(17 ޖޫން 2019 އާ ގުޅޭ)
"ހެ ހެ ހެ.......އެއީވެސް މިހާރު ޒާރާ ގޮތަށް މިގޭ ކުއްޖެކޭ، އެހެންވީމަ ދާއިން އާއިއެކު އެއްނު އުޅޭނީ، އާދެބަލަ މިކޮޅަށް މަންމަ ކައިރިއަށް، ކީއްވެތަ ކޮޓަރިއަށް ތިދިޔައީ" މޫމިނާ ސޯފާގައި އިށިންނަމުން ބުނެލިއެވެ.
"ޒާ ބޭނުމެއްނޫން ދާން މަންހާ އާއިއެކު އެގޮތަށް ހުންނާކަށް، ބޭބީވެސް ދެރަވާނެއެއްނު، ހުރިހާ ކުދިން މަންހާދެކެ މާލޯބިވަންޏާ" ޒާރާ މޫމިނާގެ ގާތުގައި އައިސް އިށީނެއްކަމަކު އަދިވެސް އިނީ ހިތްހަމަ ނުޖެހިފައެވެ.
"ހޫމް.......މަންމައަށް އެނގިއްޖެ ތިވީގޮތެއް، ޒާރާއަށް އެނގެއެއްނު މަންހާ ބަލިވިކަން، އެހެންވީމަ ބަލިކުދިންނަށް ބޮޑަށް އަޅާލަން ވާނެއެއްނު.........ޒާރާ ބަލިވީމަވެސް ދާން އުޅެނީ އެހެންނު، ދަރިފުޅު ހިތްހަމަ ނުޖެހެންވީ ކަމެއް ނޫނޭއެއީ، މަންހާ އެއީ ވަރަށް ރަނގަޅު ކުއްޖެއްނު، ދަރިފުޅުދެކެވެސް ކިހާ ލޯބިވޭ މަންހާ، ރަނގަޅު ކުދިންނާއިމެދު ގޯސްކޮށް ހީކުރާކަށްނުވާނެ.........." މޫމިނާ ޒާރާއަށް ވިސްނާދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނައަށް މިވަގުތު މަންހާގެ ހާލަތު ޒާރާއަށް ބުނެދިނުން ރަނގަޅުނުވާނެ ކަމުގައި ވިސްނުނީތީ އެހެންގޮތަކުން ޒާރާ ރުއްސޭތޯ އުޅުނެވެ.
އިރުއޮއްސެމުންދިޔަ ވަގުތެވެ. ދާއިން އާއިއެކު މަންހާ ކާރުގައި އިންއިރު ދާއިން ކާރު ދުއްވަމުންދިޔައީ ވަރަށްވެސް މަޑުންނެވެ. މަންހާގެ އަތުގައި ހިފަހައްޓާލައިގެން އިނދެއެވެ.
"ދުނިޔޭގެ ހުރިހާ އުފަލެއް މަންހާއަށް........" ދާއިން މަންހާގެ އަތުގައި ބޮސްދެމުން ބުނެލިއެވެ. މަންހާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ދާއިން ހީވަނީ މުޅިން އެހެން މީހެއްހެންނެވެ. ދެފިޔަލިބިފައިވާނަމަ އޭނަ މިހާރު އުދުއްސައިގަންނާނެތާ ކިތަންމެ އިރެކެވެ. އެއުފާވެރިކަން ގިނަ ދުވަހަށް ދެމިގެން ދިއުމަށް ހިމޭނުންއިން މަންހާ ހިތާ ހިތާ ދުޢާކުރެއެވެ.
ރޭގަނޑު ނިދަންވިއިރުވެސް އެންމެންގެ ސަމާލުކަންހެން މަންހާއަށް ހުއްޓެމުންދިޔައެވެ. އެހެންނަމަވެސް މަންހާ އޭނަގެ މަންމަ ވަސީމާ މަތިން ވަރަށް ހަނދާންވެއެވެ. މަންމައަށް މިއުފާވެރި ޚަބަރު ދޭން ބޭނުންވެފައިވެއެވެ. ކާމޭޒު ކައިރިން ތެދުވިތަނާހެން ދާއިން އަވަސް އަވަހަށް މަންހާގެ އަތުގައި ހިފެހެއްޓިއެވެ. އަދި އޭނަގެ އެޕާރޓްމެންޓަށް ދިއުމަށް އެހީތެރިވިއެވެ.
ރޭގަނޑު ނުވައެއް ޖެހިއިރު މަންހާ ނިދުމުގެ ބަހާނާގައި އެނދަށްއެރިއެވެ. ނިދިނެއްކަމުގައި ވިޔަސް އޭނަހުރީ ކޮންމެވެސް ވަރަކަށް ވަރުބަލިވެފައެވެ. ދާއިންވެސް ޒާރާގެ ކައިރިއަށް ދިއުމަށް މަންހާގެ އެޕާރޓްމެންޓުން ނުކުތެވެ. ފަހުން އަންނާނަން ކަމުގައި ބުނަމުންނެވެ. އިރުކޮޅަކު އެނދުގައި އޮށޯވެލައިގެން އޮތް މަންހާ ތެދުވެ އެނދުގެ އަރިމަތީ ހުރި ކުޑަމޭޒުގެ މަތީ އޮތް ފޯނުނެގިއެވެ. ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު މަންހާ ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު ނަންބަރަކަށް ގުޅާލިއެވެ.
