ބިޒިނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުނީގައި މީގެ ކުރިން މަސްލަހަތުތަކެއް އޮތް ނަމަވެސް މިހާރު އެ ކުންފުންޏަކީ މަސްލަހަތެއް އޮތް ކުންފުންޏެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒަށް ސުވާލު ކުރުމަށް އޭނާ މަޖިލީހަށް ހާޒިރުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމުން މިނިސްޓަރު ފައްޔާޒު މިއަދު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ. މަޖިލީހުގެ ރިޔާސަތުން ބުނި ގޮތުގައި ޖާބިރު ހުށަހަޅާފައިވާ ސުވާލުތަކަކީ މަޖިލިސް ގަވާއިދު ތަންދޭ ސުވާލުތަކެއް ނޫނެވެ. ނަމަވެސް މިނިސްޓަރު ހާޒިރުވެވަޑައިގެންނެވީ އެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން މިނިސްޓަރަށް އަމިއްލަފުޅަށް ފެނިވަޑައިގެން ކަމަށް ރިޔާސަތުން ބުންޏެވެ.
މިނިސްޓަރު ފައްޔާޒު ހާރިޒުކޮށް މެންބަރު ޖާބިރު ވަނީ މައިގަނޑު ތިން ސުވާލެއް ކުރައްވާފަ އެވެ. ޖާބިރު ކުރެއްވި ފުރަތަމަ ސުވާލަކީ ބިގް ކުންފުންޏަކީ މިނިސްޓަރުގެ މަސްލަހަތު އޮތް ކުންފުންޏެއްތޯއެވެ. ދެވަނަ ސުވާލަކީ ބިގް ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި މިނިސްތަރު އާއިލާ މެންބަރަކު ނުވަތަ ގާތް ރައްޓެސަކު ހިމެނިފައިވޭތޯއެވެ. ތިންވަނަ ސުވާލަކީ ބިގް ކުންފުންޏާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރެއްްވި ހުކުމް އިސްތިއުނާފު ކުރުމުގައާއި ދައުލަތުން ކުންފުންޏަށް ފައިސާ ހޯދުމުގައި މިނިސްޓަރުގެ އެއްވެސް ދައުރެއްވޭތޯ އެވެ.
ފުރަތަމަ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބިގް ކުންފުންޏަކީ މީގެ ކުރިން އޭނާގެ މަސްލަހަތު ވަރަށް "ބިގްކޮށް" އޮތް ކުންފުންޏެއް ކަމަށެވެ. ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ މަސައްކަތުން ވަކިވެވަޑައިގެންފައިވާނެ ކަމަށާއި އޭގެ ފަހުން ކުންފުނީގެ އެއްވެސް މަސްލަހަތެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޖާބިރު ކުރެއްވި ދެވަނަ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ބިގް ކުންފުންޏަކީ މިނިސްޓަރާއި އޭނާގެ ވަރަށް ގާތް ބަޔަކު ގުޅިގެން ވުޖޫދަށް ގެނައި ކުންފުންޏެއް ކަމަށެވެ. އެހެންކަމުން ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި އޭނާގެ ވަރަށް ގާތް ރަހުމަތްތެރީންނާއި އާއިލާ ބޭފުޅުން ހިމެނިވަޑަިއގަންނަވާނެ ކަމަށް ވިދާޅުވި އެވެ. މިހާރު ވެސް އޭނާގެ ބޭބޭފުޅުގެ ހިއްސާ އޮންނާނެ ކަމަށާއި ނަމަވެސް ކުންފުނީގެ އެހެން ހިއްސާތައް އޮތް ގޮތެއް މިހާރު އެނގިވަޑައިގަންނުގަންނަވާ ކަމަށެވެ
"އެއްކޮށް ކުޑައިރު އެކީގަ އުޅުނު މީހުންނާ އެކީގައި އުފެއްދި ކުންފުންޏެއް އެއީ. އަދި އަޅުގަނޑުގެ ތިމާގެ މީހުން ވެސް އެއްބަނޑު އެއްބަފާ މީހުންނާ އެކީ ވެސް. މިއަދު އަޅުގަނޑަށް ދަންނަވާކަށް ނޭނގެ މިހާރު އެ ކުންފުނީގެ ހިއްސާތައް އޮތީ ކިހިނެއް ކަމެއް. ނަމަވެސް ޔަގީންކަމާއެކު ދަންނަވަން ކެރޭ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެގެ ހިއްސާ އެ ކުންފުނީގައި މިއަދު ވެސް އެބައޮތް ކަން." މިނިސްޓަރު ވިދާޅުވި އެވެ.
ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގައި މިނިސްޓަރުގެ އެއްވެސް ދައުރެއް އޮތް ކަމަށް ދެކެވޭ ވާހަކަ މިނިސްޓަރު ދޮގު ކުރެއްވި އެވެ. އަދި ވިދާޅުވީ ބިގް ކުންފުންޏަށް ފައިސާ ހޯދުމުގައި ދައުލަތުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާނެ ކަމަށާއި މަސައްކަތް ކުރެއްވީ އެފަދަ މައްސަލަތަކުގައި ދައުލަތަށް ބުރަ ނުވާނެ ގޮތަކަށް އެ މައްސަލަތައް ނިމޭނެ ގޮތަށް ހޯދުމަށް ކަމަށެވެ.
"އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ވިޔަފާރިތައް ފުނޑުފުނޑުކޮށްލާ އެއިރުގެ ސަރުކާރުން ދިން ގެއްލުންތައް އަޅުގަނޑުމެން ވަޒަންކޮށްލިއިރުގައި ދެ ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވިފައިވަނީ. އެހެންވެ ސަރުކާރަށް އައިސްދާނެ ބޮޑު ބުރައަކުން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑު ވަކާލާތު ކުރިން ސަަރުކާރުގެ ތެރޭގައި މިހެން ހުރި ހުރިހާ މައްސަލަތަކެއް ދައުލަތަށް ބުރަ ނުވާނެ ގޮތަކަށް ވާހަކަ ދައްކާލައިގެން އަދުލުވެރި ގޮތަކަށް ނިންމޭނެ އިންތިޒާމެއް ހަމަޖައްސަން. އެއީ ނުފޫޒު ކަމަށްވަންޏާ އަޅުގަނޑުގެ ނުފޫޒު ވަރަށް ބޮޑަށް އެބައޮތް." މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އެ ސުވާލުތަކަކީ އޭނާގެ ޒާތީ ސުވާލުތަކަކަށްވާތީ މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާ ސުވާލުތަކެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޖޫން 7، 2016 ގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދިނުމަށެވެ. އެ ހުކުމް ކުރީ އެމްއެންބީސީއާއެކު ހެދި ވެފައިވާ އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. ބާކީ 72.9 މިލިއަން ރުފިޔާއަކީ ޖޫރިމަނާ އެވެ.