މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަވަހާރަވުމަކީ މުޅި ދުނިޔެ ލަދުގަންނަންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުރްސީ އިއްޔެ ކޯޓަށް ހާޒިރުކުރި ވަގުތު ކޯޓްގެ ތެރެއަށް ވެއްޓި އަވަހާރަވުމާއެކު މިސްރު ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޣާވާތަކުން ވެރިކަމުން ވައްޓާލައި ޖަލަށް ލެވުނު މުރުސީ އަވަހާރަވުމަކީ ދުނިޔެ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ.
"މުހައްމަދު މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި، ޖަލަށްލެވިގެން ވެސް ނުވާނެ. އަދި ބަޣާވާތަކުން އައި ސަރުކާރު ބައިނަލްއަގުވާމީ މުޖުތަމައު އިން ބަލައިގަނެގެން ވެސް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުންނަވައި ސިފައިން ގެނައި ބަޣާވާތެއްގަ އެވެ.
މުރްސީގެ ޕާޓީ މުސްލިމް ބްރަދާހުޑް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައި، އެ ޕާޓީގެ އެތަކެއް ހާސް ސަޕޯޓަރުންނަށް އެކި ދައުވާތައް ކުރެވި ވަނީ ޖަލަށްލެވިފަ އެވެ.
އޭޕްރީލް 2015 ގައި ރައީސްގެ ރަސްމީ ގެކޮޅު ކުރިމަތީގައި ކުރި މުޒާހަރާއެއްގައި ފުލުހުން ލައްވާ މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކުރި މައްސަލާގައި، މުރްސީގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މީގެ އިތުރުން، ސެޕްޓެމްބަރު 2016 ގައި، ގަތަރަށް ޖާސޫސުކޮށްދިން ކަން ސާބިތުވެ، މުރްސީއަށް ވަނީ އިތުރުން 25 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި އޭގެ ފަހުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2017 ގައި މުރްސީގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ.
ނަމަވެސް، މުރްސީ ޖަލަށް ލީ ފަހުން އޭނާ އަށް ސިއްހީ ފަރުވާ އެކަށީގެންވާ ގޮތަށް ނުދޭ ކަމުގެ ޝަކުވާ އައީ އާއިލާ އިން ވެސް ކުރަމުންވެ.
މުރްސީ އަވަހާރަވީ ސަރުކާރުގެ އިހުމާލުން ކަމަށް ތުހުމަތު ކުރެވޭއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި މައްސަލަ މިިނިވަންކަމާއި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރަން ގޮވާލައިފަ އެވެ. މުރްސީ އަކީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ކިޑްނީގެ މައްސަލަތައް ވެސް ހުންނަ ބޭފުޅަކަށްވާއިރު، އެ ކަންކަމަށް ޖަލުގައި ފަރުވާ ނުލިބޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ތުހުމަތުތައް ދޮގުކޮށް މިސްރު ސަރުކާރުން ބުނަމުން އަންނަނީ މުރްސީ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
މުރްސީގެ ހަށިގަނޑު އާއިލާއަށް ނުދައްކާ ކަމަށް ބުނަމުން އަންނައިރު، މިހާރު އޭނާ ވަނީ ގާހިރާގައި ވަޅުލާފައި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ އިތުރުން ހިއުމަން ރައިޓްސް ވޮޗުން ވަނީ މުރްސީގެ މަރުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް ބުނެފަ އެވެ.