ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ އިމުން ބޭރުވެ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަންނަ ނަމަ މަޖިލީހުގެ ބާރުތައް ބޭނުން ކޮށްގެން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް މަޖިލީހުން އިގުރާރުވާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުމުގެ މައްޗަށް ބިނާކޮށް ރައްޔިތުން މަޖިލީހުން ނިންމާ ނިންމުންތައް ބާތިލު ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު އަމުރާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.
ހިސާން ހުށަހެޅުއުވި ގަރާރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި އެ ކޯޓުން މިދިޔަ ހޯމަ ދުވަހާއި އިއްޔެ ނެރުނު އަމުރުގައި ޖޭއެސްސީގެ ނިންމުންތަކަށް ގޮތް ކަނޑައެޅުމުގެ ބާރު މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެން ނުވާނެ ކަމަށް ބުނެފައި އޮތުމަކީ މަޖިލީހުގެ ބާރުތަކާއި ރައްޔިތުންގެ ސީދާ ބާރު ހަނި ކުރުމުގެ އަމަލެއް ކަމަށެވެ.
އަދި އެ އަމުރަށް ތަބާވާނަމަ އެއީ ގާނޫނުއަސާސީއިން މަޖިލީހަށް ލިބިފައިވާ ބާރުތައް ދޫކޮށްލުން ކަމަށާއި އޭގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމް ބޮއްސުންލާނެ ކަމެއް ކަމަށެވެ.
ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ރައްޔިތުންގެ މަޖިލީހުގެ ކަން ކުރާނެ ގޮތް ކިޔުމާއި މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކަށް ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަން މަސައްކަތްތައް ކަނޑައެޅުމުގެ ބާރު ލިބިގެން ނުވާކަން ގާނޫނުއަސާސީ އާއި ގާނޫނުތަކުން ސާފުކޮށް އެނގެން އޮންނަ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
އަދި ދުނިޔޭގެ އެކި ހިސާބުތުގައި ވެސް މަޖިލީހުގައި ހިނގާ ކަމެއްގައި ބަހުސްކޮށް ވާހަކަ ދައްކާ އެ ނިންމުމެއް މުރާޖާ ކުރަނީ ހަމައެކަނި މަޖިލީހުން ކަމަށެވެ.
މަޖިލީހުގެ މަސައްކަތަށް ނުފޫޒު ފޯރުވާ މަޖިލީހުގެ މައްޗަށް ބަސް ބުނުމަކީ އެއްވެސް ބައެއްގެ މައްޗަށް އޮތް ބާރެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ ދެ އަމުރަކީ މަޖިލީހުގެ އެއްވެސް މެންބަރަކު ބަނދެވޭ އަމުރެއް ނޫން ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
އެއީ މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެވޭ ގޮތަށް ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް އިގުރާރުވާ ކަމަށާއި ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ އިމުގެ ތެރޭގައި ދެމި އޮތުމަށް އިރުޝާދު ދޭ ކަމަށެވެ. އަދި އެ ބާރުތަކުގެ އިމުން ބޭރުވެ މަޖިލީހަށް ލިބިފައިވާ އެއްވެސް ބާރަކަށް އަރައިގަނެ މަޖިލީހަށް ނުފޫޒެއް ފޯރުވައިފި ނަމަ މަޖިލީހުގެ ބާރުތައް ނެގެހެއްޓުމަށް އަޅަން ޖެހޭ ކޮންްމެ ފިޔަވަޅެއް އަޅަން އިގުރާރުވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ހިސާން ހުށަހެޅުއްވި އެ ގަރާރާ މެދު ގޮތެއް ނިންމަން މިއަދު ވޯޓަށް އަހާނެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާބެހޭ މައްސަލާގެ ބަހުސް ނިންމާ ވޯޓާ ހަމައަށް ދަންދެން ޖަލްސާ ކުރިޔަށް ގެންދަންށެވެ.