"ހެލޯ......" ބަދިގޭގައި އެއްޗެހި ހޫނު ކުރަން އުޅުނު ވަސީމާގެ ފޯނު ދެތިންފަހަރަށް ރިންގުވުމާއިއެކު އަވަސް އަވަހަށް ފޯނުނެގިއެވެ.
"މަންމާ.......މަންހާ......" މަންހާއަށް ބުނެވުނީ އެވަރަށެވެ. ވަސީމާ ރުޅިއައިސްފައި ވާހަކަދައްކަންފެށިއެވެ.
"ކޮންމަންހާއެއް، އަހަރެންގެ ނުހުންނާނެ މަންހާ ކިޔާދަރިއެއް......" ވަސީމާ މިހެން ބުނެލަމުން ވަގުތުން ފޯނު ކަނޑާލިއެވެ.
ދެވަނަ ފަހަރަށްވެސް މަންހާ ވަސީމާއަށް ގުޅިއެވެ. ފޯނު ނުނަގަން ހުރެވެސް ވަސީމާ ފޯނުނަގާފައި އެއްޗެހި ކިޔަންފެށިއެވެ.
"މަށަކަށް ގުޅާނެކަމެއްނެއް، މާރަނގަޅުގޮތް އޮތީމައެއްނު ތިއުޅެނީ........ހަނދާންކުރާތި ދެންމަށަށް ނުގުޅާތި، މަންމަ ކިޔާނެ މީހުން ހޯދައިގެންނު ތިއުޅެނީ........" ވަސީމާގެ ވާހަކަތައް ނުނިމެނިސް މަންހާގެ އަޑުއިވުނެވެ.
"މަންމާ، މަންމާ.........ޕްލީޒް ފޯނު ނުބާއްވައްޗޭ، އަޅުގަނޑުވެސް މަންމައަކަށްވަނީއޭ..........އިރާދަކުރެއްވިއްޔާ މަންމައަށް މާމަކިޔާނެ އިތުރު ކުއްޖަކު އުފަންވާކަށް ގިނަދުވަހެއްނެއް.......އަޅުގަނޑު މަންމަ މަތިން ވަރަށް ހަނދާންވޭ، މަންމާ އާދޭސްމިކުރަނީ އަޅުގަނޑަށް މާފުދެއްވާ، ލިބެން މިއުޅޭ މާމަ ދަރިފުޅަށްޓަކައިވިޔަސް.........." އަރުބެދިގެންގޮސް ރޮވުނު މަންހާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ދެންއިވުނީ ފޯނުކެނޑިގެން ދިޔައަޑެވެ. ފޯނުގެނެސް މޭގައި ޖައްސާލަމުން ކުރިއަށްވުރެ ބާރަށް މަންހާއަށް ރޮވުނެވެ.
ފޯނު ކަނޑާލުމަށްފަހު ފޯނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ވަސީމާއަށް ހޭވެރިކަމެއްވީ އުނދުންމަތީ ހުރި ރިހަކޮޅު ހިނދި ތެލީގެ ފުލުގައި ހިފިވަސް މުޅިތަނަށް ފެތުރިގެންދިއުމުންނެވެ. ލޯފޮހެލަމުން އަވަސް އަވަހަށް ގޮސް އުނދުން ނިވާލިއެވެ. އޭނަގެ ލޮލުން ކަރުނަ އައީއެވެ.
"މަންހާ މަންމައަކަށްވަނީތަ.........." ވަސީމާއަށް ހިތާހިތާ ސުވާލުކޮއްލެވުނެވެ.
"ވަސީ، ހާދަ އެހެންކަހަލަގެ ވަހެއް އެދުވަނީ........." ވަސީމާ ކޮޓަރިއަށް ނައިސް ގިނައިރުވެގެން ބަދިގެފަރާތަށް އައި ސަޢީދު ބުނެލިއެވެ.
"ހޫން، ވަހެއްދުވާތަ އެބަ، ހިނގާ ކޮޓަރިއަށް........އަދި ގިނައިރުތަކެއް ވެއްޖެތަ ތިއައީ" ވަސީމާގެ ވާހަކަދެއްކުން ހުރިގޮތުން ސަޢީދުއަށް ހައިރާންކަމެއް ލިބުނެވެ.
