ލައިފްސްޓައިލް

ތިއީ ވަރަށް ރުޅިގަދަ މަންމައެއްތަ؟

މަންމައިންނަކީ ބިޒީ ބައެކެވެ. މަސައްކަތަށް ދަމުން ދަރިންގެ ކަންކަން ބަލަމުން ގޭގެ ހުރިހާ ޒިންމާއަށް ނެގުމަށް ދިރިއުޅުން ބައްޓަންވެފައި އޮންނަ ގޮތުން ގިނަފަހަރަށް ޖެހެއެވެ. އަދި ބައްޕައެއްގެ އެހީއާއި ނުލާ ކުދިން ބަލާ މަންމައިންވެސް މަދެއް ނޫނެވެ. މި ހުރިހާ ކަމަކާއި އެކު ދިރިއުޅުން މި އޮންނަނީ ވަރަށް ބޮޑަށް ޕްރެޝަރަކަށް ވެއްޓިފައެވެ. އަމިއްލަ ނަފްސަށް ހުސްކޮށްލާނެ ވަގުތު ކޮޅެއް ނުލިބި މީހާ ހުންނަންޖެހެނީ ވަރަށް ބޮޑަށް ރުންކުރުވެފައެވެ. ނަތީޖާއެއްގެ ގޮތުން ކިރިޔާ ކަމެއްވާ އިރަށްވެސް މާ ބޮޑަށް ރުޅިގަދަވެވޭ ފަހަރު އޮންނަނީ ގިނަވެފައެވެ.

މާ އަވަހަށް ކުދިންދެކެ ރުޅިއައިސް ހަޅޭލެވޭ ނަމަ ވިސްނަން އެބަޖެހެއެވެ. ތިމާގެ މި ސިފަ ރަނގަޅު ކުރުމަށްވެސް އެބަޖެހެއެވެ. މަންމައެއް އަބަދު ރުޅިގަދަވެ ހިތްހަމަނުޖެހިފައިވާ ތަން ކުއްޖާއަށް ފެނުމަކީ އެ ކުއްޖާގެ ކުޑައިރުގެ ހަނދާންތަށް އާ ކުރާއިރު ހަމަ ޔަގީނުންވެސް ހަނދާނުގައި ބަހައްޓަން ބޭނުންވާނެ ކަމެއް ނޫނެވެ. ދަރިފުޅު ދެކެ ރުޅި އައިސްފިނަމަ އަމަލުކުރުމަށް އެންމެ ރަނގަޅީ ފުންކޮށް ނޭވާލުމެވެ. ރުޅިއައިސްގެން އެއްޗެއް ބުނުމުގެ ކުރިންވެސް ކުރަންވީ މިކަމެވެ. އެއަށްފަހު 10 އަކާއި ހަމައަށް ގުނަންވީއެވެ. އަދިވެސް ރުޅި ކޮންޓްރޯލް ނުވާނަމަ ހިނގާލަން ދިއުން ފަދަ ކަމައް ކުރުމަކީވެސް ބުއްދިވެރި ގޮތެކެވެ.

މީގެ އިތުރުން ރުޅި ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވޭނެ ބައެއް ކަންކަންވެސް އެބަހުއްޓެވެ. މިގޮތުން ތިރީގައި މި ފާހަގަކޮށްލާ ކަންކަން ހިމެނެއެވެ.

ރުޅި މަޑުކުރުމަށް އެންމެ ފުރަތަމަ ކުރެވޭނެ ކަމަކީ ރުޅިއަންނަ އަސްލު ސަބަބަކީ ކޮބައިތޯ ބެލުމެވެ. އެއީ ކުއްޖެއް ކަމެއް ނުކޮށްގެންތޯ ނުވަތަ އެހެންވެސް އެހެން ސަބަބަކާއި ހެދިތޯ ބަލަންވީއެވެ. މިގޮތަށް ކަންތައް ކުރުމުން ރުޅި އިސްކުރުމުގެ ސަބަބުން ދިގު މުއްދަތުގައި ވެދާނެ ގެއްލުންތަކުން ސަލާމަތްކޮށްދޭނެއެވެ.

