ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން އާނިޔާ އަބުދުލްގަފޫރު އަދާކުރައްވަމުން ގެންދެވި ސިޔާސީ މަގާމުން ވަކިކޮށްފި އެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އައްޔަން ކުރެއްވި ގޮތަށް އޭނާ މިއަދާ ހަމައަށްވެސް ހުންނެވީ އެ މަގާމުގަ އެވެ. އާނިޔާ ސިޔާސީ މަގާމުން ވަކިކޮށްފައި ވަނީ ފަނޑިޔާރު ޑީޑީއަށް ކުރާ ރިޝްވަތުގެ މައްސަލައިގެ 1 މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އާނިޔާގެ ނަމުގައި މެލޭޝިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.
އާނިޔާ މަގާމުން ވަކިކޮށްފައިވާ އިރު، ކުރީގެ ރައީސް ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި 1 މިލިއަން ޑޮލަރުގެ މައްސަލައިގައި ޖޭއެސްސީއިން ވަނީ ފަނޑިޔާރު ޑީޑީ ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެހެން ނަމަވެސް އެ މައްސަލާގައި އަމަލު ކޮށްފައި ވަނީ ޑިއު ޕްރޮސެސްއިން ބޭރުން ކަމަށް ބުނެ ޑީޑީ ސްޕްރީމްކޯޓަށް މައްސަލައެއް ހުށަހެޅުއްވުމުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން ޖޭއެސްސީން ބަލަމުންދާ މައްސަލަ މަޑު ޖައްސާލަން ސްޕްރީމްކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
ސްޕްރީމް ކޯޓުގެ އެ އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށް ބުނެ، ޖޭއެސްސީ އާއި މަޖިލިހުން ވަނީ އެ އަމުރު ބަލައިނުގެންފަ އެވެ. މީގެ އިތުރުން މަޖިލީހުގެ ތަޅުމުން ވެސް ވަނީ ޖޭއެސްސީން ޑީޑީ ސަސްޕެންޑް ކުރީ ރަނގަޅަށް ކަމަށް ނިންމާ، އެއާ ދެކޮޅަށް ނެރުނު ސްޕްރީމްކޯޓުގެ އެ އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށް ފާސް ކޮށްފަ އެވެ.