"މިހާރު ކިހިނެއްވީ، ކުއްލިއަކަށް މޫޑު ގޯސްވީ އަނެއްކާ ކިހިނެއްވީ......" ސަޢީދު އަހާލިއެވެ. ވަސީމާ ވަކިއެއްޗެއް ނުބުނެ ބާރަށް ހިނގާފައިގޮސް ކޮޓަރިއަށްވަނެވެ. އަދި ނިދަންލާ އެއްޗެހި ހިފައިގެން އޭނަ ފާހާނާއަށްވަނެވެ. ސަޢީދުއަށް މިވަނީ ކިހިނެއްކަމެއް ނޭގި އެނދުގައި ގޮސް އޮށޯތެވެ. އަދި ރިމޯޓުން ހުޅުވާފައިހުރި ޓީވީގެ ޗެނެލް ބަދަލުކުރަމުންދިޔައެވެ.
"މިރޭ ނިދަންވެސް ނާންނަ ރެއަކީތަ؟" ބޮޑާ ހާކާލާފަ ކޮޓަރި ސޯފާގައި އިން ޒާރާއަށް ދާއިން ބުނެލިއެވެ.
"ނޫޅެން........" ޒާރާ ކުރިއަށްވުރެ ބޮޑަށް ތުންދަމާލަމުން ދާއިންއަށް ނުބަލަން މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. އެނދުގައި އިށީނދެލައިގެން އިން ދާއިން ހީލަމުން ތެދުވެގެން އައިސް ޒާރާގެ ގާތުގައި ސޯފާގައި އިށީނެވެ. އެހިނދު ޒާރާ ދާއިން އާއި ދުރަށް ޖެހިލިއެވެ.
"ކިހިނެއްވީ........ޒާ ކައިރިއަށް ނާންނަންވީތަ؟" ދާއިން ބޯތިރިކޮއްލަމުން ޒާރާގެ މޫނަށް ބަލާލާފައި ބުނެލިއެވެ.
"ދާން އަބަދު މަންހާ ކައިރިއަށް ދަނީއެއްނު، ޒާއެކަނި ކޮއްލާފަ.........ދެން ކީއްކުރަން އަންނަނީ" ޒާރާ ލޯއަޅާލަމުން ބުނެލިއެވެ. ދާއިންއަށް ވިސްނުނީ ދެނެވެ.
"ޒާ ދެރަވީތަ؟ ސޮރީ އެނގޭ.........ދާން އަބަދުވެސް ލޯބިވަނީ ޒާދެކެއެއްނު، މަންހާއަށް މިހާރު ހުރިހާ ކުދިންގެ އެހީވެސް ބޭނުންވާނެ، އެހެންވެއޭ މަންހާ ކައިރީ ހުރީ......." ދާއިން ޒާރާގެ ހިތްހަމަޖައްސާދެވޭތޯ އުޅުނެވެ.
"އެއީ މަންހާ ބަލިވީމަތަ؟" ޒާރާ ސުވާލުކޮއްލިއެވެ.
"އާން، މަންހާ އެއީ ބަލިކުއްޖެއް، ބަލިކުދިންނަށް އެހީވާންވާނެއެއްނު.........." ދާއިން އަވަސް އަވަހަށް އެއްބަސްވިއެވެ.
"އެހެންވީރު އޯކޭ، މާފުކޮއްފިން.........." ކުޑަކުއްޖެއްފަދައިން ޒާރާ މިހެން ބުނެލަމުން އައިސް ދާއިންގެ އަތުގެ ތެރެއަށްވަނެވެ.
"ޒާދެކެވެސް ވަރަށް ލޯބިވޭ.......ދުވަހަކުވެސް ޒާދޫކޮށްނުލާނަން، ވަރަށް ވަރަށް ލޯބިވޭ" ދާއިން ޒާރާ އަތްދަނޑިމައްޗަށް އުފުލާލަމުން ޒާރާގެ ނިތުގައި ބޮސްދިނެވެ. އަދި ލޯތްބާއިއެކު ގޮސް އެނދުގައި ޒާރާ ބާއްވާލިއެވެ.
