ރައްޔިތުންގެ މަޖިލިސް

ދައުރުގެ ފަހު ޖަލްސާ، މުހިންމު ނިންމުންތަކެއް

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ފަހު ޖަލްސާގައި މުހިންމު ނިންމުންތަކެއް ނިންމަން އެޖެންޑާ ކޮށްފި އެވެ. ފަހު ޖަލްސާ އޮންނާނީ މާދާމާއެވެ. ޖަލްސާ ފެށޭނީ 10:00 ގައެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ބޭފުޅަކު އަައްޔަން ކުރުމާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ފޮނުއްވާފައިވާ ދެ ބޭފުޅުންނާމެދު ގޮތް ނިންމުމާއި، ޖޭއެސްސީއަށް އާންމުންގެ ފަރާތުން ހަމަޖައްސަވާނެ ބޭފުޅަކު ނިންމުން ހިމެނެއެވެ.

ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ހަމަޖެއްސުމަށް މަޖިލީހުގެ ކޮމެޓީން ނިންމާފައިވަނީ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމެވެ. ޝަމީމްގެ ނަން ބޮޑު އަގްލަބިއްޔަތަކުން މާދަމާގެ ޖަލްސާގައި ފާސްކުރާނެ ކަމަށް ބެލެވެއެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ ކުރިން ސުޕްރީމްކޯޓްގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު މުއުތަސިމް އަދުނާނެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ފޮނުއްވާފައިވަނީ ކުރީގެ ބަންޑާރަ ނާއިބް އަދި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދެވެ. މި ދެ ބޭފުޅުންނަށްވެސް މަޖިލީހުގެ ބޮޑު އަގްލަބިއްޔަތަކުން ރުހުން ދިނުމަށް މާދަމާގެ ޖަލްސާގައި ފާސްކުރާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ޖޭއެސްސީއަށް އާންމުންގެ ފަރާތުން ހަމަޖައްސަވާނެ ބޭފުޅަކާމެދުވެސް ގޮތް ނިންމާނެއެވެ.

އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ ކޮމެޓީން ފާސްކުރި ދެ ބޭފުޅުން ކަމަށްވާ ހުސައިން އަމްރާއި އަހްމަދު ސާވީގެ ނަމަށެވެ.

އަދި ދައުލަތުން އެކި ފަރާތްތަކާއެކުވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްޒާމްތަކާމެދު ގެންގުޅޭ އުސޫލްތައް މުރާޖައާކޮށް، ދައުލަތަށް ބުރަ ނުވާނޭ އުސޫލެއް ގާއިމްކުރުމަށް ގޮވާލާ މަޖިލީހަށް ހުށައަޅާފައިވާ ގަރާރާ ގުޅޭގޮތުންވެސް މާދާމާގެ ޖަލްސާގައި ގޮތްތަކެއް ނިންމާނެއެވެ. މިއީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައަޅުއްވާފައިވާ ގަރާރެކެވެ.

ދައުރުގެ ފަހު ޖަލްސާއަށް ވަރަށް ގިނަ ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ. އެގޮތުން މަދަނީ އިޖްރާއަތުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ބެހޭ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، ތައުލީމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، ދިވެހިރާއްޖޭގެ ޗާޑަޓް އެކައުންޓެންޓުންގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، އެއްމެދު އިމާރާތުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، ދިވެހިރާއްޖޭގެ މަތީ ތައުލީމްގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް (ލޮކް ސަބާ) އާއި ދެމެދު ވެވޭ މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންއާ ގުޅޭ މައްސަލަވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވާއިރު މި ދައުރު ދިގު ދަންމާލަން ދެ ފަހަރެއްގެ މަތިން ވަނީ ނިންމާފައެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން ނޮވެންބަރު މަހަށްފަހު މަޖިލީސް ދާނީ ޗުއްޓީއަށެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅިި ރެކޯޑް ބަޖެޓް ވަނީ ފާސްކޮށްފައެވެ.