ރުޅިގަދަވާނަމަ ކަސްރަތު ކުރުން ރަނގަޅެވެ. ކަސްރަތުގެ ސަބަބުން މީހާ ހިކުމަށް އެހީތެރިވެ ބޮޑެތި ބަލިތަކުން ދުރުކޮށްދިނުމާއި އެކު މީހާގެ މޫޑު ރަނގަޅުކޮށްދީ ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކޮށްދެއެވެ. ކަސްރަތުގެ މި ފައިދާގެ ސަބަބުން ރުޅި ކޮންޓްރޯލްކޮށްދިނުމަށް އެހީވެދޭނެ ކަމެކެވެ.

ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ޝުކުރުވެރިވުމަކީވެސް ރުޅި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމަކެވެ. ރުޅި ކޮންޓްރޯލް ކުރުމަށް ތަޖުރިބާކާރުން ބުނާ ގޮތުގައި އެމީހަކު އެންމެ ބޮޑަށް ޝުކުރުވެރިވާ ކަންކަން ފޮތެއްގައި ލިޔަންވީއެވެ. ދުވަސް ފަށަމުންނާއި ދުވަސް ނިންމާލުމުގެ ކުރިން އެދުވަހަކު ޝުކުރުވެރިވާންވީ ކަންކަން ފޮތެއްގައި ނޯޓް ކުރަންވީއެވެ. އޭރުން ދުވަސް ފަށާނީ އަދި ނިމިގެންދާއިރުވެސް މީހާގެ މޫޑު ރަނގަޅުވާނެއެވެ.

މާ ގިނަ ކަންކަން ކުރުމަށް ރާވާ ދިރިއުޅުން މާ ބިޒީ ކުރުމަކީވެސް އިތުރު ސްޓްރެސްއަކަށް މީހާ ގެންދާ ކަމެކެވެ. ދުވަހުގެ ޝެޑިއުލް ރާވާލާއިރު މިކަމަށް ވިސްނަން ޖެހެނީ އެހެންވެއެވެ. އެހެން ކަމުން ނޫން ބުނަންވެސް ދަސްކުރަންޖެހެއެވެ. މާ ގިނަ ކަންކަން އެއްފަހަރާ ރޭވުމުގެ ބަދަލުގައި ބައެއް މީހުންނަށާއި ހާލަތްތަކުގައި ނޫނެކޭ ބުނަންޖެހޭ ފަހަރުވެސް އޮންނާނެއެވެ.

މީހާ ރުޅިގަދަވާ އެއް ސަބަބަކީ ހަމަ ނިދި ނުލިބުން ކަމުގައި މި އޮންނަނީވެފައެވެ. ހަމަ ނިދި ނުލިބޭނަމަ ރުންކުރުވެ ފަސޭހައިން ރުޅިއާދެވެއެވެ. ރޭގަނޑު ދަރިފުޅު ހޭލާނަމަ ވަރަށް ގިނަ ފަހަރަށް މަންމަމެންނަށް ދިމާވާ ކަމަކަށް މި އޮންނަނީ ހަށިގަނޑަށް ބޭނުންވާ އަރާމު ނުލިބި އަނެއް ދުވަސް ފަށަންޖެހިފައެވެ. މިކަން ހައްލުކުރުމަށް ބައެއް ފަހަރު ތުއްތު ދަރިފުޅާއި އެއްކޮށް ހޭލާ ހުންނަން ޖެހޭ ހާލަތްތަކުގައި ބައިވެރިޔާގެ އެހީ ހޯދިދާނެއެވެ.

ރުޅި އަންނަނީ ކުދި ކުދި ކަންތަކާއި ނަމަ، މިއީ މީގެ ހަމަސް ފަހު ވަރުން ދެން ރުޅި އަންނަން ޖެހޭނެ ސަބަބެއްތޯއާއި މެދު ވިސްނާލާށެވެ. އަދި ރުޅިމަޑުކުރުމަށް ގިނައިން ހިނިތުންވާށެވެ. ދަރިންނަށް މީގެން ކުރާ އަސަރާއި އުޅުމަށް އަންނަ ބަދަލު ފެންނާނެއެވެ. އަބަދު ރުޅިއައިސް ހުރުމަކީވެސް ފަސޭހަކަމެއްވެސް ނޫނެވެ. އެހެންކަމުން ރުޅި ކޮންޓްރޯލް ކުރުމަށް ދަސްކުރަންވެސް ކޮންމެހެން އެބަޖެހެއެވެ.