ޒާރާ އަތުގެތެރެއަށް ލައިގެން ނިތުގައި އަނެއްއަތް ބާއްވާލައިގެން ދާއިން އޮތްއިރު އޭނަގެ ހިތްއެދެނީ މަންހާގެ ހާލު ބަލާލުމަށެވެ. މިހާރު މަންހާ އޮންނާނީ ނިދާފަ ބާއޭ އޭނަގެ ހިތާ ސުވާލުކުރަމުންދިޔައެވެ. ނޫނީ ނުނިދާނަމަ ކުރާނީ ކީއްބާއޭ ހިތަށް އަރަމުންދިޔައެވެ. މީ ދުވަހަކުވެސް އޭނައަށް ވީގޮތެއްނޫނެވެ. ޒާރާ ކައިރީގައި އޮއްވަވެސް އޭނައަށް މަންހާ އާއިމެދު މާބޮޑަށް ވިސްނެނީއެވެ. އަނެއްކޮޅުން ޒާރާގެ ފުރަތަމަ ޝަކުވާ މިއަދު އަޑުއިވިއްޖެއެވެ. މަންހާ އާއި އެހާގާތްކޮށް އުޅުމުން އޭނަ ހިތްހަމަ ނުޖެހޭކަމެވެ. އެކަމަކު މަންހާއަކީވެސް އޭނަގެ އަންބެކެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭ މަންހާ އޭނައަށް ބައްޕަކިޔާނެ ދަރިއަކު އުފަންކުރާނެއެވެ. ޒާރާގެ މަތިން އޭނަ ފޫހިވީކީ ނޫނެވެ. އަދިވެސް އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް ޒާރާދެކެ ލޯބިވެއެވެ. ޒާރާ އާއި ނުލާ ދިރިއުޅުން ބައްޓަންކުރާކަށް އޭނަ ނުވިސްނައެވެ. އަލަތު އަނބިމީހާމަތިން ހަނދާންނެތޭހާއެއް އަދިނުވެއެވެ. އެހެންނަމަވެސް މަންހާގެ ޚާއްޞަކަންވެސް ކުޑައެއްނޫނެވެ. ދެހިޔާލުގައި ސިކުނޑި ހަމަހަމަ ކުރަމުން ދާއިން ދިޔައިރު އޭނައަށް ވިސްނަންޖެހިފައިވާ އެތަށް ކަމެއް އެބަހުއްޓެވެ.
ދާއިންއަށް ހޭލެވުނީ އާމުކޮށް ހޭލާ ގަޑިއަށްވުރެ ތަންކޮޅެއް ލަހުންނެވެ. އަވަސް އަވަހަށް ފެންވަރާ ތާޒާ ވެލައިގެން ނުކުތީ އޮފީހަށް ދިއުމަށެވެ. އޭރު ޒާރާ އާއި މޫމިނާ ކާމޭޒުދޮށުގައި ސައިބޯން އިނެވެ. މަންހާ ފެންނާކަށް ނެތެވެ. ސުވާލުކޮއްލަން ހިތައް އަރާފަވެސް ޒާރާއަށް ބަލާލަމުން ދާއިން އަވަހަށް އެޕާރޓްމެންޓުން ނުކުތީއެވެ.
"ހެލޯ، މަން......ހޭލާތަ ތިއުޅެނީ" އޮފީހުގެ ކެބިންގެ ތެރެއަށް ވަދެވުމާއިއެކު ދާއިން މަންހާއަށް ގުޅާލިއެވެ.
"ހޫމް......ހޭލައިފިން ވަރަށް ކުރިން" މަންހާ ބުނެލިއެވެ.
"ސައިބޮއެފިންތަ؟" ދާއިން އަހާލިއެވެ.
"ނޫން، ހެނދުނު ހެނދުނާ ކިރުތައްޓެއް ބޮއެގެން މިހިރީ، ދާއިން އާއިއެކު ސައިބޯނީ، އެންމެ ރަނގަޅުތަ" މަންހާ އޭނަގެ ހިތުގެ ދުލުން ހާމަކުރިއެވެ.
"މިހާރު އެހެރަގެން ދިހައެއް ޖަހަނީ، މަން ސައިބުއިނަމަ......މިހާރު އެހާ ލަސްވެގެންދެން ސައިނުބޮއެ ހުންނާކަށް ނުވާނެއެއްނު........" ދާއިން ބުނެލިއެވެ.
"ސޮރީ" ދާއިން ހިތްހަމަ ނުޖެހުނުހެން ހީވެ މަންހާ ބުނެލިއެވެ.
"އަހަރެން އެބަދަން......." ދާއިން މިހެން ބުނެލަމުން ފޯނު ކަނޑާލިއެވެ.
ފޯނު ހިފައިގެން އައިސް ސިޓިން ރޫމު ސޯފާގައި މަންހާ އޮށޯވެލިއެވެ. ދާއިން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ދޮރާ ދިމާލަށް އިރުއިރުކޮޅާ ބަލަމުން ދިޔަ މަންހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރީ ދޮރުންވަތް ދާއިންއެވެ. އޮފީސް އެއްޗެހީގައި އަބަދުވެސް ދާއިން ހިތްގައިމެވެ. އެހެނީ މަންހާއަށް އެންމެ ފުރަތަމަ ދާއިން ފެނުނީވެސް އެފަދަ ގޮތަކަށް ހުއްޓައެވެ. އަދިވެސް އެހާ ސްމާޓެވެ.
"ބަލައިގެން ތެދުވައްޗޭ........" ދާއިން ފެނި އަވަހަށް ތެދުވަން އުޅުނު މަންހާއަށް ދާއިން ބުނެލިއެވެ. މަންހާ ހިނިތުންވެލުމުން ދާއިން އެރީތި ކޯތާފަތުގައި ފިރުމާލިއެވެ. ހަމައެވަގުތު އިމީ އާއި ސޯފިއާ ސައިތަބައްހިފައިގެން އެ އެޕަރޓްމެންޓަށް ވަދެއްޖެއެވެ. ދާއިން އެމީހުންނަށް އެއެއްޗެހި ބަހައްޓަންވީތަން ދެއްކިއެވެ. އެއެޕާރޓްމެންޓު ހެދިފައިވަނީ ކައްކާ ކެވޭގޮތަށެވެ. ކައްކާ ބައިގެ އެއްފަރާތުގައި ހުރި ބިއްލޫރި ހަތަރެސްކަން މޭޒުގެ މަތީ ސައިތަބަށްތައް ބަހައްޓާފައި އިމީ އާއި ސޯފިއާ އެތަނުން ނުކުތެވެ.
