ގުޅީފަޅުގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ހެދުމުގެ މަސައްކަތް ކުރަން ގުޅިފަޅު ހިއްކަން ބިޑަށް ނުލައި ކުންފުންޏަކަށް ހަވާލު ކުރި މައްސަލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.
ބިޑަށް ނުލައި ގުޅިފަޅު ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ދިނީ ހޮލެންޑްގެ ބޮސްކާލިސް ކުންފުންޏަށެވެ. އެ ކުންފުންޏަށް އެ މަޝްރޫއު ހަވާލު ކުރީ 53 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 817 މިލިއަން ރުފިޔާ) އަށެވެ.
އެކަމާ ގުޅިގެން، ފައްޔާޒާ ޑީއާރުޕީގެ ލީޑަރު ޖާބިރުގެ ފަރާތުން ހަތަރު ސުވާލެއް ކުރަން ވަނީ ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި އެ މަޝްރޫއު ހަވާލުކުރުމުން ފައްޔާޒަށް އަމިއްލަ މަންފާއެއް ލިބިފައިވޭތޯ އާއި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ނުކުރީ ކީއްވެތޯ ސާފު ކުރައްވަން ޖާބިރު ވަނީ ހިމަނުއްވައިފަ އެވެ.
ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ބިޑަށް ނުލައި ކުންފުންޏަކަށް ހަވާލު ކުރުމުން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ކަނޑައަޅާ މަޝްރޫއެއް ހިންގަން ބިޑް ކުރުމަކާ ނުލައި ކެބިނެޓުން ނުވަތަ ކެބިނެޓްގެ
ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ކުންފުންޏަކަށް ހަވާލު ކުރެވިދާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ވެ އެވެ. މާލިއްޔަތު ގަވާއިދު އެހެން އޮތުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އޮވެ އެވެ.
ނަމަވެސް، އެ މުއާމަލާތުގައި އެއްވެސް ވަރަކަށް ކޮރަޕްޝަނެއް ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.