ދުނިޔެ

އިންޑިއާގެ ޗެންނާއީ ފެނަށް ޖެހިއްޖެ

އިންޑިއާގެ ދެކުނުގައި އޮންނަ ޗެންނާއީން ބޯފެން ހުސްވެ އެ ސިޓީގެ ރައްޔިތުން ފެނަށް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޗެންނާއީގެ ރައްޔިތުންނަށް ފެން ލިބޭނެ އިތުރު ގޮތްތައް ހޯދަން އެ ގައުމުގެ ސަރުކާރުން އަވަސްވެގެންފައި ވާއިރު ސަރުކާރުގެ ފެން ތާނގީތައް ކައިރިން ފެން ނަގަން ގޮސްތިބި އާންމުންނަށް އެތައް ގަޑިއިރެއް ވަންދެން ކިއުތަކުގައި މަޑުކޮށްގެން ތިބެން ވަނީ މަޖުބޫރުވެފަ އެވެ.

ފެން ނެތުމުގެ ސަބަބުން ގިނަ އަދަދެއްގެ ހޮޓާތަކާއި ރެސްޓޯރަންޓްތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. އަދި ބޭނުން ކުރާ ފެން މަދު ކުރުމަށްޓަކައި ޗެންނާއީ މެޓްރޯ ރޭލްވޭ ސްޓޭޝަންގެ ދަތުރުތައް ކުރަމުން ދަނީ އެއާކޯންތައް ނިއްވާލައިގެނެވެ. އަދި އޮފީހުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކުފެ މަސައްކަތްތައް ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

ޗެންނާއީ އިސް އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވާރޭ ވެހިގެން ނޫން ގޮތަކަށް ޗެންނާއީއަށް ފެނުގެ ދަތިކަމުން އަރައިގަނެވެން ނެތް ކަމަށެވެ.

އިންޑިއާގެ ހަވަނައަށް އެންމެ ބޮޑު ސިޓީގެ ގޮތުގައި އޮތް ޗެންނާއީގައި ފެނަށް ދަތިވަމުން އަންނަތާ ހަފުތާތަކެއް ފާއިތުވެފައި ވާއިރު މިދިޔަ ހަފުތާގައި ދެ އަވަށްޓެރިއެއްގެ މެދުގައި ޖެހުނު ފެނުގެ މައްސަލައެއްގައި އެކަކު ވަނީ އަނެއް މީހާގެ ގަޔަށް ވަޅިވެސް ޖަހާފަ އެވެ.

ޗެންނާއީގެ ކަމާ ގުޅުންހުރި ފަރާތްތަކުން ބުނަނީ ކަންބޮޑުވަނީ ބޯފެން ރައްކާކޮށްފައިވާ ތަންތަނުން ފެން ހުސްވެފައި ވުމާއި ބިމު އަޑީގެ ފެނުގެ ލެވެލް މާބޮޑަށް ތިރިއަށް ގޮސްފައިވާތީ ކަމަށެވެ.

ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ ނައްކަރީން ބުނީ ބިމުއަޑީގެ ފެނުގެ ލެވެލް ރަނގަޅު ކޮށްގެން ނޫން ގޮތަކަށް ފެނުގެ ދަތިކަން ހައްލު ކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

ޗެންނާއީ ވޯޓާ ޑިޕާޓްމަންޓްގެ ފެން ލޮރީތަކުން އާންމުންނަށް ފެން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާއިރު އެ ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ މި އަހަރު ވާރޭ ނުވެހި ހިނގައްޖެނަމަ ޗެންނާއީއަށް އިތުރު ހަގީގީ ދައްޗާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.