ދާއިން މަންހާ ގޮވައިގެން ސައިބުއިމަށް ދިޔައެވެ. ދާއިންގެ މޫނުމަތީގައި ހިތްހަމަނުޖެހުމުގެ އެއްވެސް އަސަރެއް ނުވެއެވެ. މަންހާ އޭނަގެ ލޯބިވާ ދާއިންއަށް ރޮށިމޮޑެދީފައި އުލާއި ސަމްސާ ތައްޓަށް ލާދިނެވެ. ދާއިން އޭނަގެ ގާތުގައި ހުރި މަންހާގެ އުނަގަނޑުގައި ހިފާލައިގެން ހުރެ ކުދިކުދި ބޮސްދިނުންތަކުން މަންހާގެ ހިތްއުފާކޮއްދެމުންދިޔައެވެ. ލުއިލުއި ހީލުމުގެ އަޑާއިއެކު މަންހާވެސް މޭޒުގެ ކައިރީ އިށީނދެއްޖެއެވެ. ދާއިން އާއިއެކު ވަގުތު ހޭދަކޮއްލަން ލިބުމުން މަންހާ އިނީ ވަރަށްވެސް އުފަލުންނެވެ.
"ވާހަކައެއް ބުނަންތަ؟" މަންހާ ކާންއިނދެ ބުނެލިއެވެ.
"ހެ ހެ ހެ.....ބުނެބަލަ" ދާއިން މަންހާއަށް ބަލާލާފައި ހީލަމުން ބުނެލިއެވެ.
"ދާއިން އޮފީސް ހެދުމުގައި ހުންނައިރު ވަރަށް ސްމާޓް" މަންހާ އިސްޖަހާލަމުން ބުނެލިއެވެ.
"އެހެންތަ، ހަމައެކަނި އޮފީސް އެއްޗެހީގަތަ ސްމާޓްކަމަށް ދައްކަނީ......" ދާއިން ބުނެލިއެވެ.
ހެނދުނުގެ ނާސްތާ ކުރަމުން ދިޔައިރު ދާއިން އާއި މަންހާ އެކިއެކި ވާހަކަތައް ދައްކަމުންދިޔައެވެ. މަންހާގެ އާއިލާއަށް އޭނަ ބަލިވެއިންކަމުގެ އުފާވެރި ޚަބަރު ދީފިންތޯވެސް ދާއިން ސުވާލުކުރިއެވެ. އޭގެ ޖަވާބުގައި އަދި ނުދެން ކަމުގައި މަންހާ ބުންޏެވެ. އެދެމީހުންގެ ސަމާލުކަން ކުއްލިއަކަށް އެއެޕާރޓްމެންޓުގެ ދޮރާ ދިމާލަށް ދިޔައީ ކޮންމެވެސް މީހަކު އެޕާރޓްމެންޓުގެ ބެލްޖެހީމައެވެ. ދާއިން ކުޑަކޮށް ގޮނޑިފަހަތަށް ޖައްސާލާފައި ތެދުވަން އުޅެނިކޮށް އެޕާޓްމެންޓުގެ ދޮރު ހުޅުވާލަފައި ވަތް ޒާރާ ފެނިއްޖެއެވެ.
"ދާން، މިތާ ކީއްކުރަނީ؟ ސައިބޮނީތަ........" ޒާރާއަށް އެތެރެން ބޯދިއްކޮއްލި ދާއިން ފެނުމުން އަވަސް ފިޔަވަޅުގޮސް އެމީހުންގެ ކައިރީ ހުއްޓެމުން ބުނެލިއެވެ.
"ޒާ ވެސް ސައިބޯންވީނު" ދާއިންއަށް ބުނެލެވުނެވެ.
"ޒާ ސައިބޮއިފިން" ފާޑަކަށް ހުރެ މަންހާ އާއި ދާއިންއަށް ބަލާލާފައި ޒާރާ ބުނެލިއެވެ. ދާއިންއަށް އިތުރަށް ކެއުން އުނދަގޫވިއެވެ. ޒާރާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގޭތީއެވެ. މަންހާއަށްވެސް ޒާރާ ކުރިއާއި ހިލާފަށް ކޮންމެވެސް ވަރަކަށް ތަފާތުވެއްޖެކަން ފާހަގަވިއެވެ.
