އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ތަރައްގީ ކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭރު ގައުމުތަކުގައި ތިއްބަވާ ރާއްޖޭގެ ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ގައުމުގެ ކުރިމަގާއި ރައްޔިތުންގެ މުސްތަގުބަލަށް ވިސްނައިގެން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާ ކުރަން ކަނޑައަޅާނެ ލަނޑުދަނޑިތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އިއުލާނު ކުރައްވާފައި ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ހާރިޖިއްޔާއިން ދިވެހިންނަކީ ފުދުންތެރި، ފަހުރުވެރި ބަޔަކަށް ހަދަން މަސައްކަތް ކުރާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ މަގުސަދު ހާސިލް ކުރަން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރަން ދުނިޔޭގެ ތަފާތު ކަންކޮޅުތަކަށް ފަތުރުވެރިކަން ފުޅާކޮށް އާ މާކެޓުތައް ހޯދަންޖެހޭކަމަށެވެ.
"އާ ގޮތްތަކާއި އާ އާލާތް ތަކުގެ ބޭނުން ހިފައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އާއި އިންވެސްޓްމަންޓުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ތަރައްގީ ކުރަންޖެހޭ. މި ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއާ އިގުތިސޯދީ އަދި އުމްރާނީ ތަފާތު ކަންކަމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ މަންޒިލެއްގެ ގޮތުގައި ކުރިއަރުވަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންނަކީ ދުނިޔޭގެ ބޮޑެތި ޖަމްއިއްޔާތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވެވޭނެ، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ބަސް ބުނެވޭ ބަސް ވިކޭ ބަޔަކަށް ހަދަން ހާރިޖިއްޔާ އިން މަސައްކަތް ކުރަންޖެހެ އެވެ.