މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ފެން ބޮޑު ވެދާނެތީ ބައެއް ރަށްރަށުގައި ވެލި ބަސްތާ ޖަހަނީ

މޫސުން ގޯސްވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއިގައި ފެން ބޮނޑުވި ރަށްރަށަށް އިތުރަށް ވާރޭ ވެހިދާނެ ކަމަށް ލަފާ ކުރެވޭތީ އެފަދަ ރަށްރަށުގެ ގޭގެއަށް ފެން ނުވަންނާނެ ގޮތަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ފަށައިފި އެވެ.

އެންޑީއެމްއޭގެ ޑިރެކްޓާ ޖެނެރަލް ސަފީނާޒް ހަސަން ވިދާޅުވީ، ފުވައްމުލަކަށް ރޭ ކުރި ވިއްސާރައިގައި އެރަށު ޗަކަބިން ސަރަހައްދުގެ ގޭގޭގައި ފެން ބޮނޑުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަަދި އިތުރު ގެއްލުންތައް ލިދާނެތީ ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ކައުންސިލުން ކުރަމުން ގެންދާ ކަމަށެވެ.

ވިއްސާރައިގައި އެ ރަށުގެ 13 ގެއަކަށް ފެން ވަދެފައި ވެއެވެ.

ދ. މާއެނބޫދޫ އުދަ އަރައި ފެން ބޮނޑުވެފައިވީ ނަމަވެސް ހިފާ ގެންގުޅޭ އެއްޗަކަށް ގެއްލުން ލިބިފައި ވާކަމުގެ ރިޕޯޓް ލިބިފައި ނެތް ކަމަށެވެ. އުދަ އެރުމުގެ ސަބަބުން މާއެނބޫދޫގައި ހައްދާފައި ހުރި މިރުހާއި ކޮފީފަތް ގަސްތަކަށް ލޮނުގެ އަސަރު ކޮށްފައިވެ އެވެ.

ރާއްޖެއަށް މޫސުން ގޯސްވެ މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭތީ ސަމާލުވެ ތިބެން މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން އައްޑު އަތޮޅައި ހަމައަށް ވައިޓް އެލާޓެއް ނެރެފަ އެވެ. މި ދެ މެދުގެ އަތޮޅުތަކަށް ބޯކަށް ވާރޭ ވެހި، ކޮޅިގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.