"ދެން ދަނީ އޮފީހަށް، މަންހާ ކަމެއް ބޭނުންވެއްޖެޔާ ގުޅައްޗޭ.........ޒާ ލޯބި ދަނީއެނގޭ، މިދަނީ އޮފީހަށް" ދާއިން މިހެންބުނެ ތެދުވެ އަވަސް އަވަހަށް ފެންތަށިން ފެންކޯވަރެއް ބޯލިއެވެ. އަދި އެތަނުން ނުކުތުމަށް އަވަސްވެގަތެވެ.
"ދާން މާގިނައިން މަންހާ ކައިރިއަށް އަންނަނީ........އެއީ ކީއްވެ؟ އެހާ ކްލޯސްކޮށް އުޅޭކަށްނުވާނެ، އެއީ ޒާގެ ހަޒްބަންޑް އޭ، އަނެއްކާ އަހަރުމެންގެ ދަރިފުޅެއްވެސް މިހާރު އެބައޮތް............މަންހާތީ ރަނގަޅު ކުއްޖެއްނު، ދެން ދާން އާ ވާހަކަ ނުދައްކައްޗޭ..........." ދާއިން ނުކުތުމާއިއެކު ޒާރާ މަންހާގެ ގާތުގައި ގޮޑިއެއް ދަމާލާފައި އިށިންނަމުން ވާހަކަ ދައްކަންފެށިއެވެ. މަންހާ އެއްވެސް އެއްޗެއްކޭ ނުބުނެ އިނީއެވެ. ބުނާނީ ކީކޭބާއޭ އަދި ޒާރާއަށް ވިސްނާދޭން ހަދާނީ ކިހިނެއްބާއޭ ހިތަށް އަރަމުންނެވެ.
މުޅި ދުވަހުހެން ޒާރާ އުޅުނީ މަންހާގެ ފަހަތުންނެވެ. އޭނަ ކުރާކަމެއް ބަލަމުންނެވެ. ހަވީރުގެ ވަގުތުގައި މަންހާ އޭނަގެ ބައްޕަ ސައީދުއަށް ގުޅައި އޭނަ ބަލިވެއިން ކަމުގެ އުފާވެރި ޚަބަރު ދިނެވެ. އަދި އާއިލާގެ ދެންތިބި ކުދިންނަށާއި ގާތް ރަޙުމަތްތެރިންނަށްވެސް މިޙަބަރު ދިނެވެ. އެންމެންވެސް ތިބީ މަންހާ ދެކިލާ ހިތުންނެވެ. އެހެންވެ ދުވަހެއް ކަނޑައެޅުމަށްފަހު މަންހާގެ އެޕާރޓްމެންޓުގައި ކެއުމެއް ތައްޔާރުކޮށް ހުރިހާ އެންމެނަށް ދައުވަތު ދޭން ނިންމިއެވެ.
އެދުވަހަށްފަހު ދާއިން އާއި މަންހާއަށް އެކަނިވެލާނޭ ފުރުޞަތެއް ޒާރާ ނުދެއެވެ. އެކަމާ ދާއިން ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ދުވަސްކޮޅުގެ ގޮތުން މަންހާއަށް އޭނަގެ ގާތްކަން ބޭނުންވާނެކަން އެނގޭތީ އާއިއެކުވެސްމެއެވެ. އެހެންނަމަވެސް ޒާރާގެ އުޅުންވެސް ދިޔައީ މަޑުމަޑުން ބަދަލުވަމުންނެވެ. އޭނަގެ އަމިއްލަ ހިޔާލުތަކަށްވުރެ ވަށައިގެން ހިނގާ ކަންތައްތަކަށް ވިސްނުން ހިންގާލެއް ގިނަވެއްޖެއެވެ. މަންހާ އޭނަގެ އެކަނިވެރިކަން އިޙްސާސްވިޔަ ނުދިނުމައްޓަކައި ކުރާނެ މަސައްކަތެއް ހޯދިއެވެ. އެގޭގައި ގެންގުޅޭ ކުއްޖާ އިމީ އާއި ގުޅިގެން ކައްކަން ދަސްކުރަން އޭނަ ފެށިއެވެ. އަދި ތަފާތު ކާނާ އާއި ޕޭސްޓްރީ އާއި ބެހޭ ފޮތްތައް ގަނެ އޭގައި ހުންނަ ރެސިޕީތައް ތައްޔާރުކުރަން ފެށިއެވެ. މޫމިނާ އާއި ޒާރާ ބައެއް ދުވަސް ދުވަހު މަންހާގެ ހުނަރުވެރިކަން ދެކިލުމަށް އެ އެޕާޓްމެންޓަށް އައިސް ތިބޭނެއެވެ. ކުރާކޮންމެ ކަމެއްވެސް މަންހާ ކުރަނީ އެހާވެސް ފުރިހަމައަށެވެ.
ފަތިހުގެ ވަގުތެވެ. މަންހާއަށް ހޭލެވުނީ އޭނަގެ ގާތަށް އެނދަށް މީހަކު އެރުމުންނެވެ. އެއްފަރާތަށް އެނބުރި ބަލާލިއިރު އޭނަގެ ގާތުގައި އޮތީ ދާއިންއެވެ.
"މަންހާ ނުހޭލައްޗޭ، އަހަރެން މިއައީ މިއެނދުގައި ނިދާލާ ހިތުން، އެންމެ ރަނގަޅުތަ؟" ދާއިން ލޯތްބާއިއެކު މަންހާގެ ނިތުގައި ބޮސްދީފައި ބުނެލިއެވެ. މަންހާ ބޯޖަހާލަމުން ކުރިން އޮތްގޮތަށް އެނބުރި ލޯމަރާލައިފިއެވެ. ދާއިން މަންހާގެ ފުރަގަހުން ބައްދާލައިގެން އޮވެ ދެލޯ މަރާލިއެވެ. އެހާ ކުޑަކުޑަ ވަގުތުކޮޅަކަށްވިޔަސް މަންހާ އާއި ގާތްވެލުމުން ދާއިންއަށް ބުނެދޭންވެސް ނޭގޭހާ ހިތްހަމަޖެހުން އިޙްސާސް ކުރެވިގެންދެއެވެ.
ދުވަސްތައް ދިގުނަމަވެސް މާޒީއާއިއެކުވަމުންދިޔައެވެ. އަށްމަހުގެ ބަނޑާއިއެކު މަންހާ ހަރަކާތްތެރިވެލާފައި އުޅޭއިރު އޭނައަށް އުނދަގޫވާހެންވެސް ހީނުވެއެވެ. މަޖީދީމަގުގައި އެއްފިހާރައިން ނުކުމެ އަނެއްފިހާރައަށް ވަންނަމުން އޭނަދިޔައެވެ. އޭނަ އާއިއެކު ޒާރާ އާއި ގެންގުޅޭ ކުއްޖާ އިމީ ހުއްޓެވެ. އަދި ކާރުގެ ޑްރައިވަރު އާމޯސްވެސް އެމީހުންގެ ފަހަތުން އުޅެއެވެ. މަންހާގެ ބަނޑުގައި އުފަންވުމަށް ތައްޔާރުވަމުންދިޔަ ދަރިފުޅަށް އެއްޗެހި ގަންނަމުން ދިޔައިރު ޒާރާ ދިޔައީ އޭނަގެ އަތުގައި އޮތްކުޑަކުޑަ ބުދަށް އެއްޗެހި ގަންނަމުންނެވެ. ފިހާރަތަކުގައި ތިބޭ މީހުން އެކަމާހެދި ޒާރާއަށް ވަރަށް ބަލައެވެ. އެހެންނަމަވެސް މަންހާގެ އެއްވެސް ފަރުވާލެއްނެތެވެ. އޭނަވެސް ޒާރާއަށް އެހީވަމުންދިޔައީ ޒާރާގެ ހިތްހަމަ ޖައްސާދިނުމަށެވެ.
ވިހެއުމުގެ ކަންތައްތައް މާކިންމެންގެ ދެމަފިރިންގެ ގާތުގައި މެލޭޝިޔާގައި ތިބެ ނިންމާލުމަށް އެދުނެއްކަމަކު މަންހާ ބޭނުންވީ މާލޭގައި ވިހެއުމަށެވެ. އޭނަގެ އާއިލާގެ މީހުންވެސް ތިބީ މިކޮޅުގައި ކަމަށްވާތީއެވެ. އެނިންމުމަށް އެންމެންވެސް އިޙްތިރާމް ކުރިއެވެ. މަންހާގެ އާއިލާގެ މެންބަރަކު ނާންނަ ދުވަހެއް މަދުވާނެއެވެ. އެހެންނަމަވެސް އަދިވެސް ވިޝާލްގެ ޚަބަރެއްވަނީ ހަފްތާއަކު އެއްދުވަހު ކަހަލަ ގޮތަކަށެވެ. އޭނަ ހުރީ މަންހާއަށްޓަކައި އުފަލުންނެވެ. އަމިއްލަ ހިތުގައި ހިފަހައްޓާލައިގެންނެވެ. އެހިތް ދުވަހަކުވެސް ބަދަލުނުވާނެކަން އެނގޭތީއެވެ. އެހެންނަމަވެސް މަންހާއަށް އޭނަ ބޭނުންވާފަދަ ރަޙުމަތްތެރިއަކަށް ވެވޭތޯވެސް މަސައްކަތްކުރެއެވެ.
"ހިނގާ ގެއަށް ދަމާދޯ، މިހާރު ޝޮޕިން ކުރެވިއްޖެކަންނޭގެ" މަންހާ ފިހާރައަކުން ނުކުންނަމުން ބުނެލިއެވެ.
"ބޭބީވެސް ވަރުބަލިވެއްޖެ" ޒާރާ އޭނަގެ އަތުގައި އޮތް ބުދަށް ބަލާލާފައި ބުނެލިއެވެ. އަދި މަންހާ އާއި އެއްކޮށް ހިނގައިގަތީ އާމޯސް ކާރު ޕާކުކޮއްފައި އޮތް ދިމާލަށް ދިއުމަށެވެ. ޒާރާ ބުދުގެ އަތުގައި ހިފާ އެލުވާލައިގެން ހިނގަމުންދިޔައެވެ. އެމީހުންގެ ކުރިމަތިން އައި ފިރިހެން ގުރޫޕަކަށް ތަންދެއްކުމަށް މަންހާ އެއްފަރާތަށް ޖެހިލިއެވެ. މަންހާ އާއި ޒާރާ އާއި ދެމީހުންގެ މެދުންލާފައި ބައެއް މީހުން ދިޔައިރު އެތަނުން އެކަކު ދިޔައީ ޒާރާގެ ގައިގާ ވަރަށް ބާރަށް ޖެހިގަނެފައެވެ. އެމީހަކު ގަސްދުގަ ކުރިކަމެއްކަން މަންހާއަށް އެނގުނެވެ. އެހެންނަމަވެސް އެއްޗެއް ބުނަން ނުކެރުނީ އެމީހަކު ހުރީ ހަމައިގައިކަންވެސް ޔަގީންނުވާތީއެވެ.
"މަގޭ ދަރިފުޅު......." ޒާރާ މިހެން ބުނިއަޑު މަންހާއަށް އިވުނެވެ. އޭނަ އަވަސް އަވަހަށް ޒާރާގެ އަތުގައި ހިފިއެވެ. އަދި ގެނެސް ގާތްކޮއްލިއެވެ. މަގުމައްޗަށް ވެއްޓިފައި އޮތް ބުދު މަންހާއަށް ފެނުނީ އެވަގުތުއެވެ. ޒާރާ ބުދުނަގަން ދާންވެގެން އުޅުނު ވަގުތަކީ ފެހި ސިގްނަލް ދިއްލި ދުއްވާއެއްޗެހިތައް ނައްޓާލިވަގުތެވެ. ޒާރާ މަސައްކަތްކުރީ އެބުދުނެގުމަށް ދުވާރުމަތިން ފޭބުމަށެވެ. އެހެންނަމަވެސް މަންހާ އޭނަގެ އަތުގައި ހިފެހެއްޓިގޮތަށް ދޫކޮށެއްނުލިއެވެ.
"ޒާރާ، އެހާބާރަށް އެއްޗެހިދުއްވާފަ އަންނައިރު އެކްސިޑެންޓެއްވެއްޖިއްޔާ މާދެރައެއްނު" މަންހަ ޒާރާގެ ގައިގާ ހިފަހައްޓަން މަސައްކަތް ކުރަމުން ބުނެލިއެވެ.
"މަގޭ ދަރިފުޅު.......މަގޭ ދަރިފުޅު" ޒާރާ ތެޅިގަތެވެ.
"ދަރިފުޅަށް އެއްވެސް ކަމެއް ނުވާނެއޭ" މަންހާ ޒާރާ ހަމައަކަށް އެޅުވުމަށް އުޅުނެވެ. އެހިނދު އައިސައިކަލެއްގެ ފުރޮޅުދަށުވެ ބުދު އަނެއްފަރާތަށް އެނބުރިގެން ދިޔަތަން ފެނުނެވެ. އަދި އެސްފިޔަ ޖަހާލާހާ ވަގުތުކޮޅެއްގެ ތެރޭ ޓެކްސީއެއްގެ ފުރޮޅުދަށުވި އެބުދުން މަންމާއޭ ބުނެލިއަޑުއިވުނެވެ. އޭގެ މެޔާދިމާލުގައިވާ ސްޕީކަރު ފުނޑުފުނޑުވި އަޑުވެސް އިވުނީ އެވަގުތުއެވެ. ޒާރާގެ ދެލޯބޮޑުވެ އަނގަހުޅުވިގެން ދިޔައެވެ. އިޙްތިޔާރަކާއިނުލާ ޒާރާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އެވަގުތު އެހިސާބުގައި ތިބި ހުރިހާ އެންމެންގެ ސަމާލުކަން ޒާރާ އާއި މަންހާއަށް ހުއްޓިގެންދިޔައެވެ.
"އިމީ........އާމޯސް......." މަންހާގެ އަތުގެތެރެއަށް ޚަބަރުހުސްވެގެން ވެއްޓެންދިޔަ ޒާރާގެ ގައިގާ ހިފަހައްޓާލަމުން މަންހާއަށް ގޮވާލެވުނެވެ. އިމީ އާއި އާމޯސް އަވަސް އަވަހަށް ޒާރާގެ ގައިގާ ހިފެހެއްޓިއެވެ.
"އާމޯސް އަވަހަށް ކާރުގެނޭ، ޒާއަށް މިހެންވާނެ ކަމަކަށް ހިއެއް ނުކުރަން" މަންހާ ކަންބޮޑުވިވަރުން ބުނެލިއެވެ. މަގުމަތީ ތިބި މީހުންތައް ވީގޮތެއް އޮޅުންފިލުވުމަށް މަންހާގެ ގާތަށް ޖެހުނެވެ.
(ނުނިމޭ)